ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް އެމްޑީޕީން ފަށައިފިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "ވަން" އަށް މިއަދު ވިދާޅުވީ، އީވާ މަގާމުން ވަކިކުރުމަށް ހުށަހެޅުމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މަސައްކަތް ފަށާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެކަން ޕާލިމަންޓްރީ ގުރޫޕަށް ހުށަހަޅައި، އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގައި މިއަދު ހިނގައިދިޔަ ކަންތައްތަކަށް އިޝާރާތް ކުރައްވައި އަސްލަމް ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހުގެ މުޅި ނިޒާމު މުގުރާލައިފި ކަމަށާއި އެ ބޭފުޅުން މަޖިލީހުގައި މަސައްކަތް ކުރައްވަނީ "އަމިއްލަ ގޭގައި" ކަންތައް ކުރައްވާ އުސޫލުން ކަމަށެވެ.

އެގޮތުން މަޖިލިސް ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލައަކީ މިއަދު ހެނދުނު ބޭއްވި މަޖިލިސް ޖަލްސާއިން ބޭރުކޮށްފައިވާ މައްސަލައެއް ކަމަށް ބުނެ އެ މައްސަލަވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް، މިއަދު މެންދުރު ބޭއްވި ޖަލްސާގައި އީވާ ވިދާޅުވި އިރު، އެ މައްސަލަ ބޭރުކޮށްލީ ރަނގަޅަށްތޯ މަޖިލީހުގެ ނައިބު ރައީސް ބައްލަވަން ޖެހޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރު ބޭރުކޮށްލީ ގޯސްކޮށް ކަމަށް ކައުންސެލާ ޖެނެރަލާއި އަމީން އާންމުވެސް ފާހަގަކުރައްވާފައި ވަނިކޮށް ކަމަށެވެ.