ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)އަށް އަލުން ޑޮލަރުން ޖަމާކުރާ ގޮތް ހެދުމަށް އިންތިހާބީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމަނައިފިއެވެ.
މުއިއްޒުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދު "14 ހަފުތާ" އިއުލާންކުރުމަށް ދަރުބާރުގޭގައި ރޭ ވަނީ އެކަމަށް ހާއްސަ ޖަލްސާއެއް ބާއްވައިފައެވެ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި 172 ވައުދު ފުއްދުމަށް ވަނީ އަމާޒު ކަނޑައަޅުއްވައިފައެވެ. އޭގެ ތެރެއިން އެސްޑީއެފަށް އަލުން ޑޮލަރު ހަދާގޮތަށް ހަމަޖައްސާފައިވަނީ 14 ހަފުތާގައި ފުރިހަމަކުރާ ވައުދެއްގެ ގޮތުގައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގެ ތެރެއިން މުއިއްޒުގެ އިގުތިސޯދީ މެނިފެސްޓޯ އާންމުކުރަން މޫނިމާ ބިލްޑިންގައި ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވެފައިވަނީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި އެސްޑީއެފަށް އަލުން ޑޮލަރު ޖަމާކުރަން ފަށާނެ ކަމަށެވެ. މުއިއްޒު ވިދާޅުވެފައިވަނީ އޭނާގެ ސަރުކާރެއްގައި އެސްޑީއެފް ފަންޑަށް ގާނޫނީ ރައްކާތެރިކަން ދޭނެ ކަމަށެވެ.
"އަނެއްކާވެސް އަޅުގަނޑުމެން އެސްޑީއެފްގައި ޖަމާކުރާނީ ޑޮލަރުން. އެއާޕޯޓަށް ލިބޭ ޑޮލަރާއި ޓޫރިޒަމް ސެކްޓާއިންނާ އެކި ގޮތް ގޮތުން އަޅުގަނޑުމެން ގާނޫނެއް ހަދައިގެން، ގާނޫނީ ބާރުވެރިކަމާއެކީގައި އެސްޑީއެފް ހިމާޔަތްކޮށްގެން އެއަށް ޑޮލަރު ލިބޭނެ އިތުރު ގޮތްތަކެއް ކަނޑައަޅައިގެން، އެސްޑީއެފްއަކީ މަހުން މަހަށް ގިނަ އަދަދެއްގެ އާމްދަނީ ޖަމާވާ ފަންޑަކަށް ހަދާނަން،" މުއިއްޒު ވިދާޅުވެފައިވެއެވެ.
މުއިއްޒު ވިދާޅުވެފައިވަނީ ޔާމީންގެ ސަރުކާރު ނިމުނުއިރު ސޮވެރިން ފަންޑުގައި ޑޮލަރު ހުރި ނަމަވެސް މި ސަރުކާރުން އެ ޑޮލަރު އެކި ބޭނުންތަކަށް ނަގައި އެ ފެންޑަށް ދިވެހި ރުފިޔާ ޖަމާކުރަން ފަށާފައިވާ ކަމަށެވެ. އަދި ސަރުކާރުން ދަނީ އެ ފައިސާވެސް އެކި ކަންކަމުގައި ބޭނުންކުރަމުން ކަމަށް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު