ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހެޅި މައްސަލަ ނުނިމި އޮއްވައި، ދެން އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން އެޖެންޑާ ކޮށްދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންފިއެވެ.

އަމީންއާއްމަށް، ނަޝީދު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން ފެށޭ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން ޖެހޭ ކަމަށާއި ކުރިން އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައި ނުވާ ކަމަށެވެ.

"ގާނޫނުއަސާސީ އާއި ގާނޫނުގައި ލާޒިމުކޮށްފައިވާ ތާރީހަށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުން މިހާރު ލަސްކުރައްވާފައިވުމާއި, ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ފަދައިން އެކަން އިތުރަށް ލަސްކުރެވެން ނޯންނާނެތީ, ދައުލަތުގެ ބަޖެޓު ހުށަހެޅުން ދެން އެންމެ އަވަހަށް ބާއްވާ ޖަލްސާގެ ފުރަތަމަ ކަމެއްގެ ގޮތުގައި އެޖެންޑާ ކޮށްދެއްވުމަށް ދެންނެވީމެވެ," ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންދެވި އޮއްވައި، ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމަށްފަހު މިއަދު ވަނީ ދެ ޖަލްސާއެއް އެޖެންޑާ ކޮށްފައެވެ. އެގޮތުން މިއަދު ހެނދުނު ބޭއްވި ފުރަތަމަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެއީ މަޖިލިސް ނައިބު ރައީސް އެ ޖަލްސާއަށް ސަލާމް ފޮނުއްވާފައިވާތީ އެވެ. އެ ޖަލްސާގައި ގަރާރު ތަޅުމަށް ހުށަހެޅުއްވުމުގެ ކުރިން ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ މަޖިލިސް ގަވާއިދާ ހިލާފު، ޝަރުތު ފުރިހަމަ ނުވާ ގަރާރެއް ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވައިފައެވެ.

އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި، މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބުނެ، އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމަވައި، މިއަދު ހެނދުނު ބޭއްވި ފުރަތަމަ މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވަނީ އެ ޖަލްސާ ނިންމަވައިލައްވައިފައެވެ.

ނަމަވެސް އަފީފް މިއަދު ޖަލްސާ ކުރިއަށް ނުގެންދަން ނިންމަވައި، ގަރާރު ބޭރުކޮށްލެއްވީ މަޖިލިސް ގަވާއިދާ ހިލާފަށް ކަމަށް ބުނެ، މަޖިލިސް އިދާރާއިން ވަނީ އެ މައްސަލަ އަލުން އެޖެންޑާ ކޮށްފައެވެ. އެގޮތުން މަޖިލިސް ނައިބު ރައީސް އީވާ އަބުދުﷲ ރިޔާސަތުގައި ދެވަނަ ޖަލްސާ ފެއްޓެވިއެވެ. ޖަލްސާ ފައްޓަވައި ނައިބު ރައީސް އީވާ ވިދާޅުވީ ނަޝީދު ވަކިކުރުމުގެ ގަރާރަކީ މިއަދު ހެނދުނުގެ ޖަލްސާގައި ރިޔާސަތުން ބޭރުކޮށްލާފައިވާ ގަރާރެއް ކަމަށާއި މި މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެގޮތަށް ވިދާޅުވުމަށްފަހު އީވާ ވަނީ އެ ޖަލްސާ ނިންމަވައިލައްވައިފައެވެ.

ނަމަވެސް މަޖިލިސްގެ ރިޔާސަތުން ރައީސް ނަޝީދު ވަކިކުރުމުގެ ގަރާރު ބޭރުކޮށް ނުލެވޭނެ ކަމަށާއި އެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ދެކެވަޑައިގަންނަވައެވެ.

މަޖިލީހުގެ ޑިރެކްޓަރް އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު "ވަން" އަށް ވިދާޅުވީ މަޖިލިސްގެ ރިޔާސަތުން ރައީސް ނަޝީދު ވަކިކުރުމުގެ ގަރާރު ބޭރުކޮށް ނުލެވޭނެ ކަމަށް މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ލަފާދެއްވާފައިވާ ކަމަށާއި ދެވަނަ ޖަލްސާއެއް އެޖެންޑާ ކުރީވެސް އެހެންވެ ކަމަށެވެ.

މިއަދުގެ ދެ ޖަލްސާއާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ، އެމްޑީޕީން ވަނީ އެމައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ކޮމިޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އެޖެންޑާ ކުރާ މަޖިލިސް ޖަލްސާތަކުގެ ރިޔާސަތު، އީވާ އާއި ހަސަން އަފީފަށް ނުބެލެހެއްޓޭނެ ގޮތް ހަދަން، ފާސްކޮށް އެކަން އާއްމު ކޮމިޓީއަށް އަންގައިފިއެވެ.