ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލިސް ޖަލްސާއަށް ހުށަހެޅުމަށްފަހު، އެއްވެސް ސަބަބަކާހުރެ އެ މަސައްކަތް ކުރިއަށް ނުދިއުމަކީ މަޖިލީހުގެ އެހެން ކަންކަން ނިންމުމަށް އޮތް ހުރަހެއް ނޫން ކަމަށާއި މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުދިޔަސް އެހެން މަސައްކަތްތައް މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ، މަޖިލީހުގެ ނައިބް ރައީސް ރިޔާސަތަށް ވަޑައިނުގަންނަ ޖަލްސާއެއްގައި މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަަމަށް ކަނޑައަޅައި، އެމްޑީޕީން ހުށަހަޅާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން މަޖިލިސް އިދާރާއިން ނިންމުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައެވެ.

އެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓުގައި ދެ ކަމަކަށް އެދިފައިވެއެވެ. އެއްކަމަކީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރު ނުވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށާއި މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވުމެވެ. ދެވަނަ ކަމަކީ ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

ނަމަވެސް މި މައްސަލައަށް ތަދައްހުލުވި، ޕީޕީއެމް/ޕީއެންސީން އެދިފައި ވަނީ، މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެއްޓުމާމެދު ހިޔާލު ތަފާތުވުން އުފެދި މަޖިލިސް ހުއްޓިފައިވާ މައްސަލައަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމައިދީ، މަޖިލިސް ކުރިއަށްދާނެ ގޮތެއް ކަނޑައަޅައި ދިނުމަށެވެ. ދައުލަތް ކުރިއަށްދާނެ ގޮތަކަށް ސުޕްރީމް ކޯޓުން ފަރުވާއެއް ލިބެން ޖެހޭނެ ކަަމަށްވެސް ޕީޕީއެމް/ޕީއެންސީގެ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ރައުޔު އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމަށް ހުރަސް އެެޅޭ ގޮތަށް ރާއްޖޭގެ އެެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް މާނަނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މަޖިލިސް ރައީސް މަގާމުން ވަކިކުރާ ޖަލްސާއެއް، ލަސްކުރަންޖެހޭ ޒަރޫރީ ހަލާތެއް މެދުވެރިވިޔަސް ގާނޫނުތަކުންނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން ލާޒިމުކުރާ އެހެން ކަންކަން ކުރުމަށް މަޖިލީހަށް ހުރަހެއް ނެތް ކަމަށް ވިދާޅުވިއެވެ.

އެގޮތުން އިންތިހާބީ ރައީސް ހުވާކުރުމާއި މަޖިލީހުން ބަޖެޓް ފާސްކުރުމާއި އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ. މި ނުކުތާގައި ފަނޑިޔާރު ސުއޫދުގެ ރައުޔަށް، ފަނޑިޔާރު އަޒްމިރާލްދާއާއި ފަނޑިޔާރު އަލީ ރަޝީދު ތާއީދުކުރެއްވިއެވެ.

އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލަ އެއްވެސް ސަބަބަކާހުރެ މަޖިލިސް ޖަލްސާއެއް ލަސްކުރަންޖެހޭ ޒަރޫރަތްތެރި އެއްވެސް ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނުއަސާސީންނާއި މަޖިލީހުގެ ގަވާއިދުން ލާޒިމުކުރާ އެހެނިހެން ކަންކަން ކުރަން މަޖިލީހަށް އެއްވެސް ހުރަހެއް ނެތް ކަމަށް މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަސް ފަނޑިޔާރުގެ ތެެރެއިން ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑީޔާރު އަލީ ރަޝީދު ތާއީދުކުރައްވައި، ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުން ވަނީ ކަނޑައަޅުއްވައިފައެވެ.