ހިތުގައިވި ސުވާލުތަކާއެކުގައި ރުހައިމްއަށް ބަލަން ނާލާ ހުއްޓެވެ. އޭނާއަށް މުޅިން ތަފާތު މީހަކު ލޯކުރިމަތިން ފެންނަމުން ދިޔަ ކަހަލައެވެ. ހާސްވެ ފިކުރުބޮޑުވެފައި ހުރިކަން ރުހައިމްގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރުތަކުން ނާލާ ދެނެގަތެވެ. އެކަމުން ވެސް ލިބުނީ އިތުރު ހައިރާންކަމެކެވެ.
''އޮފީހުގައި ކަމެއް ދިމާވީތަ؟...'' ނާލާއަށް ރުހައިމްގެ ކޮނޑުގައި އަތް ޖައްސައިލެވުނެވެ.
''އުހޫނ...'' ގަމީހުގެ ގޮށްތައް ނައްޓަމުން ރުހައިމް ބޯހޫރާލިއެވެ. ރުހައިމްގެ ޖަވާބުން ނާލާގެ ހިތުގައި އިތުރަށް ސުވާލު އުފެދޭ ގޮތް ވިއެވެ. ރުހައިމްއަށް އެފަދަ ބަދަލުތަކެއް އަންނަން ޖެހުނީ ކީއްވެގެންކަމެއް ވިސްނާވިސްނާ ވެސް ނޭނގުނެވެ. ހިތަށް ނުތަނަވަސްކަން ވެރިވާން ފެށީ ދެނެވެ. ރުހައިމް އޭނާއަށް ކަމެއް ސިއްރުކުރަނީ ބާވައޭ ނާލާގެ ހިތަށް އެރިއެވެ.
ނާލާއަށް އިތުރު ސުވާލެއް ނުކުރެވެނީސް، ފަޓުލޫނުގެ ބެލްޓަށް ދޫކޮށްލަމުން ރުހައިމް ހިނގައިގަތީ ތުވާލި ހަރުގަނޑު ކައިރިއަށެވެ. ހީވީ ނާލާއާ ދުރަށް ދާން އުޅުނު ހެންނެވެ.
ނާލާގެ ތޫނު ނަޒަރު ހުއްޓެމުން ދިޔަ ކަން ރުހައިމްއަށް އިހުސާސްކުރެވުނެވެ. އޭނަ ބޭނުންވީ ނާލާގެ ސުވާލުތަކުން ސަލާމަތްވާށެވެ. ސިކުނޑިއަށް ލިބިފައިވި ހާސްކަމުން ނާލާގެ ސުވާލުތަކަށް އޭނާއަށް ޖަވާބު ނުދެވިދާނެތީއެވެ. އޭރުން އޭނާއަށް ގޯހެއް ހެދިދާނެކަމުގެ ބިރުވެރިކަން ވެސް ހިތުގައި އޮތެވެ. ސިކުނޑި ހަމައަކަށް އަޅުވާލަމުން ނާލާއާ ކުރިމަތިލާން ބޭނުންވީ ވެސް އެހެންވެއެވެ. އޭރުން ނޫނީ އޭނައަށް ސަލާމަތުގެ އައްސޭރިއަކަށް ނުދެވޭނެއެވެ.
ތުވާލި ހަރުގަނޑު ކައިރީގައި ހުރި ދާވަށިގަނޑަށް ގަމީހާއި ފަޓުލޫނު ލުމަށްފަހު، ހަރުގަނޑުގައި އޮތް ތުވާލި ހިފައިގެން ރުހައިމް އަވަސްވެގަތީ ފާޚަނާއަށް ވަނުމަށެވެ. އެ ހުރިހާ އިރު ވަންދެން ރުހައިމްއަށް ބަލަން ނާލާ ހުއްޓެވެ.
''ރުހައިމްއަށް ކޮންމެވެސް ކަމެއް ވެއްޖެ، އަހަންނަށް އެކަމެއް ސިއްރުކުރަން އުޅޭހެން ވެސް އެބަ ހީވޭ، ކީއްވެގެންތަ؟...'' ނާލާއަށް އެނދުގައި އިށީނދެވުނެވެ. ރުހައިމްއަށް އައި ކުއްލި ބަދަލުތަކާ މެދު އޭނައަށް ފިކުރު ހިންގާލެވުނެވެ. ކިތަންމެ ވަރަކަށް ސިކުނޑިއަށް ބާރުލިޔަސް ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތަކަށް ޖަވާބު ލިބޭ ގޮތެއް ނުވިއެވެ. އެ ހިތުގައިވި ސުވާލުތަކުގެ ޖަވާބު ދެވޭނީ ހަމައެކަނި ރުހައިމްއަށް ކަމުން، ރުހައިމް ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ނާލާ އިނެވެ.
ރުހައިމް ނިކުންނަން ވާއިރަށް ރުހައިމްގެ އަތަށް ލިބިފައިވި ޒަހަމްތަކުގައި ބޭސްއަޅަން ފަސްޓްއެއިޑް ފޮށި ތައްޔާރުކޮށްލައިގެން ނާލާ އިނެވެ. އެ ޒަހަމް ލިބުނު ގޮތާ މެދު ސުވާލުކުރުމުން ރުހައިމް ދިން ޖަވާބާ މެދު ވެސް ނާލާއަށް ވިސްނައިލެވުނެވެ. އެއީ ހަގީގަތެއްކަން ގަބޫލުކުރަން އޭނާއަށް އުނދަގޫ ވިއެވެ. ޖަވާބު ދިން އިރު ރުހައިމްގެ އަޑުގައި ހުރި ތުރުތުރުލުމުގެ ސަބަބުންނެވެ.
''ރުހައިމް އަހަންނަށް ދޮގު ހަދާފާނެތަ؟... ކީއްވެތަ މިހާރަކަށް އައިސް ރުހައިމްގެ ފަރާތުން އަހަންނަށް ބަދަލުތަކެއް ފާހަގަ ކުރެވެނީ؟...'' ނާލާގެ ހިތް ތެޅިލިއެވެ. ހިޔާލުތަކަށް ދެން ވެރިވެގެން އައީ އޭނަ ބިރުގަންނަވާލި ކަމެކެވެ. ވަގުތުން ދެފަރާތަށް ބޯހޫރައިލެވުނެވެ.
'ނޫން...'' ނާލާއަށް މޭގައި ފިރުމާލެވުނެވެ. އެފަދަ ހިޔާލުތަކުގައި ނަފުސު ބަނދެވިގެން ދިއުމުގެ ފުރުސަތު ދޭން ނާލާ ބޭނުމެއް ނުވިއެވެ. ރުހައިމްގެ ލޯތްބަށް އޭނާ އިތުބާރުކުރާތީއެވެ. ނަމަވެސް ރުހައިމްއަށް އައިސްފައި ހުރި ބަދަލުތަކާ މެދު ފުންކޮށް ވިސްނާލެވުމުން ހިތަށް އުނދަގޫތަކެއް ވާން ފެށިއެވެ. ހިތުގެ ވިންދުތައް ވެސް އަވަސްވެލިއެވެ. ސިކުނޑިއަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ.
ނާލާއަށް ބަލައިލެވުނީ ފާހާނާގެ ދޮރާ ދިމާއަށެވެ. ރުހައިމް ނުކުތުމުން ސުވާލު ކުރަން އޭނަ ގަސްދުކުރިއެވެ. އެހިތަށް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ. އިންތިޒާރުގެ ވަގުތުތައް ދިގުލާން ފެށުމުން ނާލާއަށް ކޮޅަށް ތެދުވުނެވެ. ރުހައިމްގެ ހަބަރެއް ބަލައިލަން އޭނާ ބޭނުމެއް ނުވިއެވެ. ފާހާނާގެ ދޮރު ހުޅުވިގެން ދިޔައީ ވެސް އެ ވަގުތު އެވެ.
ނާލާ ފެނުމުން ރުހައިމްގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެ. ހަށިފުރާ ފުން ނޭވާއެއް ވެސް ދޫކޮށްލެވުނެވެ. ގިނަ އިރު ފާހާނާގައި އޭނާ ހޭދަކުރީ ނާލާއާ ކުރިމަތިލާނެ ގޮތަކާ މެދު ވިސްނުމުގައެވެ. ހިތްވަރު ހޯދުމަށެވެ.
''ބޭސް އަޅަން އާދެބަލަ...'' ހިމޭންކަމުގެ ސުކޫތަކަށް ފަހު ވާހަކަދައްކަން ފެށީ ނާލާއެވެ. އެނދުގައި އޮތް ފަސްޓްއެއިޑް ފޮށި ނާލާ ރުހައިމްއަށް ދައްކާލިއެވެ. ރުހައިމްއާ ވާހަކަދައްކައިލަން ފަސޭހަ މާހައުލެއް އުފައްދަން ވެގެންނެވެ.
ރުހައިމްއަށް ބަލައިލެވުނީ އޭނާގެ އަތްތިލަ އަށެވެ. އަތްތިލަ ވަނީ ނޫފައިގެންފައެވެ. ދުޅަވެފައެވެ. އެވަގުތު އޭނާގެ ހިޔާލަށް ވެރިވެގެން އައީ އެ ޒަހަމް އޭނާއަށް ލިބުނު ވަގުތުކޮޅެވެ. އެއަށްފަހު އޭނާގެ ހަޔާތަށް ބިންދާލި ވަރުގަދަ ރާޅެވެ. އަނެއްކާ ވެސް ހިތް ނުތަނަވަސްވާން ފެށިއެވެ. އަވަސްއަވަހަށް ފުން ނޭވާތަކެއް ދޫކޮށްލެވުނީ މީހާ ހަމައަކަށް އެޅުވުމުގެ މަގުސަދުގައެވެ.
ރުހައިމް ގޮސް އިށީނީ ކޮޓަރީގައި ހުރި ސޯފާގައެވެ. ރުހައިމްގެ ފަހަތުން ނާލާ ވެސް ސޯފާގައި އިށީނެވެ. އެއަށްފަހު ރުހައިމްގެ އަތަށް ލިބިފައި ހުރި ޒަހަމްތަކުގައި ބޭސްއަޅައިދޭން ފެށިއެވެ.
ބޭސްއަޅައިދެމުން ދިޔަ އިރުގައި ތަދުގެ އިހުސާސްތައް ރުހައިމްއަށް ކުރެވުމުން ނާލާއަށް ކަންބޮޑުވުމާއެކު ރުހައިމްއަށް ބަލައިލެވެއެވެ.
''ދެން ވެސް ބަލައިގެން އުޅޭއްޗޭ، ކިހިނެއް ވެގެންތަ ލިފްޓްގައި އަތް ފިތުނީ؟...'' ނާލާ ސުވާލުކޮށްލިއެވެ. ނާލާގެ މޫނަށް ބަލައިލި ރުހައިމްއަށް ދޭނެ ޖަވާބަކާ މެދު ވިސްނާލެވުނެވެ. އަތުގައި އޮތް ކަފަބުރުން ރުހައިމްގެ އަތުގައި ބޭސް އުނގުޅަމުން ދިޔަ ނާލާ އިސްއުފުލައިލިއެވެ. އޭނައާއި ރުހައިމްގެ ހަތަރުކަޅި ހަމަވެގެން ދިޔައީ ދެނެވެ. ރުހައިމްގެ ދެލޮލުގައިވި ރަތްކަން ނާލާއަށް ފާހަގަވިއެވެ. އެ ދެލޮލުގައިވި މޮޅިވެރިކަމާއި އުދާސްކަމުގެ ކުލަވަރުތައް ވެސް މެއެވެ. ނާލާގެ މެޔަށް ފިނިވެގެން ދިޔައެވެ. ރުހައިމް ހިތާމަތަކެއް ބަރުދާސްތުކުރާކަން އޭނާއަށް ޔަގީންކުރެވުނެވެ.
''ކޯޗެއްތަ މިރޭ ކާން ހުރީ؟...'' ނާލާގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމުން ރުހައިމް މަސައްކަތްކުރީ މައުޟޫއު ބަދަލުކޮށްލާށެވެ. އަދި ނާލާގެ މޫނާއި ނަޒަރު ވަކިކޮށްލިއެވެ.
ނާލާގެ ހިތުގައި ޝައްކުތަކެއް އުފެދިގެން ދިޔައީ ދެނެވެ. ވިސްނަން ބޭނުން ނުވިޔަސް ސިކުނޑިއަށް ތަފާތު ހިޔާލުތަކެއް ވެރިވެގެން ދިޔައެވެ. އޭނައާ ހަތަރުކަޅި ހަމަކުރަން ރުހައިމްއަށް އުނދަގޫވެފައިވާކަން ވެސް ނާލާ ދެނެގަތެވެ.
''ރުހައިމް އަހަންނަށް ކޮންމެ ވާހަކައެއް ކިޔައިދިނަސް އަޑުއަހާނަމޭ އަހަރެން ބުނީމެއްނު...'' ހަރަކާތްތައް މަޑުޖައްސައިލަމުން ނާލާ ބުންޏެވެ. ސުވާލުނުކޮށް އޭނާއަށް ނީނދެވުނެވެ. ރުހައިމްގެ ހިމޭންކަމުން އެހިތަށް ހާސްކަން ވެސް ވެރިވާން ފެށިއެވެ.
''އަނެއްކާ ވެސް އެވާހަކަތަ؟، އަހަރެން ބުނީމެއްނު އެއްވެސް ކަމެއް ނުވެޔޭ...'' ރުހައިމް ބުންޏެވެ. ނާލާގެ ސުވާލުތައް އޮއްބާލަން ރުހައިމް އުޅުނެވެ.
''ދެން ކީއްވެތަ ރުހައިމްގެ އަމަލުތަކުން އެހެން ވާހަކަތަކެއް ކިޔައިދެނީ؟...'' ނާލާއަށް ބުނެވުނެވެ.
''ކޮން ވާހަކަތަކެއް؟...'' ރުހައިމް ދެނެހުރި ކަމަކަށް ނުހެދިއެވެ. ނާލާގެ ސުވާލުތައް ކުރިމަތިވާން ފެށުމުން އޭނާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ''ބޭސްއަޅައި ނިމުނީތަ؟...''
''ކީއްވެތަ އަހަރެންގެ ސުވާލުތަކަށް ޖަވާބު ނުދޭން ތިއުޅެނީ، މިހާރަކަށް އައިސް އަބަދު އަހަންނަށް ފެންނަނީ ރުހައިމް ފިކުރުބޮޑުވެފައި ހުންނަތަން، އަހަރެން ސުވާލުކުރިޔަސް ބުނަނީ ކަމެއް ނުވާކަމަށް، ވޯކް ސްޓްރެސްއޭ، އެކަމަކު ކީއްވެތަ އަހަންނަށް ހީވަނީ ރުހައިމް އަހަރެންގެ ގާތުގައި ދޮގު ހަދާހެން؟، މިހާރު ވެސް ތިމޫނުމަތިން އަހަންނަށް ފެންނަނީ ހާސްކަން، އެއީ ކީއްވެތަ؟... އަހަންނަށް ކިޔައިނުދެވޭވަރުގެ ކަމެއް ދިމާވީތަ؟، ރުހައިމް... ޕްލީސް، އަހަންނާ ހިއްސާކޮށްބަލަ، އަހަރެންގެ ހިތް ނުތަނަވަސްވެޔޭ...'' ނާލާގެ އަޑު ކުރެހިގެން ދިޔައެވެ. ޖަޒުބާތުތަކުގައި އޭނާގެ ހިތް ބެހެން ފެށިއެވެ.
''ނާލާ، އަހަންނަށް ކަމެއް ނުވެޔޭ، ކިތައް ފަހަރު ބުނީމަތަ ނާލާއަށް ގަބޫލުވާނީ؟... ނާލާ ކަންތަކާ މެދު މާ ބޮޑަށް ވިސްނާތީ ހީވާ ގޮތޭ ތިއީ، އަހަންނަށް ބަލާބަލަ، އަހަރެން ނާލާ ދެކެ ވަރަށް ލޯބިވޭ، އެއްވެސް ކަމެއް ނާލާއަށް އަހަރެން ސިއްރެއް ނުކުރާނަން، ނާލާގެ ހިތުގައި ޖެހޭ ފަދަ ކަމެއް ވެސް ނުކުރާނަން......'' ނާލާގެ ކޮނޑުގައި ހިފައިލަމުން ރުހައިމް ވާހަކަދެއްކިއެވެ.
''ކޭން ޔޫ ޕްރޮމިސް މީ ދެޓް ޔޫއާރ ޓެލިންގް ދަ ޓްރުތު؟...'' ރުހައިމްގެ ވާހަކަތަކަށް އިތުބާރުކުރަން ބޭނުންވެފައިވާ ހާލު ނާލާއަށް ބުނެވުނެވެ. ސިކުނޑީގެ ހާސްކަމާ ދުރުވާން އޭނާ ހުރީ ބޭނުން ވެފައެވެ. ހިތަށް ވެރިވަމުން އައި ޝައްކުތައް ހަގީގަތަށް ވެދާނެތީ އޮތް ބިރުވެރިކަމާ ވެސް ދުރުވެލަން އޭނާ ބޭނުން ވިއެވެ. ރުހައިމްގެ ލޯތްބަށް އިތުބާރުކުރަން ވެސް ބޭނުންވިއެވެ. އޭނައަށް ދޮގެއް ނަހަދާނެކަމުގެ ޔަޤީންކަން ވެސް ބޭނުންވިއެވެ.
ރުހައިމް ބަލައިލީ ނާލާގެ މޫނަށެވެ. ހަތަރުކަޅި ހަމަކުރަން އުނދަގޫ ވިޔަސް އޭނާ އެކަން ވެސް ކުރިއެވެ. ނާލާގެ އިތުބާރު އޭނާއަށް ލިބެން ބޭނުން ވާތީއެވެ. ދިރިއުޅުން ކޮންމެ ފަދަ ހާލަތަކަށް ދިޔަ ކަމުގައި ވިޔަސް ނާލާއާ ވަކިވާކަށް ރުހައިމް ބޭނުމެއް ނުވިއެވެ. އެ ލޯތްބާ ދުރަށްދާން ކެތްނުކުރެވޭނެތީއެވެ.
''ޕްރޮމިސް...'' ރުހައިމް ބުންޏެވެ. އެ ހިތުގެ ރިހުން އެވަގުތު ގަދަވެގެން ދިޔައެވެ. ދޮގުތަކުގެ ދަންމަޅިއެއް ކަރަށް ބާރުވެގެން ދިޔަ ކަހަލައެވެ.
ރުހައިމްއަށް ފަރުވާތެރިކަމާއެކު ނާލާ ބަލައިލިއެވެ. އޭނާއާ ހަތަރުކަޅި ހަމަކޮށް ރުހައިމް ދޮގެއް ނަހަދާނެކަން ނާލާ ގަބޫލުކުރިއެވެ. ހިތުގެ ހާސްކަމާ ދުރުވެލުމަށެވެ.
ނާލާ ބޯ ޖަހައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ ނޭވާއާއެކު ހިތުގެ ހުރިހާ އުދާސްކަމަކާ އޭނަ ދުރުވެލިއެވެ. ރުހައިމްގެ އަތުގައި ހިފައިލަމުން ނާލާ ހިނިތުންވެލިއެވެ.
*****
ޖެހިގެން އައި ދުވަހު ނާލާ ޑިއުޓީގައި ހުއްޓައި ނުދަންނަ ނަންބަރަކުން އޭނާއަށް ގުޅަން ފެށިއެވެ. ބަލިމީހަކާއެކު ހުރި ވަގުތެއްކަމުން ނާލާއަށް ފޯނު ނެގޭ ގޮތެއް ނުވިއެވެ. ވޯޑުން ނުކުމެގެން އައިސް ނަރުހުންގެ ޖަގަހައަށް ވަދެ ޔުނިފޯމުގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. ނުދަންނަ ނަންބަރަކުން ގުޅާފައި އޮތުމުން ހައިރާންކަން އޭނާއަށް ލިބުނެވެ. ފޯނަށް ބަލަހައްޓައިގެން ހުއްޓައި ގާތުން މީހަކު ކަރުކެހިލި އަޑަށް ނާލާ އިސްއުފުލައިލިއެވެ. އޭރު އޭނާގެ ގާތުގައި ހުރީ ވިވިއަންއެވެ. މިއަދު ވިވިއަންއާއެކު ޑިއުޓީގައި ހުންނަން ޖެހޭ ދުވަހަކަށް ވުމުން ފޫހިކަން ނާލާގެ މޫނުމަތިން ފެނުނެވެ. ޝައިހާ ވެސް އޮފް ދުވަހަކަށް ވުމުން އޭނައާއި ވިވިއަން ތިބީ އެކަނި ވެފައެވެ.
''އަޑު އެހިން ޗުއްޓީއަށް ދާން އުޅޭ ވާހަކަ، ބޭސްކުރަން ދާންވެގެން ދޯ ތިއުޅެނީ؟...'' ކައުންޓަރުގައި އަތް އަޅުވައިލަމުން ވިވިއަން ވާހަކަދެއްކިއެވެ. ދުވަސްކޮޅެއް ކޮށްލާފައި ނާލާއާ ބައްދަލުވުމުން، ނާލާއާ ދިމާކޮށްލަން ވިވިއަން ބޭނުންވިއެވެ. އެ ދެމެދުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން ނާލާ ދެރަކޮށްލަން ވެސް ބޭނުންވިއެވެ.
ވިވިއަންގެ ސުވާލަށް ނާލާ ޖަވާބެއް ނުދިނެވެ. އޭނަ ގޮނޑިއެއްގައި އިށީންނަމުން ވިސްނާލީ އޭނާއަށް ގުޅި ނަންބަރާ މެދުގައެވެ. އެ ނަންބަރަށް ގުޅަން އުޅުނު ވަގުތު ވިވިއަން ބުނި ޖުމްލައަށް އޭނާގެ ސަމާލުކަން ހުއްޓުނެވެ.
''ކިތަންމެ ވަރަކަށް ބޭސްކުރިޔަސް ބައެއް މީހުންނަށް ކާމިޔާބެއް ނުލިބޭނެ، އެހެންވީމަ ފައިސާ ބޭކާރު ކުރުމުގެ ވިސްނުމެއް އަހަންނަކަށް ނުފެނޭ...'' ވިވިއަން ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. ނާލާގެ ފަރާތުން ފެނުނު ފަރުވާކުޑަކަމާ މެދު އޭނާ ހިތްހަމަނުޖެހުނެވެ. ''އެންމެ ރަނގަޅު ވަނީ ރުހައިމް ދެއަންބަށް އިންނަން އެއްބަސް ވިއްޔާ...''
''ވިވިއަން!، އަހަރެން ސުވާލެއް ކޮށްލަންތަ؟، ކީއްވެގެންތަ އަހަރެންގެ ދިރިއުޅުމާ މެދު ތިހާ ޝައުގުވެރިކަން ބޮޑުވަނީ؟، އަހަރެން ވިވިއަންގެ ދިރިއުޅުމާ މެދު ސުވާލުކުރަންތަ؟ ނުކުރަމެއްނު!... އަހަރުމެން ދެމެދުގައި އެކުވެރިކަމެއް ނުވޭ، ވިވިއަންގެ އަމަލުތަކުން އެކަން ސާބިތުވޭ...'' ފުންނޭވާއެއް ދޫކޮށްލަމުން ނާލާ ބުންޏެވެ. ވިވިއަންއާ ޖަދަލުކުރަން ބޭނުން ނުވިޔަސް، ވިވިއަންގެ ކަންތައް ކޮންޓްރޯލުން ނެއްޓުމުގެ ފުރުސަތު ދޭން އޭނާ ބޭނުމެއް ނުވިއެވެ. އެވަގުތު ޝައިހާ ބުނި ޖުމްލައެއް މަތިން ނާލާ ހަނދާން ވިއެވެ. އެއްޗެއް ނުބުނެ ހިމޭންކަން އިހުތިޔާރުކުރަން ވެއްޖެނަމަ މަސްލަހަތު ގޯސްވުން ނޫންކަމެއް ވެސް ނުވާނެއެވެ. ހަނުހުރުން ރަނގަޅު ފާލެއްކަމުގައި ނުފެނުނީ އެހެންވެއެވެ.
ނާލާގެ ޖުމްލައިން ވިވިއަންގެ އަނގަ ސަކަރާތްވާ ގޮތް ވިއެވެ. ރުޅިވެރިކަމާއެކު ބުމަ ގޮށްޖަހައިލެވުނެވެ.
''ހުއް!... ކަލޭގެ ދިރިއުޅުމާ މެދު އަހަރެން ޝައުގުވެރިއެއް ނުވޭ...'' މޭގައި ދެއަތް ހުރަސްކޮށްލަމުން ވިވިއަން ރައްދު ދިނެވެ. އޭނާގެ އަޑުން ރުޅިވެރިކަން ހާމަވެއެވެ.
''ދެން ކީއްވެ އަހަންނާ ވާހަކަ ތިދައްކަނީ؟... އަހަރެން ކުއްޖަކު ބޭނުންވާ ދުވަހަކުން ކުއްޖަކު ވެސް ހޯދާނަން، އިރާދަކުރެއްވިއްޔާ ބޭސްކުރަންޖެހޭ ފަދަ ކަމެއް ދިމާ ނުވޭ، އެކަމަކު ދިމާ ވެއްޖެއްޔާ ބޭސް ވެސް ކުރާނަން، ކޮބާ އެކަމުގައި މައްސަލައަކީ؟، ދެން ދަރިން ލިބުމުގެ ނަސީބު ނެތިއްޔާ ވެސް އެއީ އަހަންނާއި ރުހައިމްގެ ކަމެއް، ވިވިއަންގެ ހިޔާލެއް އަސްލު ބޭނުމެއް ވެސް ނުވޭ، އަހަންނަށް އިނގޭ ހޮސްޕިޓަލުގައި ދެކެވޭ ވާހަކަތަކަކީ ވިވިއަން ފަތުރާ ވާހަކަތަކެއް ކަން، އެހެންވީމަ ބުނެލާނަން!، ދޮގު ވާހަކަތައް ފެތުރުމަކީ ރަނގަޅު ކަމެއް ނޫން...'' ނާލާ ބުންޏެވެ. އޭނާގެ އަޑުގައި ރުޅިވެރިކަމެއް ނުވެއެވެ. އޭނާ މަސައްކަތްކުރީ ވިވިއަންއަށް ވިސްނައިދޭށެވެ. ނަމަވެސް އޭގެ މާނަ ވިވިއަން ނެގީ ނުބައި ގޮތަކަށެވެ.
''ހުއް، މަށެއް އެއްވެސް ވާހަކައެއް ނުފަތުރަން... ދެން ކަލޭ އުޅެބަލަ ކަލޭގެ ލޯބިވާ ފިރިމީހާއާއެކުގައި، ކޮންމެހެން އަހަރެންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވަން އުޅޭނެކަމެއް ނެތް... އަސްލު ކަލެއަށް ވުރެ ކުރިން އަހަރެން ޕްރެގް ވީމަ އެކަމާ ހަސަދަވެރިވެގެން ތިއުޅެނީ......'' ތުން އަނބުރައިލަމުން ވިވިއަން ބުނެލިއެވެ. އޭނާ ނާލާއާ ދިމާއަށް ލޯ އަޅާލިއެވެ.
''ލަންޗް ބްރޭކަށް މިދަނީ...'' ވިވިއަންއަށް ވިސްނައިދިނުމަކީ ފޫނެތްފަޔަށް ފެންފުރުން ކަހަލަ ކަމެއްކަން ނާލާއަށް އެނގުނެވެ. އިތުރަށް ވާހަކަދެއްކުމެއް ނެތި ގަޑި ބަލައިލަމުން، އޭނާ މިސްރާބު ޖެހީ ކެންޓީނަށް ދިއުމަށެވެ.
''އާރގްގް، ހާދަ ރުޅިއެއް އާދެޔޭ އޭނާ ދެކެ...'' ނާލާގެ އުފާވެރި ހަޔާތާ މެދު ހަސަދަވެރިކަން އުފެދިފައި ހުރި ވިވިއަންއަށް ރުޅިވެރިކަމާއެކު ކައުންޓަރުގައި ޖަހައިލެވުނެވެ. ފެށުނީއްސުރެން ނާލާގެ ނަސީބާ މެދު އެހިތުގައި އޮތްތަ ހަސަދަވެރިކަން އިތުރުވެގެން ދިޔައެވެ. އޭނާ އުއްމީދުކުރި ފަދައިން ނާލާއަށް ހަމަލާދީ ދެރަކޮށްނުލެވުމުގެ ހިތިކަން އިހުސާސްކުރެވުނެވެ. ނާލާ މިއަދު ދެއްކި ވާހަކަތަކުން ވަކިން ރުޅި ގަދަވިއެވެ.
''ކަލެއަށް ދުވަހަކު އުފަލެއް ނުލިބޭނެހެން އަހަރެން ދުއާ ކުރާނަން...'' ދަތްތަކަށް ބާރުލަމުން ވިވިއަން ބުނެލިއެވެ. އޭރު ބާރަށް ހިނގާފައި ދިޔަ ނާލާ ގޮސް ސަރައްކާލިން އޮބާލަނީއެވެ.
*****
ކެންޓީނުގައި ކާން އިންދައި ނާލާއަށް ވައިބާރ މެސެޖެއް ލިބުނެވެ. މެސެޖު ހުޅުވާލިއިރު އެއްކަލަ ނުދަންނަ ނަންބަރުން ފޮނުވި މެސެޖެކެވެ. ހައިރާންކަމާއެކު ނާލާއަށް މެސެޖު ކިޔާލެވުނެވެ.
''ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން ވެގެން މިގުޅަނީ، މި ވާހަކަތައް ހިއްސާކުރުން ފަސޭހައެއް ވެސް ނޫން، އެނގޭ ގަބޫލުކުރަން އުނދަގޫ ވާނެކަން ވެސް، އެކަމަކު މިއީ ނާލާއަށް އެނގުން ވަރަށް މުހިންމު ވާހަކައެއް، ނާލާގެ ދިރިއުޅުން ވެސް އެމީހާގެ ސަބަބުން ހަލާކުވާން ބޭނުމެއް ނޫން......'' ނާލާއަށް މެސެޖު ކިޔައިލެވުނެވެ. އޭގެ މާނަ އޭނާއަށް ނަގައިގަނެވޭ ގޮތެއް ނުދިއެވެ. އިތުރު ހައިރާންކަމެއް ލިބުނީ އެހެންވެއެވެ. ދެތިން ފަހަރު އެ މެސެޖް ނާލާއަށް ކިޔައިލެވުނެވެ. އިތުރު މެސެޖެއް އައީ އެވަގުތުގައެވެ.
''ނާލާގެ ފިރިމީހާއަކީ ތިހީކުރާހާ ރަނގަޅު މީހެއް ނޫން، އޭނާ އެހެރީ އަންހެން ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލާފައި...'' ނާލާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހިނދުކޮޅަކަށް ނޭވާލާން ވެސް އޭނާ ހަނދާން ނެތުނެވެ. އެސްފިޔަ ޖަހައިލުމެއް ނެތި ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެވުނެވެ. އޭރު އެ ހިތުގެ ތެޅުން އަވަސްވެއްޖެއެވެ.
''ތީ ކާކުތަ؟...'' ނުތަނަވަސްކަން ލިބުނު ނާލާއަށް ލިޔެވުނެވެ. އެވާހަކަތައް ގަބޫލުކުރަން ބޭނުން ނުވާތީ ދެފަރާތަށް ބޯހޫރައިލެވުނެވެ. ހިތުގެ ތެޅުން ހަމައަކަށް އަޅުވަން މޭގައި ފިރުމާލެވުނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ