ގިސްލަމުން ދިޔަ ޔަޝްފީ، ކުއްލިޔަކަށް ރުހައިމްގެ ގަމީހުން ދޫކޮށްލިއެވެ. އަދި ރުހައިމްގެ މޭގައި އަތް އަޅާ ދުރަށް ކޮއްޕާލިއެވެ. ފަހަތަށް ފިޔަވަޅުތަކެއް އަޅައިލަމުން ރުހައިމާ ދުރަށް އޭނަ ޖެހިލިއެވެ.
''ޔޫ ރުއިންޑް މައި ލައިފް!...'' އަނގަމަތީގައި އަތް އަޅަމުން ޔަޝްފީ ބާރުބާރަށް ގިސްލިއެވެ. ލޮލުން ތާޒާ ކަރުނަތައް ވެސް އޮހޮރިގެން ދިޔަ އެވެ. އެއަޑުން ވެސް އޭނަ އުފުލަމުންދާ ހިތާމަތަކާއި ބިރުވެރިކަން ރުހައިމްއަށް ތަސައްވަރުކޮށްދޭން ޔަޝްފީ މަސައްކަތްކުރިއެވެ. ރުހައިމްގެ ޖަޒުބާތުތަކުގެ މައްޗަށް އޭނައަށް ބާރު ފޯރުވޭނީ އޭރުންނެވެ. ކޮންމެ ގޮތެއް ވިޔަސް ނާލާއާއި ރުހައިމްއާ ދެމެދު އޮތް ގުޅުމަށް ވުރެން، އޭނައާއި ރުހައިމްއާ ދެމެދު އޮތް ގުޅުން ހާއްސަވެގެން ދާނެކަން ޔަޝްފީއަށް ޔަޤީންކުރެވުނެވެ. އޭނަ މިހާރު އެއިނީ ރުހައިމްގެ ކުއްޖަކަށް ބަލިވެއެވެ. އެހަޤީޤަތް ރުހައިމްއަށް ބީރުކަންފަތެއް ނުދެވޭނެއެވެ. އިންކާރެއް ވެސް ނުކުރެވޭނެއެވެ. އެކަމާ ކުރިމަތިލުން ނޫން އިތުރު ގޮތެއް ރުހައިމްއަކަށް ނެތެވެ. ރުހައިމް ވަނީ އޭނައަށް މަދަދުވެރިވާނެކަމުގެ ޔަޤީންކަން ކުރިން ދީފައެވެ. އެކަމުގެ ފައިދާ ނަގަން ވެސް ޔަޝްފީ ރާވާލިއެވެ.
ޔަޝްފީއާ ހަތަރުކަޅި ހަމަކުރުން ރުހައިމްއަށް ވީ އުނދަގޫ ކަމަކަށެވެ. އެންމެ ކުޑަމިނުން އިސްއުފުލަން ވެސް އޭނައަށް ހިތްވަރެއް ނުލިބުނެވެ. މުޅި ނަފުސު ބަނދެވިގެން ދިޔައީ ކުށްވެރިކަމުގެ ކަސްތަޅުތަކެއްގައެވެ. ޔަޝްފީ އިން ހާލަތާ މެދު ޒިންމާ ނަގަން ޖެހޭނީ އޭނަ ކަމުގައި ވާތީއެވެ. ކިތަންމެ ވަރަށް ފިލަން ދުވަން ބޭނުން ވިޔަސް އޭނަގެ އަތުގައި އެވަނީ ހިލިހިލާ ޖެހިގެން ގޮސްފައެވެ. ވޭނީ ރިހުމެއް ރުހައިމްގެ ހިތުގައި އުފަންވެގެން ދިޔަ އެވެ. އޭނަގެ މުޅި ވުޖޫދަށް ވެސް ގިލަންވެރިކަން ގެނުވަމުންނެވެ.
ރުހައިމަށް އޭނަގެ ބޮލުގައި ހިފަހައްޓާލެވުނެވެ. އޭރު އޭނަގެ އަތުގައި ތުރުތުރުލުމެއް އެކުލެވިގެން ވިއެވެ. ޔަޝްފީގެ ޖުމްލަތައް ވެސް ހޮނު ގުގުރިއެއްގެ ސިފައިގައި އޭނަގެ ކަންފަތުގައި ގުގުމަން ފެށިއެވެ. ފާއިތުވާން ފެށި ކޮންމެ މިނެޓަކާއެކު އެހިތުގައި ވިންދު ޖަހަމުން ދިޔަ ބިރުވެރިކަން އިތުރުވާން ފެށިއެވެ. ހަޤީޤަތާ ކުރިމަތިލާން އޭނަގެ ނަފުސަށް ތައްޔާރެއް ނުވެވުނެވެ. ބޮލުގެ ރިހުން ވެސް އިންތިހާއަށް ގަދަވާން ފެށިއެވެ. އެހިތުގައި ބިރުވެރިކަން އުފެދިފައި އޮތް ކަންތައް ހަޤީޤަތަކަށް ވުމުން ސިކުނޑީގެ މަސައްކަތްތަކަށް ވެސް ވަނީ ބުރޫ އަރާފައެވެ. މަސްރަހާ މެދު އޭނައަށް ރަނގަޅަށް ވިސްނައެއް ނުގަނެވުނެވެ. މޭގެ ތެރޭގައި އޮތް ހިތް ނެގިނެގިފައި ޖެހެމުން ދިޔަ އެވެ. ނޭވާތައް ވެސް ފުން ވެއްޖެއެވެ. އޭރު ހިތާހިތުން އޭނައަށް ތަކުރާރު ކުރެވެމުން ދިޔައީ ލެބްގެ ތަހުލީލުތަކުގައި ލިޔެފައި އޮތް ނަތީޖާއާއެވެ.
''ޕޮޒިޓިވް؟...'' ރުހައިމްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ކޮޅަށް ހުންނަން ދަތި ކަމަކަށް ވުމުން އޭނައަށް ސޯފާއަށް ތިރިވެވުނެވެ. ބޮލުން ދެން ވެސް އޭނައަށް ދޫކޮށެއް ނުލެވުނެވެ. ބޮލަށް އަރާފައި ހުރި އެނބުރުމެއްގެ ސަބަބުންނެވެ. އޭނައަށް ހީވަނީ ވަށައިގެންވާހާ މަންޒަރެއް ވެސް އެނބުރެމުން ދާ ހެންނެވެ. މުޅި މީހާ ވަނީ ސިހުމެއްގެ ތެރޭގައެވެ. ހަޤީޤަތް ސިއްރުކުރަން ކަންތައް ކުރަންވީ ގޮތެއް ވެސް ރުހައިމްއަކަށް ވިސްނައެއް ނުގަނެވުނެވެ.
''ތިކަހަލަ ރަހުމު ކުޑަ މީހެއްގެ ދަރިއަކަށް ބަލިވެ ހުންނާކަށް ވެސް އަހަރެން ބޭނުމެއް ނޫން...'' ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ޔަޝްފީ ބުންޏެވެ. އޭނަ ބޭނުންވީ ރުހައިމް އިތުރަށް ތަޅުވާލާށެވެ. ބިރުގަންނަވާލާށެވެ. ރުހައިމްގެ ވިސްނުމަށް ވެރިވެގެންނާށެވެ.
ސިކުނޑީގައި އުފެދިފައިވި ހަލަބޮލިކަމާ ހަނގުރާމަކުރަމުން ދިޔަ ރުހައިމް ސިހިގެން ދިޔައީ ޔަޝްފީގެ ޖުމްލަ ކަންފަތުގައި ގުގުމާލުމުންނެވެ. އޭނައަށް ވަގުތުން އިސްއުފުލާލެވިއްޖެއެވެ. ޔަޝްފީ ބުނި ޖުމްލައިގެ މާނަ އޭނައަށް ނަގައިގަނެވުނެވެ. ސޯފާއިން ރުހައިމްއަށް ތެދުވެވުނެވެ.
''ޔަ...ޝްފީ...'' ރުހައިމްގެ ދޫ ހަރަކާތްކުރީ އުނދަގުލުންނެވެ. އޭނައަށް ޔަޝްފީއާ ވާހަކަދެއްކުން ފަސޭހަކަމަކަށް ނުވިއެވެ. ޔަޝްފީއާ ކުރިމަތިލުން ވެސް ފަސޭހަކަމަށް ނުވިއެވެ. ނަފުސަށް ލިބެމުން ދިޔަ ސަޒާތަކާ އެކުގައި ވެސް އޭނަ ޔަޝްފީއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ވަމުން ދިޔަ ކަންތައް ސިކުނޑިއަށް ރަނގަޅަށް ނަގައިނުގަނެވުނަސް ޖަޒުބާތުގެ މައްޗަށް ބުރަވެ ޔަޝްފީ ދައްކަމުން ދިޔަ ވާހަކަތަކާއި ޤަބޫލު ވެވޭ ގޮތެއް ނުވިއެވެ. ފާފައިގެ މައްޗަށް ފާފައެއް ކުރުމާ މެދު އޭނައަށް އެއްބަސްވުމަކަށް އާދެވޭ ގޮތެއް ނުވިއެވެ. ދުނިޔޭގެ ލަދުން ސަލާމަތް ވާން ވެސް އޮތީ ފާފައިގެ މަގު ޚިޔާރުކުރުން ކަމުގައި ވާތީ އޭނަ އެވަނީ ދިރިއުޅުމުގައި ކުރިމަތިވި އެންމެ އުނދަގޫ ހާލަތާ ކުރިމަތިލާން ޖެހިފައެވެ. މުސްތަޤުބަލު އޭނައަށް ފެންނަނީ އަނދިރިކަމާއެކުގައެވެ. އުއްމީދެއް ނުވާ ހާލުގައެވެ. ވިސްނެމުން ދިޔައީ ހަޤީޤަތް ހާމަވެއްޖެނަމަ ކަންތައް ވެދާނެ ގޮތަކާ މެދުގައެވެ. ޔަޝްފީއަށް އޭނަގެ ސަބަބުން ދެރަގޮތެއް މެދުވެރިވާން ރުހައިމް ބޭނުމެއް ނުވިއެވެ. ވިސްނަން ސިކުނޑިއަށް ލަމުން ދިޔަ ބާރާއެކު ބޮލުގެ ރިހުން ގަދަވާން ފެށިއެވެ. މީހާ ފާޑަކަށް ބުރާންތިވެދާނެ ހެން ވެސް ހީވިއެވެ.
''ރުހައިމް ހީނުކުރާތި އަހަރެން ދުނިޔެއަށް ބަދުނާމުވާން ދޫކޮށްލާފަ އުފަލުގައި ދިރިއުޅެވިދާނެ ކަމަކަށް، އަހަރެން މިހުރި ހާލަތުގެ ފައިދާ އިތުރަށް ރުހައިމްއަށް ނެގުމުގެ ފުރުސަތެއް ނުދޭނަން، ރުހައިމްގެ ބަހަށް އިތުރަށް އިތުބާރު ކުރާކަށް ބޭނުމެއް ނޫން، ރުހައިމް ކުރި ކަންތަކުގެ ޒިންމާ ނަގާނަމޭ ބުނެފައި ވެސް ރުހައިމް މަސައްކަތްކުރަނީ ހަޤީޤަތަށް ފިލަން، ދެން ވެސް ކަންތައް ކުރާނީ އެފަދައިން... ނާލާއަށް އަހަރެން މިއިނީ ރުހައިމްގެ ދަރިއަކަށް ބަލިވެކަން އެނގިއްޖެ ނަމަ ވާނީ ކިހިނެއްތަ؟... ރުހައިމްއާއެކު ދިރިއުޅެން ނާލާ ބޭނުންވާނެތަ؟...'' ކުރެހިފައިވި ޔަޝްފީގެ އަޑުން ރުޅިވެރިކަން ހާމަކޮށްދިނެވެ. އޭނަގެ ދެލޮލުން ވެސް ފެންނަމުން ދިޔައީ ނަފުރަތުގެ އަސަރުތަކެވެ. ބޭރުފުށުން ރުޅިވެރިކަމުގެ ސިފަތައް ދެއްކިޔަސް ހިތުގެ މުރާދު ހާސިލުވަމުން ދާތީ ޔަޝްފީގެ ހިތަށް ވެރިވެފައިވަނީ އުފާވެރިކަމުގެ ރާހަތެކެވެ. ކޮންމެ ފަދަ ދަރަޖައަކަށް ގޮސްގެން ވެސް އޭނަގެ މިލްކަކަށް ރުހައިމްވުމުން އޭނައަށް ފުދޭނެއެވެ.
''ޔަޝްފީ!...'' ރުހައިމްއަށް ތެޅިގަނެވުނެވެ. އޭނައަށް ހީވީ ކުރިމަތިން ބިރެއް ފެނުނުހެންނެވެ. އޭނައަށް ކުރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ. ނަމަވެސް ހުއްޓެވުނީ އޭނައާއި ޔަޝްފީގެ ނަޒަރު ބައްދަލުވުމުންނެވެ.
''އަހަންނަށް ދުވަސްކޮޅެއްދީ، އޭރަށް ހުރިހާ ކަމެއް ހަމައަކަށް އަޅުވާނަން، އަހަރެން ހުރިހާ ކަމެއްގެ ޒިންމާ ނަގާނަން، ޔަޝްފީ ބަލިވެ ތިއިނީ އަހަރެންގެ ކުއްޖަކަށްކަން އަހަރެން ޤަބޫލުކުރަން، އެކަން ދޮގު ކުރާކަށް އަހަރެން ނޫޅޭން... އަހަންނަށް ކުރެވުނު ކަންތަކަށް ވެސް މަޢާފަށް އެދެން...'' ރުހައިމްގެ އަޑުގައި ވަނީ އާދޭހެވެ. ކުއްލި ހިތްވަރެއް އޭނައަށް ލިބިގެން ދިޔައީ ޔަޝްފީގެ އަޑުގައިވި އިންޒާރުތަކުންނެވެ. ޔަޝްފީއަށް ވިސްނައިދޭން އޭނަ ބޭނުން ވިއެވެ. ބަދުނާމުވުމަށް ދޫކޮށްނުލާނެކަން ޔަޤީންކޮށްދޭން ވެސް ބޭނުން ވިއެވެ. ހުރިހާ ކަމަކަށް ވެސް ޒިންމާ ނަގަން އޭނަ ހުރީ ތައްޔާރަށެވެ. ނާލާއަށް ހަޤީޤަތް ސިއްރުކުރަން ބޭނުން ވާތީއެވެ.
''ދުވަސްކޮޅެކޭ!، ރުހައިމްއަށް އެނގޭތަ އަހަރެން އަތުގަ ވަގުތު ނެތްކަން؟...'' ހަޅޭކެއްގެ އަޑާއެކު ޔަޝްފީ ރޯން ފެށިއެވެ. ''ރުހައިމް ތިއުޅެނީ އަހަންނަށް އޮޅުވާލަން...''
''އޮޅުވާލާކަށް ނޫޅެމޭ، އަހަރެންގެ ބަހަށް އިތުބާރުކޮށްބަލަ...'' ޔަޝްފީގެ ކަރުނަތަކާއި ހިތްދަތިކަމުން ރުހައިމްގެ ހިތަށް އަސަރުކުރިއެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޔަޝްފީ ބަލިކަށިވެފައި ހުރި މިންވަރު އޭނައަށް އަންދާޒާކޮށްލެވުނެވެ.
''އިތުބާރު؟... ކިހިނެއްތަ އަހަރެން ރުހައިމްއަށް އިތުބާރު ކުރާނީ؟... އަހަންނަށް މިހާލު ޖެއްސި މީހަކީ ވެސް ރުހައިމް...'' މޫނުގައި އަތް އަޅަމުން ޔަޝްފީ ގިސްލާން ފެށިއެވެ.
''ޔަޝްފީ...'' ރުހައިމްއަށް ގޮވާލެވުނެވެ. ޔަޝްފީ ހަމައަކަށް އަޅުވާނެ ގޮތެއް އޭނައަކަށް ނޭނގުނެވެ. އޭނަގެ ބަހަށް އިތުބާރުކުރުން އެއީ ޔަޝްފީއަށް ކިހާ އުނދަގޫ ކަމެއްކަން ރުހައިމްއަށް ތަސައްވަރުކުރެވުނެވެ.
ރުހައިމްއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. އަދި ފުންނޭވާއެއް ދޫކޮށްލެވުނެވެ. ދެލޯމަރާ ބާރުކޮށްލަމުން އޭނަގެ ނިންމުން ޔަޝްފީއަށް ހާމަކޮށްލިއެވެ.
''ދަރިފުޅަށް ދެރަގޮތެއް ވާން އަހަރެން ބޭނުމެއް ނޫން!، އެދަރިފުޅުގެ އެއްވެސް ކުށެއް ނެތް... އަހަރެން މިހިރީ ޔަޝްފީއާ ކައިވެނި ކުރަން ތައްޔާރަށް...'' އެލަފުޒުތައް ރުހައިމްއަށް ބޭރުކުރެވުނީ އުނދަގުލާ އެކުގައެވެ. ނާލާ ނޫން އިތުރު އަންހެނަކަށް އަންބެއްގެ މަޤާމު ދޭކަށް އޭނަ ބޭނުމެއް ނޫނެވެ. އެކަމާ ރުހެވޭކަށް ވެސް ނެތެވެ. އެހެނަސް ދިރިއުޅުން ގޮސްފައި އޮތް އަޑިގުޑަންގަނޑުން އަރައިގަންނަން އޭނައަށް މިއަދު އެނޫން އިތުރު ގޮތެއް ނެތެވެ. ހިތާމަޔާއި އުދާސްކަމުން ނާލާ ސަލާމަތްކުރަން އެނޫން ގޮތެއް ވެސް އޭނައަކަށް ނުފެނުނެވެ. ހުރިހާ ކަމެއް ސިއްރެއްގެ ގޮތުގައި ބޭއްވިއްޖެނަމަ މަސްރަހު ހަމައަކަށް އެޅިދާނެ ކަމަށް ރުހައިމްއަށް ހީކުރެވުނެވެ. ނަމަވެސް އެއީ ރުހައިމްއަށް ކުރެވުނު ކުށްހީއެކެވެ. ޔަޝްފީގެ ރޭވުންތެރިކަން ފާހަގަ ނުކުރެވުނީތީއެވެ.
''ސޯ ޕްލީޒް ޓްރަސްޓް މީ އެންޑް ގިވް މީ އެ ފިއު ޑެއިސް...'' ކުރަން ޚިޔާލުކުރެވުނީ ރަނގަޅުކަމެއް ނޫންކަން ރުހައިމްއަށް ވިސްނުނެވެ. އެއީ ފާފައަކަށް ވާތީއެވެ. ދުނިޔޭގެ ލަދުން ސަލާމަތްވާށާއި، ހަޤީޤަތް ސިއްރުކުރަން އޭނަ ދީލައިލީ ޝައިތާނާގެ ވަސްވާހަށެވެ. ފާފަޔަކަށް އަރައިގަންނަން ޚިޔާރުކުރެވުނީ ވެސް އެހެންވެއެވެ.
ރުހައިމްއަށް ޔަޝްފީ ބަލައިލިއެވެ. ރުހައިމްގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްދަތިކަމުން ރަމްޒުކޮށްދެމުން ދިޔަ މަންޒަރާ މެދު ޔަޝްފީ ހިތްހަމަނުޖެހުނެވެ. އެފަދަ ވަގުތެއްގައި ވެސް ނާލާއާ މެދު ރުހައިމްގެ ހިތުގައިވި އިހުސާސްތައް އޭނައަށް ދެނެގަނެވުނެވެ. މިހުރިހާ އިރު ވަންދެން ހިތަށް ލިބިފައިވި ރާހަތު، ހިތިކަމަކަށް ބަދަލުވާން ފެށިއެވެ. ހިސާބަކަށް ރުޅި އަންނަ ގޮތް ވެސް ވެއްޖެއެވެ. އެއްވެސް ހާލަތެއްގައި ނާލާއާ މެދު ރުހައިމް ވިސްނަން އޭނަ ބޭނުމެއް ނޫނެވެ. އެފަދަ މަންޒަރެއް ބަލަން އޭނައަށް ކެތެއް ވެސް ނުކުރެވޭނެއެވެ. ގަދަ މަޖުބޫރުން ވިޔަސް ރުހައިމްގެ މައްޗަށް އަތްގަދަކުރަން ޔަޝްފީ އަޒުމު ކަނޑައެޅިއެވެ. ރުހައިމްގެ ދިރިއުޅުމުގެ މައްޗަށް ބަރުފޯރުވައި، ނާލާގެ ނުފޫޒުން ރުހައިމް ސަލާމަތްކުރަން ވެސް އޭނަ ގަސްދުކުރިއެވެ. ހަމައެކަނި އޭނަގެ މީހަކަށް ރުހައިމް ވާނީ އޭރުންނެވެ.
ރުހައިމްއަށް އިތުރަށް އެތަނުގައި މަޑުކުރުން ފަސޭހަ ކަމަކަށް ނުވިއެވެ. އޭނަ އަވަސްވެގަތީ އެތަނުން ދާށެވެ. އޭރު އެހިތުގެ ރިހުން ގަދަވަމުން ދިޔަ އެވެ. ކޮންމެ މިނެޓަކާއެކު ރިހުން ގަދަވަމުން ގޮސް ލޮލުން ކަރުނައިގެ ދިލަކަން ވެސް ފާޅުވާން ފެށިއެވެ.
*****
ލިފްޓްގައި އެކަނިވުމާއެކު ރުހައިމްއަށް އިސްތަށިގަނޑުގެ ތެރެއަށް އަތްތިލަ މަހައިލެވުނެވެ. ކަރުނައިގެ އަސަރު ރުހައިމްގެ ދެލޮލުން ފާޅުވިއެވެ. ހިތުގެ ވޭން ބަރުދާސްތުކުރަން އޭނައަށް ދަތްޕިލަޖައްސާ ބާރުކޮށްލެވުނެވެ. އޭރު އެމޫނުމަތިން ފެންނަމުން ދިޔައީ ހިތްދަތިކަމާއި މާޔޫސްކަމެވެ. ރާސްތާ ގެއްލިފައިވާ މުސާފިރެއް ފަދައިން އެދެލޮލުގައި ވަނީ ނާއުއްމީދެވެ. ރުހައިމްގެ ތުންފަތުގައި މަޑު ތުރުތުރުލުމެއް އުފެދުނެވެ. ކޯތާފަތުގައި އޭނައަށް އަތްތިލަ ޖައްސާލެވުނީ ކަރުނައިގެ ފިނިކަން އިހުސާސްވުމުންނެވެ.
ތަޤުދީރުގެ ނިންމުންތަކާ މެދު ރުހައިމްއަށް ޝަކުވާ ކުރެވުނެވެ. ދަރިއެއްގެ ނަސީބު ލިބެން އޭނަ ބޭނުންވީ ހަމައެކަނި ނާލާގެ ފަރާތުންނެވެ. އެމަގާމު އިތުރު އެއްވެސް އަންހެނަކަށް ދޭކަށް ވެސް އޭނަ ބޭނުމެއް ނުވިއެވެ. ނަމަވެސް މިއަދު އޭނަ ދެކެމުން އައި ހުރިހާ ހުވަފެންތަކާއި، ނާލާއާއެކު އުފާވެރި ދިރިއުޅުމަކަށް ކުރަމުން ދިޔަ ހުރިހާ އުއްމީދުތަކެއް ވިއްސިވިހާލިވެއްޖެއެވެ. ބައްޕައަކަށް ވުމުގެ ޚަބަރުން އޭނައަށް ކުޑަ މީސް އުފާވެރިކަމެއް އިހުސާސެއް ނުކުރެވުނެވެ. އެއީ ޚާއްސަ ވަގުތުކޮޅަކަށް ވެސް ނުވިއެވެ. އެއާ ޚިލާފަށް އޭނައަށް އިހުސާސްކުރެވުނީ ބިރުވެރިކަމެވެ. ސިހުމެވެ. އޭނަގެ މުޅި ދިރިއުޅުމުން ބޮއްސުންލައިފިކަމުގެ ހިތިކަމެވެ. އެދަރިފުޅާ މެދުގައި ވެސް ވިސްނި ރުހައިމްގެ ވޭން އިތުރުވާން ފެށިއެވެ. ކުށެއް ނެތް އެމައުސޫމް ފުރާނައިގެ މުސްތަޤުބަލާ މެދުގައި ވެސް ހިތްދަތިކަން އުފެދުނެވެ.
''ނާލާ، އައިމް ސޮރީ...'' ބަރުދާސްތުކުރަމުން ދިޔަ ވޭންތައް އާހެއްގެ ސިފައިފައި ތުންފަތް ފޫއަޅުވާލާފައި ނިކުތެވެ. ރުހައިމްއަށް އޭނަގެ މޭގައި ވެސް ފިރުމާލެވުނެވެ. ހިތް ފަޅައިގެން ހިނގައިދާނެހެން ހީވާ ކަހަލައެވެ.
ރުހައިމްއަށް އޭނަގެ މޫނުގައި އަތް އަޅައިލެވުނެވެ. އޭނައަށް ކުޑަކޮށް ހަށިގަނޑު ގުދުކޮށްލެވުނެވެ. ފިނޑިކަމުގެ އިހުސާސްތައް ވެސް ކުރެވުނެވެ. ހަޤީޤަތާ ކުރިމަތިލާނެ ގޮތެއް ނޭނގޭތީއެވެ.
*****
''ޔަޝް ހާދަ މޮޅޭ، އަހަރެން މިހިރީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ، ރުހައިމް މިހާރު އެދިޔައީ ކައިވެނި ކުރަން އެއްބަސްވެފައެއްނު، މިވީ ގޮތުން ނާލާ ގާތަށް ވެސް ދާކަށް ނުޖެހޭނެހެން އަހަންނަށް ހީވަނީ...'' ކޮޓަރިން ނިކުމެގެން އައި ފިޒާޔާ ބުންޏެވެ. އޭރު ޔަޝްފީ އިނީ ސޯފާގައެވެ. ޚިޔާލަކަށް ގެއްލިފައެވެ.
''ވަޓް؟...'' ފިޒާޔާއާ މެދު ޔަޝްފީ ހިތްހަމަނުޖެހުނެވެ. ''ރުހައިމް އަހަންނާ ކައިވެނި ކުރަން އެއްބަސް އެވަނީ ނާލާއަށް ހަޤީޤަތް ކިޔައިދީފާނެތީ ބިރުން... އާރގްގްގް، އެކަމާ މެދު އަހަރެން ހާދަ ރުޅިއެއް އެބަ އާދެޔޭ، އަހަންނާ މެދު ވިސްނަން ވީ ވަގުތު ވެސް އެހަންޑިގަނޑާ މެދު ރުހައިމް ވިސްނަން ވެއްޖެ... ކީއްވެ!... ކީއްވެ އޭނައާ މެދު ވިސްނަންވީ؟، އޭނައަށް ހަޤީޤަތް ސިއްރުކުރަން ބޭނުންވަނީ ކީއްވެތަ؟ އޭނައަށް ހިތްދަތިކަން ލިބިދާނެތީތަ؟... ރުހައިމް ގަސްދު އެކުރަނީ ނާލާއަށް ސިއްރުން އަހަންނާއި ކައިވެނި ކުރަން، ދެވަނަ އަންބެއްގެ މަޤާމު ދޭން، އެކަމަކު އެކަމާ އަހަރެން ޤަބޫލެއް ނުވާނަން..... ހަންޑިގަނޑު ޖެހޭނީ ރުހައިމްގެ ދިރިއުޅުމުން ދުރަށް ދާން!......''
ސޯފާގައި އޮތް ބާލީސް ނަގައި އަތުގެ ކޮޅަށް ހޫރާލަމުން ޔަޝްފީ ހަޅޭއްލަވައިގަތެވެ. އޭނަގެ މޫނުގެ ކުލަވަރު މުޅިހެން ބަދަލުވެއްޖެއެވެ. ރުޅިވެރިކަން ނޫން އެހެން އިހުސާސެއް ނުވެއެވެ.
ޔަޝްފީއަށް ބަލަން ހުރި ފިޒާޔާ ގަތީ އަމަށަކު ބިރެއް ނޫނެވެ. އޭނަ ހުރީ ޖެހިލުންވެފައެވެ. އެއީ ޔަޝްފީގެ އެންމެ ބިރުވެރި ފަރާތްކަން ތަޖުރިބާކުރެވިފައިވާތީއެވެ. ބުނެވޭ އެއްޗަކާ މެދު އޭނަ ސަމާލުވެލިއެވެ.
''މާދަން ޖެހޭނެ ހަންޑިގަނޑަށް ހުރިހާކަމެއް ކިޔައިދޭން، ރުހައިމްއަށް ނޭވާލުމުގެ ފުރުސަތެއް ދޭކަށް އަހަރެން ބޭނުމެއް ނޫން......'' ކުއްލިޔަކަށް ޔަޝްފީ ސޯފާއިން ތެދުވުނެވެ. މިހާރު އެމޫނުމަތިން ފެންނަނީ މުޅިން ތަފާތު ކުލަވެރެކެވެ. އުއްމީދުގެ ވިދުވަރެއް ދެލޮލުން ފާޅުވިއެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ތުންފަތުގައި މަކަރުވެރި ހިނިތުންވުމެއް ވެސް ކުޅެލިއެވެ.
''އަހަރެން ބުނާ ގޮތަށް ފިޒާ ކަންތައް ކުރަން ޖެހޭނީ...'' ފިޒާޔާއަށް ޔަޝްފީ ބަލައިލިއެވެ.
''ހޫމްމްމް'' ފިޒާޔާ އަވަސްއަވަހަށް އެއްބަސް ވެލިއެވެ. އެއަށްފަހު ޔަޝްފީގެ ރޭވުމާ އެއްގޮތަށް ކަންތައް ކުރަން ތައްޔާރުވެލިއެވެ.
*****
''އިޝާ ނަމާދަށް ބަންގިދީފި، ރުހައިމް ކޮބާތަ؟... އަނެއްކާ އޮފީހުގައި ބުރަކޮށް އުޅޭ ރެއަކީތަ؟ އެކަމަކު ރޭގަނޑު އޮފީހުގައި މަޑުކުރާނަމަ އަހަންނަށް މެސެޖް ކުރާނެ، ދެން ކީއްވެތަ މިރޭ ޚަބަރެއް ނުވަނީ، ގުޅަންވީ ކަން ނޭނގެ...'' ލެޕްޓޮޕް ހިފައިގެން ސޯފާގައި އިން ނާލާއަށް ގަޑި ބަލައިލެވުނީ ބަންގީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. މެލޭޝިޔާއަށް ޗުއްޓީ ގޮސް ދަތުރު ރާވާލާނެ ގޮތެއް ތައްޔާރުކުރަން ލެޕްޓޮޕުން ހުޅުވާލާފައި ހުރި ސައިޓުތައް ކްލޯޒްކޮށްލަމުން، ނާލާ ލެޕްޓޮޕް ނިއްވާލިއެވެ. ރުހައިމްގެ ޚިޔާލު ވެސް ބޭނުންވާތީ ދެމަފިރިން އެކީގައި މަޝްވަރާކޮށްލަން ބޭނުން ވާތީއެވެ.
''ގުޅަންވީ ކަން ނޭނގެ...'' ފޯނު ނަގަމުން ނާލާ އޭނަގެ ނަފުސާ ވާހަކަދެއްކިއެވެ.
ދެތިން ފަހަރު ގުޅި އިރުގައި ވެސް ރުހައިމްގެ ޚަބަރެއް ނުވިއެވެ. މެސެޖެއް ވެސް ނާލާ ފޮނުވާލިއެވެ. ހައިރާންކަން ލިބުނީ ޖަވާބެއް ނުލިބުމުންނެވެ. މިފަހަކަށް އައިސް ރުހައިމްގެ ފަރާތުން ޖަވާބު ލިބުން ލަސްވާކަން ނާލާއަށް ފާހަގަ ވިއެވެ. ރުހައިމްގެ ފަރާތުން ފެންނަ ބަދަލުތައް އަރަތަކަށް ވެއްޖެޔޭ ނާލާގެ ހިތަށް އެރިއެވެ. ކިތަންމެ ވަރަކަށް ވިސްނިއަސް އަދި ސުވާލު ކުރިޔަސް ޖަވާބެއް ނުލިބެއެވެ. އޭނަ ކަންބޮޑުވަނީ އެހެންވެއެވެ. ހިތުގައި ކިތަންމެ ގިނަ ސުވާލެއް ވިޔަސް، އެކަމާ ގުޅުވައިގެން ސުވާލު ކުރުން ހުއްޓާލީ ވެސް ކޫސަނި މައްސަލައެއް ޖެހެން ބޭނުން ނުވާތީއެވެ. ރުހައިމްގެ ބަހަށް އިތުބާރުކުރެވޭތީއެވެ.
ރުހައިމްގެ ވާހަކަތަކުން ހިތްހަމަޖައްސާލަން ބޭނުން ވިޔަސް ނޭނގޭ ނުތަނަވަސްކަމެއް ނާލާގެ ހިތުގައި ވިންދުޖަހަމުން ދިޔަ އެވެ. އޭނަގެ ހަވަނަ ހިއްސަށް ކަމެއް އިލްހާމަވާ ކަހަލައެވެ. ހިތްނުތަނަވަސްވަނީ އެހެން ވެއެވެ. އެއިހުސާސްތައް ބަޔާންކުރާނެ ގޮތެއް ނާލާއަކަށް ނޭނގެއެވެ.
*****
ޖީބުގައި އޮތް ފޯނު ރިންގް ވިޔަސް ޖަވާބު ދިނުމުގެ ވިސްނުމެއް ރުހައިމްގެ ނެތެވެ. އޭނަ އޭރު ހުރީ ގެއަށް ދާން ބޭނުން ނުވެފައެވެ. ނާލާއާ ކުރިމަތިލުމުގެ ހިތްވަރު ނެތުމުންނެވެ. ރަސްފަންނުގައި އޭނަ ހުންނަތާ މިހާރު ތިން ގަޑި އިރު ވެއްޖެއެވެ. އެތަނުގައި ހޭލަމޭލަވަމުން ދިޔަ މީހުންގެ ނަޒަރުގައި ވެސް އޭނަ އަޅައިގެންފިކަން ރުހައިމްއަށް ފާހަގަކުރެވުނެވެ. ނަމަވެސް އެއިން އެއްވެސްކަމަކަށް އޭނަގެ ސަމާލުކަމެއް ނެތެވެ. ސިކުނޑީގައި ހަލުވިކަމާއެކު ބުރުޖަހަމުން ދިޔަ ކަންތަކުން އޭނަގެ މުޅި ދުނިޔެ ވަނީ ހުއްޓުމަކަށް އައިސްފައެވެ.
''ނާލާ...'' ރުހައިމްއަށް މަޑުމަޑުން ބުނެވުނެވެ. އިސްއުފުލާލަމުން ހާމައަށް އޮތް އުޑަށް އޭނަ ބަލައިލިއެވެ. އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވެރިވެގެން އައީ ވެސް އެތަނުގައި އޭނަ ހުއްޓާއެވެ.
ރުހައިމްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މޫނުގައި އޭނައަށް އަތްތިލަ ހިންގާލެވުނެވެ. ހަޤީޤަތަށް ފިލަން ދުވޭކަށް ނެތެވެ. ނާލާއާ ކުރިމަތިލުން ނޫން އިތުރު ގޮތެއް ވެސް ނެތެވެ. ނަމަވެސް އެހިތް ބިރުގަންނަނީ އޭނަގެ ދޮގުތައް ނާލާއަށް ފާހަގަ ވެދާނެތީއެވެ. މިހާރު ވެސް ނާލާއަށް އޭނަގެ ސަމާލުކަން ހުއްޓެން ވަނީ ފަށައިފިއެވެ. އެކަމުން ހިތަށް ލިބެނީ އިތުރު ހާސްކަމެކެވެ. މިއަދު ހާމަވެގެން ދިޔަ ބިރުވެރި ހަޤީޤަތަށް ފަހު ނާލާގެ ކުރިމައްޗަށް ދާން ވެސް އޭނަ ޖެހިލުންވާ ހިސާބަށް ގޮސްފިއެވެ. ހަޤީޤަތް ހާމަވެގެންދާ ދުވަހަކުން ނާލާގެ ނަފުރަތު އޭނައަށް އަމާޒުވާނެކަން އެނގޭތީއެވެ. އޭނަ ހެދި ހުރިހާ ދޮގަކާއި އޭނަގެ އަމިއްލަ އެދުން އިސްކުރިކަން ވެސް ހާމަވެގެން ދާނެއެވެ. އެފަދަ ކޮންމެ ޚިޔާލަކުން ވެސް ރުހައިމް އިތުރަށް ހާސްކުރުވައެވެ.
ކިތަންމެ ވަރަކަށް ބޭނުން ވިޔަސް، ނާލާއާއި ކުރިމަތިނުލާ ނުހުރެވޭނެކަން ރުހައިމްއަށް ޔަޤީންކުރެވުނެވެ. އޭނައަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭރު ވެސް ހިތުގެ ތެޅުން ހަމައަކަށް ނޭޅެއެވެ. އިހުސާސްކުރެވެމުން ދިޔަ ނުތަނަވަސްކަމާއި ބިރުވެރިކަމަށް ވެސް ލުޔެއް ނުލިބެއެވެ.
*****
ނަމާދުން ފޭބި ނާލާއަށް ކޮޓަރީގެ ދޮރާ ދިމާއަށް ބަލައިލެވުނީ ދޮރު ހުޅުވުނު އަޑަށެވެ. އެތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ރުހައިމްކަން ޔަޤީންކުރެވުނީތީއެވެ.
''ހާދަ ލަހުންނޭ މިއަދު ތިއައީ، އަހަރެން ހާދަ ވަރަކަށް ގުޅާން ވެސް މަސައްކަތްކޮށްފީމޭ، ބިޒީ ވީމަ ފޯނު ސައިލެންޓަށް ލާފަ ދޯ އޮތީ؟، އެކަމަކު ވެސް ލަސްވާނެ ވާހަކަ ބުނެ އަހަންނަށް މެސެޖެއް ފޮނުވާލިނަމަ...'' ކޮޓަރިއަށް ވަން ރުހައިމްގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ނާލާއާ ނަޒަރު ބައްދަލުވުމުންނެވެ. ކޮޓަރީގެ ދޮރު ލައްޕާލި ގޮތަށް އޭނައަށް ހުރެވުނީ ގަނޑުވެފައެވެ.
''ރުހައިމް...'' ނާލާއަށް ގޮވާލެވުނެވެ. ރުހައިމާ އޭނަގެ ނަޒަރު ބައްދަލުވުމުން އެމޫނުގައިވި މޮޅިވެރިކަން އޭނައަށް ދޭހަ ކުރެވުނެވެ. ކަންބޮޑުވުން ނާލާގެ މޫނަށް ވެރިވިއެވެ. މުސައްލަ އޮޅާލުމަށްފަހު ގެންގޮސް ކަބަޑު މަތީ ބޭއްވުމަށްފަހު އޭނަ ރުހައިމާ ކުރިމަތިލިއެވެ.
''އަތަށް ކިހިނެއްތަ ވީ؟...'' ރުހައިމްގެ އަތަށް ނާލާގެ ނަޒަރު ހުއްޓުމާއެކު، އަވަސްއަވަހަށް ގޮސް ރުހައިމް ކުރިމައްޗަށް ހުއްޓުނެވެ. އަދި ޒަހަމްވެފައިވި ރުހައިމްގެ އަތްތިލައިގައި ފަރުވާތެރިކަމާއެކު ހިފާލިއެވެ.
''އާހް...'' ތަދުގެ އިހުސާސް ރުހައިމްއަށް ކުރެވެން ފެށުނީ ދެނެވެ. މިހުރިހާ އިރު އައްސިވެފައިވި އޭނަގެ ހިއްސުތަކަށް ދިރުން ލިބުނު ކަހަލައެވެ. އޭނައަށް އަތްދަމައިގަނެވުނެވެ.
ސުވާލު އުފެދިފައިވާ ހާލު ރުހައިމްއަށް ނާލާ ބަލައިލިއެވެ. އެމޫނުގެ ކުލަވަރުތަކުން އޭނަގެ ހިތް ހާސްކުރުވިއެވެ.
''ކީއްވެތަ ތިހުންނަނީ؟، ޖަވާބު ދީބަލަ، އަތަށް ކިހިނެއްތަވީ؟...' 'ނާލާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. ރުހައިމްގެ ލޮލުގައިވި އެކުލެވިގެންވި ރަތްކަން ވެސް އޭނައަށް ފާހަގަކުރެވުނެވެ. ސުވާލުތަކެއް ހިތުގައި އުފަންވެގެން ދިޔައެވެ.
ހައިރާންކަމާއެކު ރުހައިމްއަށް ނާލާ ބަލައިލިއެވެ. އެމޫނުގެ އިހުސާސްތައް ދެނެގަންނަން ސަމާލުވެލިއެވެ.
''އަ...އަތަށް؟... އޯހ... ކުޑަ... އެކްސިޑެންޓެއް ދިމާވީ...'' ރުހައިމްގެ އަޑުގައި އެކުލެވިގެންވި ތުރުތުރުލުން ނާލާއަށް ފާހަގަކުރެވުނެވެ.
ނާލާއަށް ބަލަން ހުރެވުނީއެވެ. ރުހައިމްގެ ޖަވާބުން އޭނަގެ ހާސްކަން ވެސް އިތުރުވާ ގޮތް ވިއެވެ.
ނާލާގެ ނަޒަރުން ސަލާމަތްވާން ރުހައިމް ހިނގައިގަތީ ދުރަށެވެ. ނާލާއާ ކުރިމަތިލުން އޭނަ ހީކުރިހާ ފަސޭހަކަމަކަށް ނުވިއެވެ. ހިތުގެ ނުތަނަވަސްކަން ވެސް ސިއްރެއް ނުކުރެވުނެވެ. ނާލާއާ ނަޒަރު ބައްދަލުވުމުން ހިތުގައި ޖަހަމުން ދިޔަ ބިރުވެރިކަމުގެ ވިންދުތަކުގެ ބާރު ގަދަވާން ފެށިއެވެ.
''އެކްސިޑެންޓެކޭ؟...'' ނާލާއަށް ތެޅިގަނެވުނެވެ. ރުހައިމްގެ ފަހަތުން ނާލާ ދިޔައެވެ. ތަފުސީލު ހޯދުން މުހިންމުމަކަށް ވެއްޖެއެވެ.
''މާބޮޑު ކަމެއް ނުވެޔޭ، އަސްލު ލިފްޓްގެ ދޮރު ދޭތެރޭ އަތް ތާށިވީ...'' ކަރުގައި އޮތް ޓައިއަށް ދޫކޮށްލަމުން ރުހައިމް ބުނެލިއެވެ.
ރުހައިމްގެ ހަރަކާތްތަކަށް ބަލަން ނާލާ ހުއްޓެވެ. ވާހަކަދައްކާއިރު އޭނައާ ހަތަރުކަޅި ހަމަކުރަން ރުހައިމްއަށް އުނދަގޫވެފައިވާކަން ނާލާއަށް ފާހަގަ ވިއެވެ. ހިތުގައި އިތުރު ސުވާލުތަކެއް އުފެދުނީ އެހެންވެއެވެ.
އެއްޗެއް ނުބުނެ ރުހައިމްގެ ހަރަކާތްތަކަށް ބަލަން ނާލާ ހުއްޓެވެ. އޭނަގެ ނަޒަރުން ރުހައިމްއަށް އުނދަގޫވެ މޫނުގެ ކުލަވަރުތަކަށް ބަދަލު އަންނަން ފެށިކަން ވެސް ނާލާގެ ސަމާލުކަމަށްއައެވެ. އެފަދަ ބޮޑު ބަދަލެއް ކުއްލިޔަކަށް ރުހައިމްއަށް އައުމުން ނާލާ ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. އެތައް ސުވާލެއް ހިތުގައި އުފެދުނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ