ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާ ހިލާފަށް ބަޖެޓު ހުށަހަޅަމުންދާތާ 10 އަހަރުވެފައިވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވައިފައެވެ. މިއަދުގެ އެޖެންޑާގައިވެސް އޮތީ ދެ ބަޖެޓް މަޖިލީހަށް ހުށަހެޅުމެވެ.
އެ ގޮތުން އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި 49.5 ބިލިޔަން ރުފިޔާ އަދި ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި ފިނޭންސް މިނިސްޓަރު ވަނީ 6،509،270،402 ރުފިޔާ ހުށަހަޅުއްވައިފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން ބަޖެޓް ހުށަހެޅޭނީ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމަށްފަހު ކަމަށެވެ.
"ދިހަ އަހަރު މިވަނީ މި މަޖިލީހަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާ ހިލާފަށް ބަޖެޓު ހުށަހަޅަމުންދާތާ، ރައީސް މިތަނުގައި ފުރަތަމަ ދުވަސް މީ ރިޔާސަތު ބަލަހައްޓަވާ. އަޅުގަނޑަށް ފެނޭ ހަމަޔަކަށް އަޅުވަން. ރަނގަޅަށް ފައްޓަވައި ރަނގަޅަށް ކުރިއަށް ގެންދަން މީ ރަނގަޅު ދުވަހެއްހެން އަޅުގަނޑަށް ހީވަނީ،" އަލީ ހުސެއިން ވިދާޅުވިއެވެ.
މިއަހަރުގެވެސް ބަޖެޓް ހުށަހަޅާފައިވަނީ ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނާ ހިލާފަށް ކަމަށާއި މިއަހަރުވެސް ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލައިފައި ނުވާ ކަމަށެވެ. އަދި އެ ފުރުސަތު ލިބޭނެ ގޮތަކަށް މަޖިލީހަށް އަލުން ބަޖެޓް ހުށަހަޅަން ޖެހޭ ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު