ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ހުއްޓައިލުމަށް ބާރުއެޅުމުގެ ގޮތުންނާއި އިސްލާމީ ދުނިޔޭގެ އެއްބައިވަންތަކަން ހާމަކުރުމަށް މިދިޔަ ހޮނިހިރުދުވަހު ސައޫދީ އަރަބިޔާގައި ޚާއްސަ ސަމިޓެއް ވަނީ ބާއްވައިފައެވެ. މި ސަމިޓުގައި ބައިވެރިވީ އަރަބި ގައުމުތަކުގެ ޖަމިއްޔާކަމަށްވާ އަރަބި ލީގުގެ މެންބަރު ގައުމުތަކާއި އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯއައިސީގެ މެންބަރު ގައުމުތަކުގެ ވެރިންނެވެ. ސަމިޓުގެ ބައިވެރިން ވަނީ އިޒްރޭލުގެ އުދުވާން ވަގުތުން ހުއްޓައިލުމަށް ގޮވާލައިފައެވެ. މި އުދުވާނަކީ އަމިއްލަ ދިފާއުގައި ހިންގާ ހަރަކާތެއްކަމަށް އިޒްރޭލުން ބުނާބުނުން ކުށްވެރިކޮށްފައިވެއެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްތިއުމާރީ ބާރަކުން ހިންގާ ލާއިންސާނީ ބޮޑުވެގެންވާ ޖަރީމާއެއްކަމަށާއި އިޒްރޭލުން ހިންގަމުން އެގެންދަނީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށްވެސް ސިފަކޮށްފައިވެއެވެ. އިޒްރޭލަށް ހަތިޔާރު ދިނުމާއި ވިއްކުން ހުއްޓައިލުމާއެކު ގާޒާ ހުޅުވައިލުމަށްވެސް ގޮވާލާފައިވެއެވެ.
ސައުދީ އަރަބިޔާގެ ވެރިރަށް ރިޔާޒުގައި ބޭއްވި މި ސަމިޓުގެ ބައިވެރިން ވަނީ އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވައި ގާޒާގެ ރައްޔިތުން ހިމާޔަތް ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވަރުގަދަ ގަރާރެއް ފާސްކުރުމަށްވެސް ގޮވާލައިފައެވެ. އެންމެ ފުރަތަމަ ހަމަޖެހިފައިއޮތީ އަރަބި ލީގުގެ ބާވީސް ގައުމުގެ ވެރިންގެ ސަމިޓެއް ބޭއްވުމަށެވެ. އެހެންނަމަވެސް ފަހުން ނިންމީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ އެންމެހައި މެމްބަރު ގައުމުތައްވެސް ހިމެނޭހެން ބޮޑު ސަމިޓެއް ބޭއްވުމަށެވެ. އޯއައިސީއަކީ އިސްލާމުންނަށް އަޣުލަބިއްޔަތު ލިބިފައިވާ 57 ގައުމު ހިމެނޭ ޖަމިއްޔާއެކެވެ. އަރަބި ލީގުގެ އެންމެހައި މެންބަރުންނަކީވެސް އޯއައިސީގެ މެންބަރު ގައުމުތަކެވެ. މިފަހަރުގެ މި ސަމިޓުގައި މިސްރުގެ ރައީސް އަބްދުލްފައްތާހު އައްސީސީ އާއި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާއި އީރާނުގެ ރައީސް އިބްރާހިމް ރައީސީ އާއި އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އޯއައިސީގެ ގައުމުތަކުގެ ތެރެއިން ޖުމްލަ 51 ގައުމުގެ ވެރިން ބައިވެރިވެވަޑައިގެންނެވި މި ސަމިޓުގެ ގުޅިފައިވާ ބަޔާނުގައި މަތީގައި ނަންގަނެވުނު ކަންކަމަށް އެއްބަސްވެވުނު ކަމަށްވިއަސް ސަމިޓަށް ހުށައެޅި ބަހުސްކުރެވުނު ބައެއް ކަންކަމަށް އެއްބަހެއް ނުވެވުނެވެ. އޭގެތެރެއިން ފާހަގަކުރެވޭ ދެ ކަމަކީ އީރާނުގެ ހުށައެޅުންތަކެކެވެ. އެއްކަމަކީ އިސްލާމީ އެންމެހައި ގައުމުތަކުން އިޒްރޭލާ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމެވެ. އަނެއްކަމަކީ ފަލަސްތީނުގެ މުޖާހިދުންނަށް އިސްލާމީ އެންމެހައި ގައުމުތަކުން ހަތިޔާރާއި ފައިސާ ދިނުމެވެ. އީރާނުގެ މި ހުށައެޅުންތަކާ އެންމެ ބޮޑަށް ދެކޮޅުހެދީ ސައޫދީ އަރަބިޔާ އާއި ގަލްފުގެ ގައުމުތަކުންނެވެ. ގަތަރާއި ކުވޭތާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނޭގޮތުންނެވެ. މި ގައުމުތަކަކީ ކުރީއްސުރެވެސް ހަމާސް ޖަމާއަތާއި ސިޔާސީގޮތުން ދެކޮޅު ގައުމުތަކެކެވެ. އެއީ މި ގައުމުތަކުން އީރާނާ ދޭތެރޭ ގެންގުޅޭ ސިޔާސަތެއްގެ ސަބަބުންނެވެ. އެމީހުން ގަބޫލުކުރާގޮތުގައި ހަމާސްއަކީ އީރާނުގެ ޕްރޮކްސީއެކެވެ. ބައިވެރިއެކެވެ.
މި ސަމިޓުގައި އީރާނުގެ ރައީސް އިބްރާހިމް ރައީސީ ބައިވެރިވެވަޑައިގެންނެވުމަކީވެސް އޭގެ ޒާތުގައި ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިއީ ފާއިތުވި އެގާރަ އަހަރުގެ ތެރޭގައި އީރާނުގެ ރައީސަކު ސައޫދީ އަރަބިޔާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އީރާނުގެ ރައީސީ އާއި ތުރުކީގެ އުރުދުޣާނަކީ އިސްލާމީ ދުނިޔޭގައި މިހާރު އެންމެ ނުފޫޒުގަދަ ދެ ލީޑަރުންނެވެ. ކޮންމެއަކަސް މި ސަމިޓުގެ ގުޅިފައިވާ ބަޔާނުގައި އިޒްރޭލާ ގުޅުން ކަނޑައިލުމަށާއި ފަލަސްތީނުގެ މުޖާހިދުންނަށް އެހީތެރިވުން ލާޒިމުކޮށްފައި ނެތުމަކީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކަށް ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ. އިސްލާމީ ދުނިޔޭގައި އީރާން ބޭނުންހާ ކަމެއް ނުކުރެވޭނޭ ކަމުގެ މެސެޖު ލިބުމުންނެވެ. މިހިސާބުން އުފެދޭ ސުވާލަކީ މި ސަމިޓުގެ ސަބަބުން ގާޒާގެ ހާލަތަށް އަންނާނީ ކޮން ބަދަލެއްތޯއެވެ. އިޒްރޭލުގެ ޖަރީމާތައް ހުއްޓައިލާނެތޯއެވެ. އިޒްރޭލު މައިތިރިކުރުމަށްޓަކައި ހުޅަނގުގެ ގައުމުތަކުން އިތުރު މަސައްކަތްތަކެއް ކޮށްފާނެތޯއެވެ.
އިސްލާމީ ގައުމުތަކުގެ ސަމިޓުން ކޮންމެ އެއްޗެއް ފާސްކުރިއަސް އެއީ އިޒްރޭލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫގެ ސަރުކާރުން މާބޮޑު ފަރުވާލެއް ބަހައްޓާނެ އެއްޗަކަށް ނުވާނެއެވެ. އެހެންނަމަވެސް އިޒްރޭލަށް މަދަދުކުރާ ހުޅަނގުގެ ގައުމުތަކަށް މިފަދަ ނިންމުމަކާމެދު ސީރިއަސްކޮށް ވިސްނަން މަޖުބޫރުވާނެއެވެ. އެއީ ދުނިޔޭގެ ލީޑަރޝިޕްގައި ދެމިތިބުމަށްޓަކައި މުހިންމު ކަމަކަށްވާތީއެވެ. ހަމައެކަނި އިޒްރޭލުގެ ހައްގުގައި މުޅި އިސްލާމީ ދުނިޔެއާ އަދާވާތްތެރިވެގަތުމަކީ ހުޅަނގުގެ މަސްލަހަތުކަމަށްވެސް ނުވާތީއެވެ. ގާޒާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން މެދުކަނޑައިލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ގޮވައިލެއްވި ގޮވައިލެއްވުމަށް އިޒްރޭލުން އިޖާބަދީފައިނުވާތީ ނަތަންޔާހޫގެ ސަރުކާރާމެދު އެމެރިކާ މިހާރުވެސް އޮތީ ނުރުހިފައެވެ. އެކަން ހާމަނުކުރިކަމުގައިވިޔަސްމެއެވެ. ޔޫރަޕުން ތަބާވާނެ ކަމަށް ބެލެވެނީ އެމެރިކާއަށެވެ. އެހެންވީމާ އިޒްރޭލަށް މަޖުބޫރު ކުރުމަށްޓަކައި ހުޅަނގުން ކަންތައްތަކެއް ކުރާނެއެވެ.
އިސްލާމީ ދުނިޔޭގެ އެންމެ ބައިބޯ ގައުމަކީ އިންޑޮނީޝިއާއެވެ. ޗައިނާ އާއި ހުޅަނގުގެ ކޯޅުންތަކުގައި އިންޑޮނީޝިއާ ވަކިއަތަކަށް ނުޖެހިއޮތުމަކީ ހުޅަނގަށް ވަރަށްވެސް ބޭނުންތެރި ކަމެކެވެ. ރިޔާޒުގެ ސަމިޓު ނިންމައިލެއްވުމަށްފަހު އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަޑައިގެންނެވީ އިސްލާމީ ދުނިޔޭގެ މެސެޖާއިގެން އެމެރިކާއަށެވެ. ގާޒާގެ މައްސަލައިގައި ރައީސް ޖޯ ބައިޑެންއާ މަޝްވަރާ ކުރެއްވުމަށެވެ. ރައީސް ވިޑޯޑޯގެ އަޑުއަހަން މިވަގުތު އެމެރިކާއަށް މަޖްބޫރެވެ. އިންސާފުގެ ފަޅި އިޚުތިޔާރުކުރަން މަޖްބޫރެވެ. އެހެންވީމާ ދާދިއަވަހަށް ހުޅަނގުގެ ސިޔާސަތަށް ހިސާބެއްގެ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލު ކުރެވެއެވެ. އިޒްރޭލު މައިތިރިކުރުމަކީ ހަމައެކަނި އިސްލާމީ ދުނިޔޭގެ ގޮވައިލުމެއް ނޫނެވެ. ދެކުނު އެމެރިކާގެ ގައުމުތަކުންވެސް އިވެނީ މިއަޑެވެ. އެފްރިކާގެ ގައުމުތަކުންވެސް އިވެމުންދަނީ މިއަޑެވެ. މިއަޑުތައް ނީވޭކަމަށް ހަދައިގެން މާގިނަދުވަހު އެމެެރިކާއަކަށްވެސް ނޯވެވޭނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ