އެ މަނިކުފާނުގެ އިތުބާރު ނެތްކަމަށް ފާސްވާ އަދަދަށް ސޮއިހަމަކޮށް ހުށަހަޅައިފިނަމަ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވާނެ ކަމަށް މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި މަޖިލީހުގެ އިދާރާގައި މިއަދު ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރުކަންވެސް ކުރެއްވި، އަސްލަމް ވިދާޅުވީ އެ މަނިކުފާނުގެ ރިޔާސަތުގައި މަޖިލީހުގައި ކަންކަން ކުރިއަށްދަނީ ގާނޫނާއި ގަވައިދާ އެއްގޮތަށްތޯ ކަށަވަރުކުރައްވާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ ޒިންމާ އަދާކުރާނީ ގާނޫނުގެ ތެރެއިން ކަމަށާއި މަޖިލީހުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވި މަޖިލީހުގެ މެންބަރުންގެ އިިތުބާރު އެމަނިކުފާނަށް ނެތްނަމަ މަޖިލީހުގެ ރައީސްކަމުގައި އެންމެ ދުވަހަކުވެސް މަޑުނުކުރައްވާނެ ކަމަށެވެ.
"45 މެންބަރުންނަށްވުރެ ގިނަ މެންބަރުން ސޮއިކޮށްފައި އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިއަދު މިގަޑީގައި ލިޔަސް އަޅުގަނޑަށް އެ މައްސަލަ ލައިފިކަން އެނގޭ ހިސާބުން އަޅުގަނޑު ރައްޔިތުންގެ މަޖިލީހުން ނުކުންނާނީ އަޅުގަނޑުގެ އިސްތިއުފާ ސިޓީގައި ސޮއިކުރައްވާފައި،" އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ 22 މެންބަރުންގެ ސޮޔާއެކުގައެވެ. އެ މައްސަލަ ފާސްވުމަށް 45 މެންބަރުންގެ ތާއީދު ބޭނުންވާނެއެވެ.
އަސްލަމް ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް އަވަސްކުރުމަށް ބައެއް ކަހަލަ ބަދަލުތައް ގެނެވިދާނެ ކަމަށާއި އެގޮތުން އަމިންއާންމަށް ބައެއް ބާރުތައް ދިނުމާއި މަޖިލީހުގެ ރައީސްގެ ބައެއް ބާރުތައް ހަނިކުރުން ފަދަ ކަންކަން ކުރެވިދާނެ ކަމަށެވެ.
"މާބޮޑަށް އިހުތިޔާރު ދިނީމާ އިހުތިޔާރުގެ ބޭނުން ނަހަމަ ގޮތުގައިވެސް ހިފާފައި އެބަހުރި، މީގެ ކުރިންވެސް އެ މަންޒަރު ފެނިފައި އެބަހުރި،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، މަޖިލީހުގެ ހިންގުން ރަނގަޅު ކުރުމަށް މަޖިލީހުގެ މެންބަރުންގެ ސުލޫކީ އުސޫލެއް އެކުލަވާލާނެ ކަމަށާއި މަޖިލީހުގެ ގަވައިދަށް ގެންނަން ޖެހޭ އިސްލާހުތައްވެސް ގެންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު