ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އާއި އެ ގާނޫނުއަސާސީގެ ދަށުން ދިވެހި ރައްޔިތުންނަށް ކަށަވަރުވި މަދަނީ ހައްގުތަކާއި އެ ގާނޫނުއަސާސީގެ ދަށުން އުފެދުނު ދުސްތޫރީ ގާނޫނީ ހުކޫމަތުގެ ޑިމޮކްރަޓިކް ސިފަތަކުގެ މައްޗަށް ވަރަށް ގިނަ ލިޔުންތައް ލިޔެވިފައިވާތީ ފެނެއެވެ. އެހެންނަމަވެސް މިދެންނެވި ދުސްތޫރީ ހަޔާތްފެށުމާ ގުޅިގެން އިސްލާހީ ފިކުރުގެ މީހުންނާއި އިހުގެ ޚުދުމުޚުތާރު، އާއިލީ ވެރިކަން ދަމަހައްޓަން މަސައްކަތްކުރި އަނދިރި ބާރުތަކުގެ މެދުގައި އުފެދުނު ކޯޅުންތަކާއި ގަޑުބަޑުގެ މައްޗަށް މިޒަމާނުގައި މާގިނަބަޔަކު ވާހަކަދައްކާތީއެއް ނީވެއެވެ. މާގިނަ ލިޔުންތަކެއްވެސް ނުފެނެއެވެ. މިވާހަކަ ދައްކަން މިއަދަކީ އެންމެ މުނާސަބު އެއްދުވަހެވެ. މީގެ 90 އަހަރު ކުރިން 1933 ވަނަ އަހަރުގެ ނޮވެމްބަރު އެގާރަޔަކީ ކުރިން ދެންނެވި ދުސްތޫރީ ހުކޫމަތުގެ މުގުލުގައި ތިއްބެވި ބޭފުޅުން ނުވަތަ ގާނޫނީ ފުރަތަމަ ސަރުކާރުގެ އިސްބޭފުޅުން ބަލިވެ މުޅި އިސްލާހީ ހަރަކާތާއެކު ފިއްލަވައިގެން ބޯޓެއްގައި ސިލޯނަށް ފުރާވަޑައިގެންނެވި ދުވަހެވެ.

ރާއްޖޭގައި އަލަށް ގާނޫނުއަސާސީއެއް ވުޖޫދުކޮށް އެ ގާނޫނުއަސާސީގެ ދަށުން 22 ޑިސެންބަރު 1932 ގައި ދުސްތޫރީ ސަރުކާރެއް ގާއިމުވުމަކީ ދިވެހިން ނުދެނެތިއްބާ އޮޓޮމެޓިކުންވި ކަމެއް ނޫނެވެ. އެއީ ދިވެހިންގެ ތެރެއިން އިސްލާހީ ހަރަކާތެއް އުފަންވެ އެ ހަރަކާތަށް ދިރުންއައިސް މާލޭގެ އަރިސްޓޮކްރާޓިކް ޒުވާނުންގެ ތެރެއިން ބަޔަކު ހިންމަތާއެކު ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. މި ހަރަކާތުގެ ލީޑަރަކީ ހެންވޭރުގޭ އަހުމަދު ކާމިލްދީދީއެވެ. އެމަނިކުފާނަކީ އޭރު ދިވެހި ދައުލަތުގެ ކަންކަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ އެއްބަނޑު ކޮއްކޯފުޅެވެ. އެއްބަނޑަކަސް ދެ ބޭފުޅުންގެ ސިޔާސީ އަދި ގައުމީ ފިކުރު އެއްގޮތެއް ނޫނެވެ. މަޖީދާއި އެމަނިކުފާނުގެ ބޭފުޅުންގެ ތެރެއިން ހަސަން ފަރީދާއި މުހައްމަދު ފަރީދަށް ގަބޫލުކުރެއްވުނު ގޮތުގައި ކޮންމެވެސް އުކުޅަކުން އަހުމަދު ކާމިލްދީދީ މަގުން އެކަހެރި ނުކުރެވިއްޖެނަމަ އަތިރީގެއަށް އޮތް ވެރިކަން ބީވެ ހެންވޭރުގެއަށް ބަދަލުވެދާނެއެވެ.

އިސްލާހީ ޓީމުގެ ވެރިޔަކީ ކުރިންވެސް ދެންނެވިފަދައިން އަހުމަދު ކާމިލްދީދީއެވެ. ގައުމުގެ ތަންދޮރުފިލާ އިލްމުވެރި ހިކުމަތްތެރި ގިނަ ބޭފުޅުން ތިއްބެވީ އެފަޅީގައެވެ. ޚުދުމުޚުތާރުކަމާއި އަނދިރިކަމުގެ ފަޅީގެ ލީޑަރަކީ ހަސަން ފަރީދެވެ. މިއީ ކާމިލް ދީދީއަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އެކަމަކު ކުލުނެއް ނެތެވެ. އޮތީ ވެރިކަމުގެ ދަހިވެތިކަމެވެ. އެންމެ ފުރަތަމަ އަތިރީގޭ މުހައްމަދު އަމީނު ހުންނެވީ އިސްލާހީ ޓީމުގައެވެ. ފަހުން އަނދިރި ފަޅީގައެވެ. އަނދިރި ޓީމުގެ ލީޑަރުންނަކީ ދެ ފަރީދާއި އަމީނެވެ. ދެ ފަރީދުންނަކީ ހަސަން ފަރީދާއި މުހައްމަދު ފަރީދެވެ. އެއީ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދެ ބޭފުޅުންނެވެ. މުހައްމަދު އަމީނަކީ މި ރަންނަބަނޑޭރި ކިލެގެފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ކޮންމެއަކަސް އިސްލާހީ ޓީމާއި އަނދިރި ޓީމުގެ މެދުގައި ފަރުދާގެ ކުރިމައްޗާއި ފުރަގަހުގައި ލައްކަ ގިނަ ކޯޅުންތައް ހިނގުމަށްފަހު ގާނޫނުއަސާސީ އިރާލައި ދުސްތޫރީ ހުކޫމަތަށް ފައިންއަރައި އަނދިރި ޓީމުން ކުރިހޯދައިފިއެވެ.

އަނދިރި ޓީމަށް ކާމިޔާބުވުމާއެކު ރާއްޖޭގެ ފުރަތަމަ ދުސްތޫރީ ސަރުކާރު އުވާލައި އެ ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އެއްކޮށް މާލޭ ބަނދަރުގައިއޮތް ބޯޓަކަށްލައި ސިލޯނަށް ފުރުވާލައިފިއެވެ. ނުވަތަ އަރުވާލައިފިއެވެ. މިދެންނެވި ސަރުކާރުގެ ވަޒީރުންގެ ތެރެއިން އިސްތިސްނާވީ އެންމެ ބޭފުޅެކެވެ. އެއީ ވިޔަފާރިއާބެހޭ ވަޒީރު އަތިރީގޭ މުހައްމަދު އަމީނެވެ. ކުރިންވެސް ދެންނެވިފަދައިން އަމީނު ކުޅުއްވަމުން ގެންދެވީ ދެބަޔަށެވެ. ބޯޓުން ފުރުވައިލި ބޭފުޅުންގެ ތެރޭގައި ސިއްހަތާއިބެހޭ ވަޒީރު އެއްގަމުގޭ އިބްރާހިމް އަލިދީދީއާއި އަދުލުއިންސާފާއިބެހޭ ވަޒީރު ބަގީޗާގޭ ހުސައިން ސަލާހުއްދީނުވެސް ހިމެނިވަޑައިގެންނެވިއެވެ. އިސްލާހީ ޓީމުގެ ލީޑަރު ކަމަށްވާ ހެންވޭރުގޭ އަހުމަދު ކާމިލްދީދީ ހުންނެވީ ކޮންމެވެސް އެހެންކަމެއް މަތިކޮށް މާކުރިން ސިލޯނަށް ފޮނުވައިފައެވެ. ކޮންމެއަކަސް މި ޓީމު މާލެއިން ފުރުވައިލީ 11 ނޮވެމްބަރު 1933 ގައެވެ. މި ބޯޓުގެ ވަނަމަކީ މޮޓަރު ބޯޓެވެ. މި ހާދިސާ މޮޓަރު ބޯޓުގެ ގަޑުބަޑުގެ ނަމުން މަޝްހޫރު ވެއްޖެއެވެ.

ކުރިން ދެންނެވި އައު ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ދުސްތޫރީ ސަރުކާރެއް ގާއިމުކުރެވި އައުޒާތަކަށް ވެރިކަން ހިންގަން ފެށުނުފަހުން، އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ގަޑުބަޑަކީ މިދެންނެވި މޮޓަރުބޯޓުގެ ގަޑުބަޑެވެ. ފުރަތަމަ މަޖިލިސް މެންބަރުން ކަމުގައިވި ބޭފުޅުންނާއި އަދި ފުރަތަމަ ދުސްތޫރީ ސަރުކާރުގެ ބައެއް ވަޒީރުންނާއި ނާއިބުން ފިއްލަވައިގެން، މޮޓަރުބޯޓުން ސިލޯނަށް ފުރާވަޑައިގަތީ 11 ނޮވެންބަރު 1933 ގައެވެ. މިތާރީޚީ ހާދިސާއަށް މިއަދު މިވީ 90 އަހަރެވެ. މޮޓަރުބޯޓޭ ކިޔުނީ އިންޖީނުއެޅި ރާއްޖޭގެ ފުރަތަމަ އާގުބޯޓު ކަމަށްވާތީއެވެ. ދިވެހި ދައުލަތުގެ ފުރަތަމަ އާގުބޯޓުގެ ގޮތުގައި މިއުޅަނދު ބަނީ ސިލޯނުގެ ޕާނަދުރާގައި ސިލޯނުގެ ފަންނުވެރިންނެވެ. ބޯޓު ބާލައިގެން އެންމެފުރަތަމަ މާލެ ގެނައީ 1930 ވަނަ އަހަރުގެ ތެރޭގައެވެ. މީގައި އަޅާފައިވަނީ ޖަރުމަންވިލާތުގެ އިންޖީނެކެވެ. ވަނަމެއްގެ ގޮތުގައި މޮޓަރުބޯޓޭ ކިޔަސް އޭގެ ރަސްމީ ނަމަކީ އެމްވީ ފަތުހުއްސަލާމެވެ.

ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރު ކަފުންކޮށް ސިލޯނަށް އަރުވައިލި ހާދިސާ ހިނގާފައި އެއޮތީ ނޮވެމްބަރު އެގާރައިގައެވެ. އެ ހާދިސާއަށް 35 އަހަރު ފަހުން ރާއްޖޭގައި އަލުން ޖުމްހޫރިއްޔަތެއް ގާއިމްކޮށް އެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި ވެލާނާގޭ އިބްރާހިމް ނާސިރު 11 ނޮވެމްބަރު 1968 ގައި މަގާމުގެ ހުވާކުރެއްވުމަކީ އިއްތިފާގެއް ބާވައެވެ. ވެރިކަމުގެ ހުވާކުރެއްވުމަށް އެގާރަ ނޮވެމްބަރު އިޚުތިޔާރު ކުރައްވައި ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހަކީ އެއީކަމަށް އެމަނިކުފާނު ނިންމެވި ނިންމެވުމަކީ އިއްތިފާގެއް ބާވައެވެ. ޖުމްހޫރީ ދުވަހަކީ އެގާރަ ނޮވެމްބަރު ކަމަށް ހައްދަވާފައިއެވަނީ ހުސްކަމެއްގެ ތެރެއިން ވަކި ދުވަހެއް ވުޖޫދުކުރައްވައިގެން ބާވައެވެ. ހިޔެއް ނުވެއެވެ. ބޮޑަށް ގަބޫލުކުރެވެނީ އެގާރަ ނޮވެމްބަރު އިޚުތިޔާރު ކުރެއްވީ އެދުވަހަކީ ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނުތާ ފަންސާސް އަހަރު ފުރޭ ދުވަސްކަމަށްވާތީ ފުރަތަމަ ބޮޑު ހަނގުރާމަ ނިމުމުގެ ރަންޔޫބީލާ ގުޅުވުމަށް ކަމުގައެވެ.

ފުރަތަމަ ބޮޑު ހަނގުރާމަ ރަސްމީގޮތުން ނިމުނީ 11 ނޮވެމްބަރު 1918 ގައެވެ. އެދުވަހަކީ ފްރާންސްގައި އިއްތިހާދީންނާއި ޖަރުމަންވިލާތާ ދެމެދު ހަނގުރާމަ ހުއްޓާލައި އަމާންދީ ސުލްހަ ގާއިމްކުރުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހެވެ. އެއްގަމާއި ވަޔާއި ކަނޑުގެ ހަގުރާމަ ރަސްމީކޮށް ނިންމައިލީ މި އެއްބަސްވުމާ ހަމައިންނެވެ. މިދެންނެވި ހަގުރާމަޔަކީ ހަތަރު އަހަރަށް ދެމިގެންދިޔަ ހަގުރާމައެކެވެ. ކޮންމެއަކަސް އެނގިގެންވިޔަސް އަދި ނޭނގިކަމަށްވިޔަސް އެދުވަސް ގުޅެނީ ރާއްޖޭގެ ފުރަތަމަ ދުސްތޫރީ ސަރުކާރު ކަފުންކުރި ދުވަހާއެވެ. އެގޮތުން އެއީ ރާއްޖޭގެ ދުސްތޫރީ ހުކޫމަތާއި ގުޅިފައިވާ ތާރީޚީ ދުވަހެކެވެ. ރާއްޖޭގެ ޖުމްހޫރީ ދުވަހަކަށް ހަދަން ކިތަންމެހާވެސް މުނާސަބު ދުވަހެކެވެ. ނާސިރާއި ހަމައިން ފެށިގެން ހުރިހާ ރައީސުންވެސް ނޮވެމްބަރު އެގާރައިގައި މަގާމުގެ ހުވާކުރައްވަމުން ވަޑައިގެން 17 ނޮވެމްބަރު 2013 ގައި ޔާމީން އަބްދުލްގައްޔޫމާ ހަމައިން މި ތާރީޚު ވަނީ 17 ނޮވެމްބަރަށް ބަދަލުވެފައެވެ.