"ގެދޮރުވެރިޔާ" ސްކީމުގެ ދަޑުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ނެރުނު ލިސްޓާމެދު ހިތްހަމަ ނުޖެހި ގިނަ ބަޔަކު އިހުތިޖާޖު ކުރުމުން ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލީ އާދިއްތަ ދުވަހުއެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވާއިރު، ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ މުއްދަތު އިތުރު ކުރުމަށް ގިނަ ބަޔަކު އެދިފައިވާތީ އެ މުއްދަތު މާދަމާރޭ 23:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަޅަހަނީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ.
ލިސްޓަށް ޝަކުވާ ހުށަހެޅުމާ ގުޅޭގޮތުން މިދިޔަ އަންގާރަ ދުވަހު ހައުސިން މިނިސްޓްރީން ބޭއވްި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ މެންބަރު މުހައްމަދު އާރިފް ވިދާޅުވީ ޝަކުވާ ހުށަހަޅަން ހުޅުވާލިތާ 2 ދުވަސްތެރޭ ތިން ކޮޓަރީގެ ފްލެޓުތަކަށް 2000 އެއްހާ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި ދެ ކޮޓަރީގެ ފުލެޓުތަކަށް 900 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ބަދަލު އަންނަވަރުގެ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
އާރިފް އިތުރަށް ވިދާޅުވީ މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވުމަކީ ޕޮއިންޓު އިތުރުވާ ކަމެއް ނޫންކަމަށެވެ. ނަމަވެސް ގިނަ މީހުން ޝަކުވާ ހުށަހަޅާފައި ހުރީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު