ރައްޔިތުންގެ މަޖިލީހުގައި މަޑުޖެހިފައި ހުރި ބިލުތަކުގެ މަސައްކަތް ނިންމުމަށް އިތުރު ޖަލްސާތަކެއް ބޭއްވުމަށް ގަސްތުކުރާ ކަމަށް އެ މަޖިލީހުގެ ރިޔާސަތާ މި ހަފުތާގެ ތެރޭގައި ހަވާލުވެވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މި ސަރުކާރު އައި ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 153 ބިލުގެ ތެރެއިން އަދިވެސް ނުނިމި އެކި މަރުހަލާތަކުގައި 30 ބިލެއްގެ މަސައްކަތް އެބަ އޮތެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މުހިންމު ބިލްތަކާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މުހިންމު ބިލްތަކާއި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ބެހޭ ބިލްތައް ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އަސްލަމް މިއަދު ވިދާޅުވީ، މަޖިލީހަކީ ރައްޔިތުންގެ ހަގީގީ އިތުބާރު ލިބިފައިވާ މަޖިލީހަކަށް ހެދުމަށް މަޖިލީހުގެ މަސައްކަތްތައް ހުރި ނެތްގޮތް ބަލަމުންދާ ކަމަށާއި އިސްފަސް ކުރަން ޖެހޭ ބިލުތައް ބަލައި އެ ބިލުތައް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބިލުތަކެއް ކަމެއް ވިދާޅެއް ނުވެއެވެ.
"ވަރަށް މުހިންމު ބިލުތަކެއް އެބަ ހުރި ނިންމަން ޖެހޭ. އިސްލާހުތައް ވެސް އެބަ ހުރި. އަޅުގަނޑު ގަސްތުކުރަން މަސައްކަތުގެ ތާވަލަށް ބަލައި, މިހާރު ބޭއްވެނީ ހަފުތާއަކު ތިން ޖަލްސާ. އެސްޖީއާ ވާހަކަ ދެއްކުމަށް ފަހު އިތުރު ޖަލްސާތަކެއް ބާއްވަން ޖެހޭނަމަ އިތުރު ޖަލްސާތައްވެސް ބާއްވައިގެން މަސައްކަތް ކުރިއަށް ގެންދެވޭތޯ ބަލާނަން," އަސްލަމް ވިދާޅުވިއެވެ
އަސްލަމް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މިވަގުތުވެސް 25 ބިލެއްގެ މަސައްކަތް ކޮމިޓީ އެބައޮތް ކަމަށާއި އޭގެ ތެރެއިން 21 ބިލަކީ ސީދާ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުތަކެއް ކަމަށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި މިދިޔަ ފަސް އަހަރު ތެރޭގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 153 ބިލެވެ. އޭގެ ތެރެއިން މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގުކުރައްވައި ގާނޫނަށްވެފައި ވަނީ 120 ބިލެއެވެ.
މަޖިލީހުގައި މިހާރު އޮތް އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭ ގޮތުން އަސްލަމް ވިދާޅުވީ، މި ދައުރު ނިމުމުގެ ހަތް ދުވަސް ކުރިއަށް ބަޖެޓު ތަޅުމަށް ފޮނުވޭނެ ކަމަށާއި އެއަށް ފަހު ބަހުސް ފަށައި ވޯޓެއް އެހޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު