މަޖިލީހުގައި ތިބީ ކޮރަޕްޓް މީހުން ކަމަށާއި ބަޖެޓު ހޯދަނީ އެމީހުންގެ ކުންފުނިތަކަށް ދޭންކަމަށް، ޑިމޮކްރެޓިކް ޕާޓީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ހަރަދުތައް ހަމަޖެއްސުމަށް، އިތުރަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސްގައި ވާހަކަދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެންނޫނީ، އެ އަހަރަކަށް މަޖިލީހުން ފާސްކުރާ ބަޖެޓަށްވުރެން އިތުރު ފައިސާއެއް ހަރަދު ކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ބުނާ ކަމަށެވެ.

ނަމަވެސް މިއަހަރަށް އިތުރަށް ބޭނުންވާ ފައިސާގެ ގޮތުގައި ހަތް ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައި ވަނީ އެ ފައިސާ ދައުލަތުން ހަރަދު ކުރުމަށްފަހުގައި ކަމަށް އަލީ އާޒިމް ތުހުމަތު ކުރެއްވިއެވެ.

"މި ސަރުކާރަށް ބާކީ އިނީ ތިންދުވަސް، އަހަރުގައި ބާކީ އިނީ އެއްމަސްދުވަސް ކިހިނެއްތޯ ހަތްބިލިއަން ހަރަދުކުރާނީ އެހެންވީމާ އެބަ އެނގޭ ކުރިން ހަރަދުކޮށްފައިވާ ކަމަށް، ހަރަދުކޮށްފަ މިތަނަށް ފޮނުވާފަވަނީ ރައްޔިތުންގެ ފައިސާ ކޮންމެ ސަރުކާރަކުން ކަނީ،"

އަލީ އާޒިމް ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅީ، ދައުލަތް ހިންގަން ބޭނުންވާ ފައިސާ އާއި ރައްޔިތުނަށް ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން އެކަނިވެރި މައިންނަށް ފައިސާ ދިނުމާއި އާސަންދަ ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދަން ކަމަށް ސަރުކާރުން ބުނި ނަމަވެސް ސަރުކާރު ހިންގަންދަތި ނުވާނެ ކަމަށެވެ.

އެހެންކަމުން ސަޕްލިމެންޓްރީ ބަޖެޓަކީ މަޖިލީހުގައި ހިމެނޭ ކޮރަޕްޓް މެންބަރުންނަށް ފައިސާ ދޭންވެގެން ހުށަހަޅާފައިވާ ބަޖެޓެއް ކަމަށްވެސް އަލީ އާޒިމް ތުހުމަތު ކުރެއްވިއެވެ.

އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ނަން ފާހަގަ ކުރައްވައި، އަލީ އާޒިމް ވިދާޅުވީ، އެމްޑީޕީގެ ގިނަ މެންބަރުންނަކީ އެ މެންބަރުންގެ ކުންފުނިތަކުން ސަރުކާރުގެ ޕްރޮޖެކްޓްތައް ނަގައިގެން މަސައްކަތް ކުރަމުންދާ ބައެއް ކަމަށެވެ. އެހެންކަމުން މި ބަޖެޓަކީ އެ މެންބަރުންގެ ކުންފުނިތަކަށް ބޭނުންވާ ފައިސާ ދިނުމަށް ފާސްކުރާ ބަޖެޓެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ކޮންމެ މެންބަރަކީ މީގެ މަޅީގައި ޖެހި ފައިސާ ބޭނުންވެގެން ސަރުކާރަށް ސަނާކިޔަމުންދާ ބައެއް، ކޮންމެ މެންބަރަކީ ޕްރޮޖެކްޓެއް ނަގާފައިވާ މެންބަރެއް ހަރާން ގޮތުގައި ފައިސާ ނަގައިގެން ތިބި މީހުން މިތާތިބީ،" އާޒިމް ވިދާޅުވިއެވެ.