ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު، މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެމައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި، މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބުނެ، އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމަވައި، މިއަދު ހެނދުނު ބޭއްވި މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އެ ޖަލްސާ ވަނީ ނިންމަވައިލައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "ވަން" އަށް މިއަދު ވިދާޅުވީ މިއީ އިދާރީ ހުރިހާ މަރުހަލާއެއް ނިންމައި، ގަވާއިދަށް ފެތޭ ކަމަށް މަޖިލީހުގެ އިދާރާއަށް ފެނިގެން މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާ ކޮށްފައިވާ ގަރާރެއް ކަމަށެވެ. އަދި މަޖިލިސް އިދާރާއިން ވެސް ގަބޫލުކުރާ ގޮތުގައި މައްސަލަ ބޭރު ނުވާ ކަމަށާއި މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ މަޖިލިސް އިދާރާއިން އެގޮތަށް ނިންމާފައި ވަނިކޮށް، ރިޔާސަތުން އެމައްސަލަ ބޭރުކޮށްނުލެވޭނެ ކަމަށާއި އެއީ މަޖިލިސް ގަވާއިދާ ހިލާފު ކަމެއް ކަމަށާއި އެ ބާރު ރިޔާސަތަށް ލިބިގެން ނުދާ ކަމަށެވެ. އަދި އަފީފްގެ އެ ނިންމުމަކީ މަޖިލިސް ގަވާއިދާ ހިލާފަށް ނިންމި ހުދުމުހުތާރު ނިންމުމެއް ކަމަށާއި އެހެންވެ، އަފީފާ ގުޅޭ އިމްތިޔާޒީ މައްސަލައެއް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"އަފީފް ނިންމާފައިވަނީ ގާނޫނާ ގަވާއިދާ ހިލާފަށް. މަޖިލިސް އިދާރާއިންވެސް ލަފާ ދިނީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް. އިދާރީ ހުރިހާ މަރުހަލާއެއް ނިންމައި އެޖެންޑާ ކުރުމުން، މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލިސް ރިޔާސަތުން ނުނިންމޭނެ. އެއީ މަޖިލިސް ގަވާއިދުން ރިޔާސަތަށް ލިބިދޭ ބާރެއް ނޫން. އަފީފްގެ އެ ނިންމުމަކީ ވަރަށްވެސް ހުދުމުހުތާރު ނިންމުމެއް. އެހެންވެ އެމައްސަލަ މިހާރު ވާނީ އެމްޑީޕީ ޕީޖީގެ ފަރާތުން އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅާފައި،" އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީގެ މުގައްރިރް އަދި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ އަފީފް، ނަޝީދުގެ މައްސަލަ ބޭރުކޮށްލަން ނިންމީ މަޖިލިސްގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އެމައްސަލަ ބަލަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއީ ވިދާޅުވީ އެ މައްސަލަ އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ބެލުމަށް މިއަދުގެ މެންދުރުފަހު 1:00 އަށް އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އަފީފް މިއަދު ނިންމެވީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، މަޖިލިސް އިދާރާއިން ވަނީ އެ މައްސަލަ އަލުން އެޖެންޑާކޮށްފައެވެ. އެގޮތުން މިއަދުގެ 11:30 އަށް މަޖިލިސް ޖަލްސާ ބާއްވަން އެޖެންޑާކޮށް، މަޖިލިސް ނައިބު ރައީސް އީވާ އަބުދުﷲގެ ރިޔާސަތުގައި ބާއްވައިފައެވެ.
ނަމަވެސް އީވާ ވަނީ މި މައްސަލައަކީ ބޭރުކޮށްލާފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ، މަޖިލިސް ޖަލްސާ ނިންމަވައިލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު