ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް އެއްދުވަހަށް ކުރިއަށް ގެންދަން ނިންމައި، މާދަމާ އެ ބަހުސް ކުރިއަށް ގެންދަން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސް ކޮށްފިއެވެ.
ސަޕްލިމެންޓްރީ ބަޖެޓް މިއަދު މަޖިލީހަށް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަކި ކުރުމަށް އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލިސް ޑެޑްލޮކަކަށް ދިއުމުގެ ސަބަބުން ބަޖެޓް ހުށަނޭޅި ގިނަ ދުވަސްތަކެއް ދިއުމަށްފަހުގައެވެ.
މިނިސްޓަރު ބަޖެޓު ހުށަހެޅުއްވުމުން، ސަޕްލިމެންޓްރީ ބަޖެޓާ މެދު ކަންކުރާނެ ގޮތް މަޖިލިސް ގަވާއިދުގައި ނެތްކަމަށް ވިދާޅުވެ ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތެއް މަޖިލީހުން ކަނޑައެޅުމުން މަޖިލިސް ރައީސް މުހައްމަދު އަސްލަމް ފުރުސަތު ހުޅުވައިލެއްވިއެވެ.
ގިނަ މެންބަރުން ފާހަގަ ކުރެއްވީ ސަޕްލިމެންޓްރީ ބަޖެޓަކީ މިއަހަރު ދައުލަތުން އިތުރަށް ހަރަދުކުރަންޖެހޭ ފައިސާ ހަމަޖެއްސުމާ ބަޖެޓަކަށްވާ އިރު އެ ބަޖެޓް މަޖިލީހަށް ހުށެޅުން ލަސް ކަމަށެވެ.
މި މައްސަލައިގައި ބަހުސް ކުރުމަށްފަހު، ބަޖެޓްގެ މަސައްކަތް ދިގު ނުދެމޭގޮތަށް ކަންތައް ކުރިއަށް ގެންދިއުމަށްޓަކައި، މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްގެން އެއްދުވަހުގެ މުއްދަތަށް ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް މާދަަމާ ކުރިއަށްގެންދަން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބުދުﷲ ހުށަހެޅުއްވިއެވެ.
އޭނާގެ ހުށަހެޅުމުގައި ވަނީ މާދަމާހެ ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުމަށް އެ ބަހުސްގައި ވާހަކަ ދައްކާ ކޮންމެ މެންބަރަކަށް ފަސް މިނިޓުގެ ފުރުސަތެއް ދިނުމަށެވެ. އެއަށްފަހު ބަޖެޓް ކޮމިޓީއަށް ބަޖެޓް ފޮނުވުމަށްފަހު، ދިރާސާ ކުރުމަށް ދެ ދުވަސްދީ، ކޮމިޓީ ރިޕޯޓް މަޖިލީހަށް ގެނަސް ރިޕޯޓަށް ބަހުސް ކުރުމަށް މެންބަރަކަށް ދެ މިނިސްޓްގެ ފުރުސަތެއް ދިނުމަށްފަހު ބަޖެޓް ފާސް ކުރުމަށެވެ.
މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމްއެވެ.
އެހުށަހެޅުން ފާސްކުރީ ޖަލްސާގައި ތިއްބެވި 43 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މިއަދު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަކީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އިތުރު ކުރެވޭ މި ބަޔާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެގެންދާނެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު