އަންނަ އަހަރަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓުގައި މީޑިއާތަކަށް ފައިސާ ދޭނެ ވަކި އިންސައްތައެއް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު ނޫސްވެރިންނާއެކުގައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި "ނޫސްވެރިންގެ ގުންޒަރު"ގައި އެ މަނިކުފާނު ވިދާޅުވީ، އަލަށް އުފެދޭ ސަރުކާރަކީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދޭނެ ދެފުށް ފެންނަ ސަރުކާރެއް ކަމަށާއި އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން ނޫސްތަކަށް ފައިސާ ދިނުމަކީ ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މުއިއްޒު ރޭ ވިދާޅުވީ އެ ވައުދު ފުއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ބަޖެޓު މަރުހަލާގެ ތެރެއިން އެކަން ކުރުމަށް ހުށަހަޅުއްވާނެ ކަމަށެވެ.
"ގައިމުވެސް އަޅުގަނޑުމެންގެ މެންބަރުން އެތަނުގަ ވަރަށް މަދުވާނެ. އެހެންވީމަ އެމްޑީޕީގެ މަޖިލިސް މެމްބަރުން މިކަމުގަ އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވުމަކީ އަޅުގަނޑު ވަރަށް އެދޭނެ ކަމެއް. އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވައިފިއްޔާ، މި ފަހަރު ފާސްވާ ބަޖެޓުގެ ތެރޭގައި ވެސް އެކަމަށްޓަކައި (ނޫސްތަކަށް ފައިސާ ދިނުމަށް) ޖާގަ އުފެދިގެންދާނެ." އިންތިހާބީ ރައީސް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، މީޑިއާތަކަށް ފައިސާ ދޭނީ އުސޫލެއްގެ ތެރެއިން ކަމަށާއި އެ ފަދަ އުސޫލެއް ވެސް އެކުލަވައިލައްވާނެ ކަމަށެވެ.
މީގެ އިތުރުން މުއިއްޒު ވަނީ، ބޮޑު ކުލީގައި މީޑިއާ އޮފީސްތައް ހިންގުމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް މީޑިއާ ވިލެޖެއް ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު