ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބުގެ ގަޔަށް އަތްލައި މާރާމާރި ހިންގާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ މަޖިލިސް ޖަލްސާ މެދު ކަނޑާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާއެއް މިއަދު ކުރިއަށްގެންދަން ނިންމިއެވެ.

އޭގެ ތެރެއިން 9:00 ގައި ކުރިއަށްގެންދަން އޮތް ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ 2024 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓްގެ މަސައްކަތެވެ.

އެގާރަޖަހާއިރު ބާއްވަން އޮތް ދެވަނަ ޖަލްސާގައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ އެޖެންޑާކޮށްފައެވެ.

މި ދެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީވެސް މަޖިލީހުގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އެވެ.

ޖަލްސާގެ ގޯތިތެރޭ ކުޑަ ދަށުގައި މެންބަރުން ތިއްބެވި ނަމަވެސް ޖަލްސާއަށް ނުވަންނަވާތީ، ކޯރަމް ހަމަނުވެގެން ބަޖެޓްގެ މަސައްކަތް އެޖެންޑާކޮށްފައި އޮތް ކުރިއަކަށް ނުގެންދެވުނެވެ. ނަމަވެސް ޖަލްސާ މެދު ކަނޑުއްވައި ލެއްވިޔަސް ޖަލްސާ ނިންމައި ނުލައި ކޯރަމް ހަމަވޭތޯ ބައްލަވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

އެގޮތަށް ތިން ފަހަރެއްގެ މަތިން އެ ޖަލްސާ ފަށަަން މަސައްކަތް ކުރި ނަމަވެސް ކޯރަމެއް ނުލިބުނެވެ.

ނަމަވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް އެޖެންޑާކުރި ޖަލްސާއަށް 60 މެންބަރުން ވަޑައިގެން ތިއްބެވުމުން އެޖަލްސާ ގަޑިއަށް ފެއްޓެވިއެވެ.

ނަމަވެސް ޖަލްސާ ކުރިއަށް ގެނދިޔަ ނުދިނުމަށް، އިދާރީ މޭޒު ކުރިމައްޗަށް، ރައީސް ނަޝީދާއި އީވާ ނިސްބަތްވެ ވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން އެއްވެ އަޑުގަދަކޮށް ދުއްމާރިފުމެ ޖަލްސާގެ ނިޒާމު ގެއްލުވާލައެވެ.

އެގޮތަށް ހަތަރު ފަހަރުގެ މަތިން އެ ޖަލްސާ ކުރިއަށް ގެންދަން އީވާ މަސައްކަތް ކުރެއްވިއެވެ.

ނަމަވެސް ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ. އޭގެ ތެރެއިން ތިންވަނަ ފަހަރު ޖަލްސާ ކުރިއަށް ގެންދަން މަސައްކަތް ކުރުމުން އެމްޑީޕީ މެންބަރުންނާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ މެދުގައި މައްސަލަ ހޫނުވިއެވެ. އެމްޑީޕީ މެންބަރުން ވިދާޅުވަނީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އީވާގެ މަސްލަހަރު ފުށުއަރާ މައްސަލައެއްކަމުން ރިޔާސަތުގައި އީވާއަށް ނީންނެވޭނެ ކަަމަށެވެ. ޑިމޮކްރެޓްސް އިން ބުނަނީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޖަލްސާއަށް އެޖެންޑާ ނުކުރެވޭނެ ކަމަށާއި އެއީ އިއްޔެގެ ޖަލްސާގެ ރިޔާސަތުން ބޭރުކޮށްފައިވާ މައްސަލައެއް ކަމަށެވެ.

އެކަންތައްކަނޑުގެ ތެރެއިން ދެފަރާތުގެ މެންބަރުންގެ މެދުގައި ޒުވާބު ހޫނުވި ވަގުތު، އިދާރީ މޭޒުގެ ކުރިމަތީގައި ކޮޅަށާއި، އިށީނދެތިއްވެވި ޑިމޮކްރެޓްސްގެ މެންބަރުންގެ ތެރޭގައި އިލިޔާސް ލަބީބު ހުންނަވަނިކޮށް، އަހުމަދު އީސަ އެތަނަށް ވަޑައިގެން އިލިޔާސް ލަބީބުގެ ކިހިލިފަތްދޮށަށް އަތްލައްވައިގެން ގަދަކަމުން ކަހަލަ ގޮތަކަށް އީސަ އިލިޔާސް ލަބީބު އެތަނުން އެއް ފަރާތަށް ގެންދާތަން ފެނުނެވެ.

އެކަމާ ގުޅިގެން އީވާ ވިދާޅުވީ މަޖިލިސް ތަޅުމުގައި މާރާމާރީ ހިންގައިފި ކަމަށާއި، ތަޅުމުގައި މާރާމާރީ ހިންގައިގެން ޖަލްސާ ކުރިއަށް ގެންދަން މެންބަރުން އުޅުއްވާނެ ކަމެއް ނެތްކަމަށެވެ.

"އަޅުގަނޑަށް ދެންމެ ފެނިއްޖެ މަޖިލީހުގެ ތަޅުމުގައި މާރާމާރީވެސް ހިންގައިފި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު ހުޅުދޫ ދާއިރާގެ މެންބަރުގެ ގަޔަށް އަތްލައި މާރާމާރީ ހިންގާތަން އަޅުގަނޑަށް ފެނިއްޖެ، އެހެންވީމާ މިވަގުތު މަޖިލީހުގެ ނިޒާމު އޮތްކަމަކަށް އަޅުގަނޑަކަށް އެއްވެސް ހާލަތެއްގައި ބެލެވޭކަށްނެތް، މަޖިލިސް ތަޅުމުގައި މާރާމާރީ ހިންގައިގެން މި ޖަލްސާ ކުރިއަށް ގެންދާކަށް މެންބަރުން އުޅުއްވާނެ ކަމެއްނެތް، އަނެއްކާވެސް ޖަލްސާ މި މެދުކަނޑާލަނީ،"

އެހެން ވިދާޅުވެ އީވާ މަޖިލިސް ޖަލްސާ މެދުކަނޑުއްވައި ލެއްވިއެވެ.