އިޒްރޭލު ޕާސްޕޯޓު ބޭން ކުރަން ގޮވާލައި ހިންގާ ޕެޓިޝަނަށް މާލެއިން 5،000 އަށްވުރެ ގިނަ މީހުންގެ ސޮއި ލިބިއްޖެއެވެ.
"ރައިޓް މޫވްމަންޓް" އިން ހިންގާ އެ ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރާ ޕެޓިޝަނެކެވެ. މީގެ ދެ ހަފުތާ ކުރިން ސޮއިކުރަން ފެށި އެ ޕެޓިޝަނަށް މާލެ ސަރަހައްދުން 5،000 އަށްވުރެ ގިނަ ސޮއި ލިބިފައިވާ ކަމަށް ރައިޓް މޫވްމަންޓުން މިއަދު "ވަން" އަށް މައުލޫމާތު ދެމުން ބުންޏެވެ. ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ކުރިއަށް ދެއެވެ.
އެ ޕެޓިޝަނަށް ސޮއި ކުރުމުގެ މަސައްކަތް ރާއްޖޭގެ އެހެން ރައްރަށުގައިވެސް ކުރިއަށްދާ އިރު، ރަށްރަށުން ލިބުނު ސޮއިގެ އަދަދު އަދި ނޭނގޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި އެއީ އެ ޕެޓިޝަންތަކުގައި ސޮއިކޮށް ނުނިމޭތީ އެ އަދި މައުލޫމާތު ނުފޮނުވާތީ ކަމަށް ބުންޏެވެ.
އިޒްރޭލުގެ ޕާސްޕޯޓު ބޭންކުރުމަށާއި އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ގޮވާލައި ކެމްޕޭނުތަކެއް ސޯޝަލް މީޑިއާގައިވެސް މި ދުވަސްވަރު ދަނީ ހިންގަމުންނެވެ. އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް "ވަން" އިން ތަކުރާރުކޮށް ގުޅުމުން ފޯނަށް ޖަވާބުދާރީ ނުވާތީ މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
އިޒްރޭލު މީހުން ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްވެސް މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވިއެވެ. އަދި ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވަނީ ގަރާރެއް ވެސް ހުށަހަޅުއްވާފައިވާއިރު މަޖިލީހުން ވަނީ އެ ގަރާރު ފާސްކޮށްފައެވެ.
އޭގެ އިތުރުން އިޒްރޭލު ރައްޔިތުންނަށް ދަތިކުރުމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުއްލި މައްސަލައެއް ހުށަހެޅުއްވި ނަމަވެސް އެ މައްސަލަ މަޖިލީހަށް އެޖެންޑާ ކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު