ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައިފިއެވެ.

ނަޝީދު އިސްތިއުފާ ދެއްވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ އެމަނިކުފާނު ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި، މަޖިލީހަށް ހުށަހަޅާފައިވާތީއެވެ. އަދި އެމައްސަލަ ކުރިއަށް ނުގެންދެވި، މަޖިލިސް ހުއްޓުމަކަށް އައިސް، ގިނަ ބައެއްގެ ފާޑުކިޔުން ނަޝީދަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލިސްގެ އަމީންއާންމު ފާތިމަތު ނިޔުޝާއަށް ނަޝީދު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ މައްސަލަ އާއި އެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކާ މެދު ވިސްނާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ނަޒަރުގައި މަޖިލީހުގައި އަޣުލަބިއްޔަތު އޮތް އެމްޑީޕީން ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގައިފި ކަމަށެވެ.

"އަޅުގަނޑުގެ އިތުބާރު ނެތްކަމަށް ބުނެ ދެވަނަ ފަހަރަށް މިވަނީ މައްސަލަ ހުށަހަޅާފައެވެ. މި ފަހުގެ އިތުބާރުނެއްކަމުގެ މައްސަލަ ހުށަހެޅުމަށް ފަހުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ގެންދަނީ މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވެގެންދާނެ އެންމެހާ އަމަލުތައް ހިންގަމުންނެވެ. މަޖިލީހުގެ ހިންގާ ގަވައިދަކީ މަޖިލީހުގެ މެންބަރުން އެކުލަވާލާ ގަވައިދެކެވެ. މަޖިލީހުގެ ގަވައިދާ ގުޅޭގޮތުން މެޖޯރިޓީ ޕާޓީން އަމިއްލައަށް ފަނޑިޔާރުގެއަށް ގޮސް މަޖިލީހުގެ މެންބަރުންނަށް ކަނޑައެޅިގެން ލިބިދީފައިވާ ބާރެއް ހަނިކޮށްފިއެވެ. މަޖިލީހުގެ ކޮމެޓީއަކުން މަޖިލިސް ހިންގުމާ ގުޅޭ ގޮތުން ލަފާ ހޯދުމަށް ބަންޑާރަ ނައިބު އަރިހުގައި ދަންނަވައިފި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވެސް މިކަމުގެ ބިރުވެރިކަމާ މެދު އަލިއަޅުވާލާފައިވާ ކަމަށާއި ސުޕްރީމް ކޯޓުން ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަކީ ވަރަށް އިސްތިސްނާ ހާލަތެއްގައި ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުން ކޯޓުގެ ހުކުމްތައް ސިޔާސީ ވުމަށް މަގުފަހިވެ، ސިޔާސީ ކަންކަން ކޯޓުތަކުން ފައިސަލާ ކުރާ ބާވަތުގެ ގާނޫނީ މައްސަލަތަކަކަށް ބަދަލުވެގެން ދާނެ ކަމަށްވެސް ހުކުމުގައިވާ ކަމަށެވެ.

ކޯޓުން ހައްލެއް ހޯދުމުގެ ބަދަލުގައި، ސިޔާސީ މައްސަލަތަކަށް ހައްލު ހޯދަންވާނީ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުން ބޭރުގައި އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ދައްކައިގެން ކަމަށާއި އެއް ފަރާތުން އަނެއް ފަރާތަށް އިހުތިރާމް ކުރުމާއެކު ގައުމުގެ މަސްލަހަތު ކުރިއަށް ނެރެ ދޫދީގެން ކަމަށެވެ. އެއީ ސިޔާސީ މައްސަލަތަކަށް ކޯޓުން ދޭނެ ފަރުވާއެއް ނޯންނާނެތީ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމަލާއި ބަސް މިކަމުގައި ދިމާ ނުވީތީ ހިތާމަ ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ އަމަލުތައް މިމަގުން ގެންދާކަމީ ބޮޑު ހިތާމައެކެވެ. ދިވެހިންނަށް ވެވޭ ބޭއިންސާފެކެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި މަޖިލީހުގެ ރައީސް ކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީއިން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުންނެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދެމެވެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓައި، ރައްޔިތުންގެ މަސްލަހަތަށް ހިދުމަތް ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެމި ތިއްބަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު އަދާ ކުރުމަށް ލިބުނު ފުރުސަތަށްޓަކައި ފަހުރުވެރިވާ ކަމަށާއި އިސްތިއުފާއަކީ އެމަނިކުފާނުގެ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ހަމަޖެހުމާއި ނަޒާހަތްތެރިކަން އަލުން އާލާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިސްތިއުފާ ދެއްވާފައިވާ އިރު، މަޖިލިސް ނައިބު ރައީސް އީވާ އަބުދުﷲ މަގާމުން ވަކި ކުރުމަށް އެމްޑީޕީން މިއަދު ވަނީ 50 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅައިފައެވެ.