އިޒްރޭލުން ގާޒާގެ އަލް ޝިފާ ހޮސްޕިޓަލަށް ވަދެގެންފިއެވެ.
އިޒްރޭލުގެ އަސްކަރީ ޓޭންކަރުތަކާއެކު އަލް ޝިފާ ހޮސްޕިޓަލު ވަށާލައިފައި ތިބެނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. އެ ހޮސްޕިޓަލަށް އިތުރު މީހަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައިވާއިރު، ހޮސްޕިޓަލުން ނުކުންނަން މަސައްކަތް ކުރާ މީހަކު ވިޔަސް ބަޑި ޖަހައި މަރާލައެވެ.
ރިޕޯޓުތައް ބުނާގޮތުން އިޒްރޭލު ސިފައިން މިއަދު ވަނީ އެ ހޮސްޕިޓަލުގެ ހުޅަނގު ފަރާތަށް ވަދެގަނެފައެވެ. ގާޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޑރ. މުނީރް އަލް ބުރްޝްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން، ހޮސްޕިޓަލުގެ އެ ސަރަހައްދުން ބާރު ގޮވުމުގެ އަޑުވެސް އިވުނެވެ. އެހެންކަމުން ބެލެވެނީ އެ ގޮއްވުން ތަކަކީ ހޮސްޕިޓަލުގެ ތެރޭގައި ގޮއްވާލި ގޮއްވާލުމެއްގެ އަޑެވެ.
ގާޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ގިދްރާ ބޭރުގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިޒްރޭލުން ދަނީ އެ ހޮސްޕިޓަލުގެ ބޭސްމެންޓް ބަލައި ފާސްކުރަމުން ކަމަށެވެ. އަދި ހޮސްޕިޓަލު ތެރޭގައި ބަޑި ޖަހައި ހޮސްޕިޓަލުގެ ތަންތަން ގޮއްވަމުންދާ ކަމަށް ވިދާޅުވިއެވެ.
އިޒްރޭލުން ހޮސްޕިޓަލުތަކަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކުރާ ކަމެއް ކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އެ ނޫންވެސް ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހޮސްޕިޓަލުތަކާއި ބަލި މީހުންނަކީ ކޮންމެ ހާލެއްގައިވެސް ހިމާޔަތް ދީފައި ތިބޭ މީހުން ކަމަށްވެސް އަންނަނީ ގޮވައިލަމުންނެވެ.
އަލް ޝިފާ ހޮސްޕިޓަލުން ކަރަންޓު ކެނޑިފައިވާއިރު، ދުވަސް ނުފުރާ ވިހާފައި ތިބި 36 ކުޑަކުދީން ވަނީ ނާސަރީ ވޯޑުން ނެރެން ޖެހިފައެވެ. ކަރަންޑު ކެނޑުމާއެކު އޮކްސިޖަން ނުލިބި 3 ކުއްޖަކު މަރުވެފައިވާއިރު، އައިސީޔޫގައި ތިބި ގިނަ ބަލިމީހުންވެސް މަރުވިއެވެ.
އެ ކުދީން މިސްރަށް ގެންދަން ތައްޔާރުވަމުންދާ ކަމަށްވެސް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. އަލް ޝިފާ ހޮސްޕިޓަލަކީ ހަމަލާތަކުގައި މަގުމަތިވި ގިނަ ބަޔަކު ހިމާޔަތް ހޯދަންވެސް ވަދެ ތިބި ހޮސްޕިޓަލެކެވެ.
ގާޒާއިން މިހާތަނަށް 11،000އަށްވުރެ ގިން މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 4،500 އެއްހާ ކުޑަކުދިންވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު