ގާޒާގެ އުތުރުގެ ސަރަަހައްދުތަކަށް ކާބޯތަކެތި ފޯރުކޮށްނުދެވޭތާ ހަތް ދުވަސް ވެފައިވާ ކަމަށް އދ. އިން ބުނެފިއެވެ.

އދ. އާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ގާޒާގެ އުތުރުގެ ފިހާރަތަކުން ފުށް ވަނީ ހުސްވެފައެވެ. އަދި ފުށާއި ފެން އަދި ތެޔޮ ލިބުން ދަތިވުމާ ގުޅިގެން ބޭކަރީތައް ވަނީ ބަންދުކުރަން ޖެހިފައެވެ.

ގާޒާގެ ދެކުނުގައި އަދިވެސް ބައެއް ބޭކަރީތައް ހިންގައެވެ. ނަމަވެސް އެތަންތަނުގެ ހިދުމަތްވެސް ލިބެނީ ބައެއް ފަހަރު ކަމަށާއި އެއީ ޕާން ހަދާނެ ފުށާއި ފެން ލިބޭ ވަގުތުތަކުގައި ކަމަށް އދ. އިން ބުންޏެވެ. އދ. އިން މިހެން ބުނެފައި ވަނީ ގާޒާގެ ހުރިހާ ބޭކަރީއެއް ބަންދުކުރަން ޖެހިފައިވާ ކަމަށް ގާޒާގައި ހުންނަ އިންޓީރިއާ މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ބުނެފައި ވަނިކޮށެވެ.

ގާޒާއަށް އެހީފޯރުކޮށްދޭ ޓްރަކްތައް ރަފާ ބޯޑަރު ހުރަސްކޮށް ވެއްދޭ އިންތިޒާމު ހަމަޖައްސާފައިވާ ނަމަވެސް، ކޮންމެ ދުވަހަކުވެސް ވެއްދެނީ މަދު އަދަދެއްގެ ޓްރަކްތަކެކެވެ. އެހެންކަމުން ގާޒާއިން ކާބޯތަކެތި ލިބުން އިންތިހާއަށް ވަނީ ދަތިވެފައެވެ.

އިޒްރޭލުން ދަނީ ގާޒާގެ ދެކުނަށްވުރެ ގިނައިން އުތުރަށް ހަމަލާ ދެމުންނެވެ. އަދި ރައްކާތެރިކަން ހޯދުމަށް އުތުރުގައި ތިބި މީހުން ދެކުނަށް ދާން އިންޒާރު ދިން ނަމަވެސް، ދެކުނަށްވެސް ގިނަ ހަމަލާތަކެއް ދީ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރާލައިފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 10،328 މީހުން ވަނީ މަރާލައިފައެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނެއެވެ.