އިޒްރޭލާމެދު ފިޔަވަޅު އަޅަން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް އަވަސް ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެހެން ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓު ބޭންކުރުމަށް ގޮވާލައި މިއަދު މަޖިލިސް ބޭރުގެ އިހުތިޖާޖު ކުރި މީހުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އަސްލަމް އިޝާރާތް ކުރައްވާ ގަރާރަކީ ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ހުށަހެޅުއްވި ގަރާރެވެ.

އިހުތިޖާޖުގެ ބައިވެރިންނާ ބައްދަލުކުރައްވައި އަސްލަމް ވިދާޅުވީ ގަރާރުގެ މަސައްކަތް އަވަސް ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި، ކުއްލި މައްސަލައެއް ހުށަހެޅުއްވޭނީ މަޖިލީހުގެ މެންބަރުންނަށް ކަމަށެވެ. އެ ގަރާރު ނެގުމަށް ފަހު ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމަށް އެމްޑީޕީ ޕީޖީ ލީޑަރުގެ ހައިސިއްޔަތުންވެސް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، އަންނަ ހުކުރު ދުވަހު ބާއްވާ ހުވައިކުރުމުގެ ރަސްމިއްޔާތުގެ މަސައްކަތާ ގުޅިގެން މިއަދު މެންދުރު ފަހުން މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއްކުރެވެން ނެތް ކަމަށެވެ. ނަމަވެސް ވީހާވެސް އަވަހަށް މި މަސައްކަތް ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަސްލަމް އެހެން ވިދާޅުވެފައިވާއިރު، އިޒްޒޭލް ރައްޔިތުން ރާއްޖެ އައުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް އިހުތިޖާޖު ކުރަމުން އަންނައިރު، ޕާސްޕޯޓު ބޭންކުރުމަށް އެދި މަޖިލީހަށް ހުށަހެޅުމަށް ޕެޓިޝަނެއްވެސް ދަނީ ދައުރުވަމުންނެވެ.