ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އަލުން ހުށަހަޅަން އަންގައި މަޖިލިސް ޖަލްސާ މިއަދު ނިންމާލީ މަޖިލިސް ގަވާއިދާ ހިލާފަށް ކަމަށްބުނެ، އަލުން އެމައްސަލައިގެ ޖަލްސާއެއް މިއަދު ބާއްވައިދޭން މަޖިލީހުގައި އެދެން އެމްޑީޕީން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި، މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބުނެ، އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމަވައި، ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމަވައިލައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ މަޖިލިސް ގަވާއިދާ ހިލާފު، ޝަރުތު ފުރިހަމަ ނުވާ ގަރާރެއް ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވާފައިވަނީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "ވަން" އަށް ވިދާޅުވީ މި މައްސަލަ ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށާއި މިއީ ގަވާއިދާ އެއްގޮތަށް ހުށަހެޅި މައްސަލައެއް ކަމަށެވެ. އަދި މި މައްސަލަ ނުގެންދެވޭނެ ކަމަށް ރިޔާސަތުން ނެންގެވި ނުކުތާއަކީ ބަލައިގަނެވޭނެ ނުކުތާއެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.
"މިއީ 167 ވަނަ މާއްދާގައި ބަޔާންކުރާ ގަރާރުތަކުގެ ތެރެއިން ގަރާރެއް ނޫން. އެހެންވީމަ މި މައްސަލަ ކުރިއަށް ގެންދެވެންވާނެ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މި ގަރާރު ހުށަހެޅި އިރު މަޖިލީހުގެ އިދާރާއާ އެކުވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށާއި މި ގަރާރު ހުށަހަޅާފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށް މަޖިލީހުގެ އިދާރާއިންވެސް ލަފާދީފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ކުރިއަށް ނުގެންދެވޭނެ އެއްވެސް ހާލަތެއް ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ.
"މީގެ ކުރިން ހުށަހެޅި އިތުބާރުނެތް ކަމުގެ މައްސަލަތަކާއި މި މައްސަލަ ވެސް ހުށަހަޅާފައިވަނީ މަޖިލިސް ގަވާއިދާ އެއްގޮތަށް. އެކަންކަމަށް މަޖިލިސް އިދާރާއިންވެސް ވަނީ ބުނެފައި. މިއީ އިދާރީ ހުރިހާ މަރުހަލާއެއް ނިންމައި، ގަވާއިދަށް ފެތޭ ކަމަށް މަޖިލީހުގެ އިދާރާއަށް ފެނިގެން މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާ ކޮށްފައިވާ ގަރާރެއް،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ މަޖިލިސް އިދާރާއާ އެކު ބައްދަލުވުމެއް މީގެ ކުޑަ އިރުކޮޅެއް ފަހުން ބާއްވަން ނިންމާފައިވާ ކަމަށާއި މި މައްސަލައިގެ ޖަލްސާ އަލުން މިއަދު އެޖެންޑާ ކޮށްދިނުމަށް އެދި މަޖިލިސް އިދާރާގައި އެދުމަށް ނިންމާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް ވެސް ވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު