މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ އާ ދައުރުގެ ރައީސްކަމަށް މުހައްމަދު ސޮބާހު (ޗޭ) އިންތިހާބު ކޮށްފިއެވެ.

އެމްއެސްއޭގެ އާ އެކްސްކޯ މިދިޔަ ހަފުތާ އިންތިހާބު ކޮށްފައިވާއިރު، އެކްސްކޯގެ ކޮންމެ މަގާމަކަށްވެސް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ.

މިދިޔަ ފަސް އަހަރުވެސް އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުރީ ޗޭއެވެ. ޗޭގެ މޭސްތެރިކަމުގެ ދަށުން ސާފިންނަށް އާކަންތައްތަކެއް ތައާރަފުކޮށް، ގިނަ ކުރިއެރުންތަކެއް ހޯދާފައިވެއެވެ. އޭގެ ތެރޭގައި ދިވެހި ސާފް ލީގުގެ ނަމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މުބާރާތްތައް ބާއްވައިގެން ލީގެއް ކުރިއަށް ގެންދިއުން ހިމެނެއެވެ.

އޭގެ އިތުރުން އޭޝިއަން ސާފިން ޗެމްޕިއަންޝިޕްވެސް ފުރަތަމަ ފަހަރަށް ރާއްޖޭގައި މި އަހަރު ބޭއްވި އިރު، އެތުލީޓުންގެ ކުރިއެރުވުމާއި ޓެކްނިކަލް ދާއިރާގެ މީހުން ކުރިއެރުވުމަށްވެސް ގިނަ މަސައްކަތްތަކެއް އޭނާ ކުރިއެވެ.

ފެންވަރު ރަނގަޅު ބިދޭސީ ކޯޗަކާއި ގައުމީ ޓީމުގެ ތަމްރީންތައް ކުރިއަށްގެންދިޔައިރު، ރާއްޖޭގެ ޖަޖުންގެ ފެންވަރު މަތިކުރުމަށްވެސް ގިނަ މަސައްކަތްތަކެއް އޭނާގެ ބެލުމުގެ ދަށުން ކުރިއެވެ.

އެމްއެސްއޭގެ ނައިބު ރައީސްއަކަށް މިފަހަރުވެސް ހޮވާފައިވަނީ ޝާހިދު އަމީނެވެ. މިދިޔަ ދައުރުގައި ޖެނެރަލް ސެކެޓްރީގެ ގޮތުގައި މަސައްކަތް ކުރި އަލީ އަހުސަންއަކީ އާ ދައުރުގެ ހަޒާންދާރެވެ. މިނިވަން ފިރިހެން މެންބަރަކީ ހުސައިން ސަލާހެވެ. އަދި މިނިވަން އަންހެން މެންބަރަކީ ޝާޒިޔާ ސައީދެވެ.