ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން، އެޖެންޑާ ކުރި، ޖަލްސާގެ ނިޒާމު ގެއްލިގެން ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ ޖަލްސާ މެދުކަނޑާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާއެއް މިއަދު ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރެއިން 9:00 ގައި ކުރިއަށްގެންދަން އޮތް ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ 2024 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓްގެ މަސައްކަތެވެ.

ތިންފަހަރުމަތިން ފަޝަން މަސައްކަތް ކޮށްގެންވެސް، ކޯރަމް ނުލިބިގެން އެ ޖަލްސާ ބޭއްވޭގޮތެއް ނުވިއެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، ކޯރަމް ހަމަނުވަނީސް ޖަލްސާ ނިންމައި ނުލައްވާނެ ކަމަށެވެ.

އެގާރަ ޖަހާއިރު ބޭއްވި މިއަދުގެ ދެވަނަ ޖަލްސާގައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމެވެ.

ކޯރަމް ހަމަވެގެން ޖަލްސާ ފެށި ނަމަވެސް އެ ޖަލްސާވެސް ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ.

އެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، 60 މެންބަރުން ޖަލްސާއަށް ހާޒިރުވެ ތިއްބެވި ކަމަށެވެ. ނަމަވެސް ޖަލްސާ ކުރިއަށް ގެންދެވޭނެ ނިޒާމެއް ނެތްކަމަށް ވިދާޅުވިއެވެ. އެއިރު ދަ ޑިމޮކްރެޓްސްގެ މެންބަރުން އިދާރީ މޭޒު ކައިރިއަށް ވަޑައިގެން، ގެންދެވީ އިހުތިޖާޖު ކުރަމުންނެވެ. "ކޮބައިހޭ ބަޖެޓް' ވިދާޅުވެ ތާޅަފުލި ފުމެ ހަޅޭއްލަވައި އަޑުގަދަ ކުރައްވަމުންނެވެ.

ޖަލްސާ ނިންމަވައިލައްވަމުން އީވާ ވިދާޅުވީ، ދެން ޖަލްސާއެއް ބާއްވާނެ ގަޑި މެންބަރުންނަށް އަންގަވާނީ އޭނާ ކަމަށެވެ.

"މެންބަރުންނަށް ކަނޑައެޅިގެން އެނގިވަޑައިގަނަވާނެ މި މައްސަލަ ކުރިއަށް ގެންދެވޭ ގޮތަކަށްނޫން މަޖިލީހުގެ ނިޒާމު މިއޮތީކީއެއް، އެހެންކަމުން ނިޒާމު ލިބެންދެން މަޖިލީހުގެ ޖަލްސާ މިވަގުތަށް މެދުކަނޑާލާނަން. ދެން ޖަލްސާއެ ބާއްވާނެ ގަޑި އަޅުގަނޑު މެންބަރުންނަށް އަންގާލާނަން،"

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާ މައްސަލައިގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނާއިބު ރައީސް ނޫން މެންބަރަކަށް ނުބެލެހެއްޓޭނެ ކަމަށް، މަޖިލީހުގެ އިދާރާއިން ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށްބުނެ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ހުކުމް އިއްވުމާ ގުޅިގެން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފުރަތަމަ އެޖެންޑާ ކުރީ އިއްޔެގެ ޖަލްސާއަށެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ ގަރާރު އެމްޑީޕީން ހުށަހަޅާފައި ވަނީ މަޖިލިސް ގަވާއިދާ އެއްގޮތަށް ނޫންކަމަށް ބުނެ އިއްޔެގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގެ ރިޔާސަތުގައި އިންނެވި ޑިމޮކްރެޓްސްގެ މެންބަރު ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އެ މައްސަލަ މަޖިލިސް ތަޅުމުން ބޭރުކުރިއެވެ.

ނަމަވެސް އަފީފު އެކަން ކުރެއްވީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށްބުނެ، އެ މައްސަލަ އެޖެންޑާކޮށް މަޖިލިސް އިދާރާއިން ދެވަނަ ޖަލްސާއެއްވެސް އިއްޔެ ބޭއްވިއެވެ. ނަމަވެސް އެ ޖަލްސާގެ ރިޔާސަތަށް އީވާ ވަޑައިގެން، އިތުބާރު ނެތްކަމުގެ މައްސަލައަކީ އޭގެ ކުރިން ބޭއްވި ޖަލްސާގައި ބޭރުކޮށްފައިވާ މައްސަލައެއް ކަމަކަށް ވާތީ އެ މައްސަލަވެސް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ޖަލްސާ ނިންމަވައިލެއްވިއެވެ. އެއީ އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް އެޖެންޑާ ކުރީ އެހެން ވެގެންނެވެ.