ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އެރި ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ، ޔުވްރާޖް ޕްލެޓްފޯމް) އިން ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި 69 މިލިއަން ރުފިޔާ ހޯދުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނިންމުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފިއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތަށް ބޭނުންކުރަމުން އައި އެ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ދަންވަރު 2:45 ހާއިރެވެ. އެ ޕްލެޓްފޯމް ފުންކޮށްފައިވަނީ އޮގަސްޓް 27 ގައެވެ.

ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އީޕީއޭއިން އެފްކޮންސް 69 މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ 13 ނޮވެންބަރު 2022 ގައެވެ. ނަމަވެސް އެ ފައިސާ ނުދައްކައި އެފްކޮންސްއިން ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގައި އީޕީއޭގެ ނިންމުން އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލަ ބެލުމަށް ފަހު، އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނިންމީ އީޕީއޭގެ ޖޫރިމަނާއަށް ބަދަލެއް ގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އިތުރަށް ބުނީ، ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާއިން ތިމާވެށްޓަށް ލިބޭ ގެއްލުން އިޔާދަކުރުމަށް ހޭދަކުރުމަށް އީޕީއޭއަށް ލިބުމަކީ މުހިންމު ކަމަކަށްވާތީ އެ މައްސަލައިގެ ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާ އީޕީއޭގެ "އެންވަޔަރަމަންޓް ރެސްޓްރޯޝަން ފަންޑް" އަށް ޖަމާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ފައިސާ ހަރަދުކުރާނީ ވިލިމާލޭ ފަރަށް ލިބުނު ގެއްލުން އިޔާދަކުރުމަށާއި އީޕީއޭގެ ގާބިލުކަން އިތުރުކުރުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.