އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ 14 ހަފުތާގެ ތެރޭގައި 161 ވައުދު ފުއްދެވުމަށް އަމާޒު ކަނޑައަޅުއްވައިފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި މުއިއްޒުގެ 100 ދުވަހުގެ ވައުދު "14ހަފުތާ" ފޮތް ވަނީ ނެރެދެއްވައިފައެވެ. އެ ފޮތުގައި އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް، ވައުދުތަކެއް އަދި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދެއްކެވި ހުރިހާ ވާހަކަފުޅެއް ވަނީ ބަޔާންކޮށްފައެވެ.
އެ ޖަލްސާގައި މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅާއި 100 ދުވަހުގެ ވައުދުތައް ފޮތެއްގައި އާންމުންނާ ހިސާބަށް ގެންނަން ނިންމުމުން، ބައެއް ފަރާތްތަކުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރި ކަމަށެވެ.
"އަޅުގަނޑަށް ބައެއް ބޭފުޅުން ދެންނެވި ތިއީ ވަރަށް ގޯސްކަމެކޭ ތިކުރީ، ވަރަށް ނުރައްކާތެރި ކަމެކޭ. ދެން ތި ފޮތް ނެރެގެން ނޯންނާނެ ފިލޭނެ އެއްގޮތްވެސް. އަޅުގަނޑު ދެންނެވިން ކެމްޕޭނުގަ ދެއްތޯ، އަޅުގަނޑު ރައްޔިތުންގެ ގާތަށް އައީ ކެމްޕޭންކޮށް ނިންމައި ރައްޔިތުން އަޅުގަނޑަށް ތާއީދުކޮށް ވޯޓުދީ ހޮވީމަ ފިލާކަށް ނޫނޭ. ދެއްކި ކޮންމެ ވާހަކައެއް ކޮންމެ ޖުމްލައެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެން މިތާ މިއޮތް ޓީމުން ރައްޔިތުންނަށްޓަކައި ގުޅިގެން ހާސިލުކޮށްދޭނެ،" މުއިއްޒު ވިދާޅުވިއެވެ.
"14ހަފުތާ" ފޮތުގައި ވަނީ މިނިވަންކަމާއި ސިޔާދަތު، އިސްލާމްދީނައި ގައުމިއްޔަތު، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ، އިގުތިސޯދާއި ތިމާވެށި، އަންހެނުން ޒުވާނުން ފަންނިއްޔާތު ކުޅިވަރު އަދި ސިއްހީ ދުޅަހެޔޮކަމާއި އޯގަތެރި މުޖުތަމައު ސިޔާސަތުގެ އިތުރުން ތައުލީމާއި ތަމްރީނު ސިޔާސަތުގެ ދަށުން ފުރަތަމަ 100 ދުވަހު ކުރައްވާނެ ގިނަ ވައުދުތަކެއް ހިމަނައިފައެވެ. މީގެ އިތުރުން ވަނީ ސަރުކާރުގެ ސިޔާސަތާއި ގާނޫނީ އިސްލާހުގެ ސިޔާސަތުގެ ވައުދުތައް ވެސް ހިމަނައިފައެވެ.
- ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް މަސައްކަތް ކުރުން
- އީއީޒެޑްގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅުން
- ދިވެހި ގައުމީ ތަރަކައިގެ ކޮލެޖު ގާއިމުކުރުމުގެ މަސައްކަތް ފެށުން/ ގައުމީ ޗާޕުހާނާ ގާއިމުކުރުމުގެ މަސައްކަތް ފެށުން
- ރަށްރަށުގައިި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފުލެޓާއި ރޯހައުސްތަކުން މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކުޑަކޮށްދިނުން
- ބޯހިޔާވަހިކަމަށް ހާއްސަ "ގެދޮރުވެރިިކަމުގެ ޓްރަސްޓެ ފަންޑެއް" ގާއިމުކުރަން ބޭނުންވާ އޮނިގަނޑު އެކުލަވާލުން
- ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަސް ޕަސަންޓް އިންޓްރެސްޓް ރޭޓުގައި ލުއި ލޯނާ ބެހޭ ސިޔާސަތު އެކުލަވާލައި އާންމުކުރުން
- ފަތުރުވެރިކަމުގެ މަސައްކަތް ކުރާ ދިވެހިންނަށް ހާއްސަ ހައުސިން ސްކީމެއް
- 20 އަހަރަށް އަމާޒުކޮށް ދިވެހިރާއްޖޭގެ "މާސްޓާ ޕްލޭން" އެކުލަވާލުމުގެ މަސައްކަތް ފެށުން
- އައްޑޫ ބުރިޖު މަޝްރޫއަށް ބޭނުންވާ މަސައްކަތް ފެށުން
- އިންވެސްޓްމެންޓް ޑިވެލޮޕްމެންޓް ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ޕޮލިސީ ފްރޭމްވޯކް އެކުލަވާލުން
- ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ޑޮލަރު ޖަމާކުރާ ގޮތަށް ބަދަލުކުރުން
- ދައުލަތުގެ ހަރަށް ޒިންމާވުމުގެ ގާނޫނުގައި ސަސްޕެންޑް ކޮށްފައިވާ މާއްދާގެ ސަސްޕެންޝަން ނިންމައި، އެމްއެމްއޭ މެދުވެރިކޮށް ޣައިރު ޒިންމާދާރުކޮށް ފައިސާ ޗާޕުކުރުން ހުއްޓާލުން
- އެންމެނަށް ވަޒީފާގެ ސިޔާސަތެއް ކަނޑައެޅުން
- މަސްވެރިކަން ޕްރޮމޯޓްކުރަން ހާއްސަ އެޖެންސީއެއް އުފެއްދުން
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު