ރާއްޖޭގެ ޓޫރިޒަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއެކު "ޓްރެވެލިއުޝަން މެގަޒިން" ތައާރަފުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި ބޭއްވި ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިޔުޓީއެމް)ގައި އެ މެގަޒިން ތައާރަފުކުރީ ދަ ޓްރެވެލް ގާއިސް ޕީއާރް ފާމުންނެވެ. އެ މެގަޒިނަކީ މި ހިނގާ ނޮވެމްބަރުން ފެށިގެން އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ހިނގާނެ ޓްރެންޑުތަކުގެ މައްޗަށް އެކުލަވާލާފައިވާ މެގަޒިނެކެވެ.

ޓްރެވެލް ގާއިސް އިން އޮންލައިންކޮށް ރާއްޖޭގެ ޓޫރިޒަމްގެ މައުލޫމާތު ފޯރުކޮށްދޭތާ ދެ އަހަރަށްވުރެ ގިނަ ދުވަަސް ވެފައި ވާއިރު، ރާއްޖޭގެ އެންމެ ހިތްގައިމު ރިސޯޓުތަކުގެ މައުލޫމާތުތައްވެސް ގެނެސްދެއެވެ. ޓްރެވެލް ގާއިސް އިން އެ މެގަޒިން ތައާރަފްކޮށްފައި ވަނީ ޓްރެވެލިއުޝަންގެ ބްރޭންޑު އިތުރަށް ފުޅާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އިތުރު ކިޔުންތެރިންނަށް މެގަޒިން ފޯރުކޮށްދިނުމަށެވެ.

އޮންލައިން ކޮންޓެންޓާ ތަފާތުކޮށް، ޓްރެވެލިއުޝަން މެގަޒިންގައި "ދަ ބެސްޓް" ކިޔާ ސެގްމެންޓެއް ހިމަނާފައި ވެއެވެ. އެ ސެގްމެންޓުގެ ތެރޭގައި ރާއްޖޭގެ 173 ޓޫރިސްޓު ހިދުމަތެއްގެ ތެރެއިން އެންމެ ގަދަ 3 ގައި ހިމެނޭ ހިދުމަތްތަކެވެ. އޭގެ ތެރެގައި އެންމެ ރަނގަޅު އެކްސްކާޝަންގެ ހިދުމަތްތަކާއި އެންމެ މޮޅު ކެއުން ލިބޭ ތަންތަންވެސް ހިމެނެއެވެ.

އޭގެ އިތުރުން، "އޮފާސް" ސެގްމެންޓެއްވެސް ހިމަނާައި ވާއިރު އެ ސެގްމެންޓުގެ ދަށުން އެ މެގަޒިން ކިޔާ މީހުންނަށް ހާއްސަ ޑިސްކައުންޓު އޮފާތަކެއް ހިމަނާފައި ވެއެވެ. މިފަހަރުގެ އެޑިޝަންގައި އެޓްމޮސްފިއާ ކޯގެ ސީއޯއޯ ސްޓެފަން ލެގެޓް ގެ އިންޓަވިއެއްވެސް ހިމަނާފައި ވެއެވެ.

ޓްރެވެލިއުޝަންގެ ދެވަނަ އެޑިޝަން ނެރެން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހުގައެވެ. އެ އެޑިޝަނުގައި މިހާރަށްވުރެ ފުރިހަމަ އަދި ކަމުދާނެ ފަދަ "ދަ ބެސްޓް" ސެގްމެންޓެއް ހިމަނާނެ ކަމުގެ ޔަގީންކަން ޓްރެވެލް ގާއިސްއިން ދެއެވެ.