ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހުސްވި އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު އައުބާރަކާއެކު އައު އުދުވާންތަކެއް އިޒްރޭލުގެ ޒަޔަނިސްޓުން ފެށިފަހުން އިޒްރޭލުގެ ނިއުކުލިއަރ ހަތިޔާރުގެ މައްސަލަ ދެފަހަރެއްގެ މަތިން ދުނިޔޭގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އިޒްރޭލުގެ ނިއުކުލިއަރ ހަތިޔާރަކީ އެގައުމުގެ އެންމެ ބޮޑު ސިއްރެވެ. އިޒްރޭލުން މިހާތަނަށް ދަމަހައްޓަމުން އައި ސިޔާސަތަކީ އެއްބަސްނުވުމުގެ ސިޔާސަތެކެވެ. ހުރިކަމަށް އިއުތިރާފު ނުވުމާއެކު ނެތްކަންވެސް ކަށަވަރުކޮށް ނުދިނުމެވެ. މިމަގުން މި ސިޔާސަތު ދަމަހައްޓަމުން އަންނަނިކޮށް މިހާރު ކުރިއަށްދާ ހަނގުރާމައިގައި ބިރުދެއްކުމާއި ގަދަބަސްބުނުމުގެ ތެރެއިން އެއްކަލަ ސިއްރު އަމިއްލަ ދުލުން ބޭރުވެއްޖެއެވެ. ބުޅާ ގޯނިން ބޭރުވެއްޖެއެވެ. އެންމެ ފަހަރަކު ނޫނެވެ. ދެ ފަހަރަކުއެވެ. އެންމެ ފުރަތަމަ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫގެ އަމިއްލަ އަނގައިންނެވެ. ދެން އޭނާގެ ކެބިނެޓުގެ ވަޒީރެއްގެ އަނގައިންނެވެ. ޔަހޫދީ ޒަޔަނިސްޓް ނިޒާމުގެ އެންމެ މަތިންނެވެ.
އޮކްޓޫބަރު ދެވަނަ ހަފުތާ ތެރޭގައި އީރާނަށް އިންޒާރުދެމުންގޮސް ނަތަންޔާހޫ ބުންޏެވެ. ނަމަނަމަ އަހަރެމެންނާ ކުޅެން ނޫޅޭށެވެ. ނިއުކުލިއަރ ހަތިޔާރަކުން ކަލޭމެންގެ ވެރިރަށް ތެހެރާން އަޅިއަށް ހަދައިލަންވެސް އަހަރެމެން ކުޅަދާނައެވެ. ނަތަންޔާހޫގެ މި އިންޒާރަށް އެއްމަސް ނުވަނީސް އޭނާގެ ކެބިނެޓުގެ ތެރެއިން ކޮންމެވެސް ވަޒީރެއްގެ އަނގައިން އަނެއްކާވެސް މި ސިއްރު ބޭރުވެއްޖެއެވެ. ހެރިޓޭޖް މިނިސްޓަރު އެމިހޭ އެލިޔާހޫގެ އަނގައިންނެވެ. ބުންޏެވެ. ގާޒާއަށް ނިއުކުލިއަރ ބޮމެއް ވައްޓާލައި ފަލަސްތީނުގެ ރައްޔިތުން ތާއަބަދަށް ހިމޭންކުރުމަކީވެސް އަހަރެމެންނަށް ކުރެވިދާނެ އެއްކަމެވެ. ނަތަންޔާހޫ އާއި އެލިޔާހޫގެ ވާހަކައިން އިޒްެރޭލުގައި ނިއުކުލިއަރ ހަތިޔާރު ހުރިކަމަށް ރަސްމީގޮތުން އެއްބަސްވެވުނީއެވެ. އެކަމަށް އިއުތިރާފު ވެވުނީއެވެ. މިހިސާބުން އުފެދެނީ ބައިވަރު ސުވާލުތަކެކެވެ. އެންމެ ފުރަތަމަ ސުވާލަކީ އިންޓަރނޭޝަނަލް އެޓަމިކް އިނަޖީ އެޖެންސީއާއި އެއިދާރާގެ އިނިސްޕެކްޓަރުން ކޮބައިބާވައެވެ. އިޒްރޭލާ ޖެހުނީމާ ގަދަ ނިންޖަކުން ނިދީބާވައެވެ.
އިޒްރޭލަކީ މިއުޑުދަށުގައި މިހާރުއޮތް ހަމައެކަނި އެޕާޓައިޑް ދައުލަތެވެ. ޓެރަރިޒަމް ކުރިއަށްނެރޭ ޓެރަރިސްޓް ހަމައެކަނި ދައުލަތެކެވެ. އދ. ވުޖޫދުކުރެވިފައިވަނީ މިކަހަލަ ބިރުވެރިކަން ނައްތައިލުމަށެވެ. އދ.ގެ ސަލާމަތީ މަޖިލީސް ކޮބައިބާވައެވެ. ނިއުކުލިއަރ ހަތިޔާރު ހުރިކަމަށް މީގެކުރިން އިޒްރޭލް އެއްބަސް ނުވިޔަސް މިއީ މުޅިދުނިޔެއަށް މާކުރީއްސުރެ އެނގިފައި އޮންނަ ސިއްރެކެވެ. ގާތްގަޑަކަށް 90 ނިއުކުލިއަރ ވޯރހެޑް އެބަހުއްޓެވެ. އިތުރު 200 ވޯރހެޑް އުފެއްދޭވަރަށް މާއްދާތައްވެސް ތައްޔާރުކޮށްފައި އެބަހުއްޓެވެ. އިޒްރޭލަކީ ދުނިޔޭގެ ނިއުކުލިއަރ ނުވަ ބާރުގެ ތެރެއިން ބާރެކެވެ. އަނެއް 8 ބާރަކީ އެމެރިކާ، ރަޝިޔާ، ޗައިނާ، ފްރާންސް، ޔޫކޭ، އިންޑިޔާ، ޕާކިސްތާން އަދި އުތުރު ކޮރެޔާއެވެ. އިޒްރޭލުގައި ހުރިކަމަށް ބެލެވޭ 90 ވޯރހެޑުގެ ތެރެއިން 30 ވޯރހެޑަކީ މަތިންދާބޯޓުންގޮސް ބޮމުގެ ގޮތުގައި އެޅުމަށް ޚާއްސަކުރެވިފައިވާ އަދަދެވެ. ދެންހުރީ އެއްގަމާއި ކަނޑުން އުދުއްސައިލެވޭ މިސައިލުގައި ހަރުކުރުމަށް ޚާއްސަ ވޯރހެޑެވެ.
ެއިޒްރޭލުގެ ނިއުކުލިއަރ ވޯރހެޑް އުފުލުމަށް ޚާއްސަކުރެވިފައިވަނީ ދެ ވައްތަރެއްގެ މިސައިލެކެވެ. ޖެރިކޯ ދޭއް އަދި ޖެރިކޯ ތިނެކެވެ. މީގެތެރެއިން ޖެރިކޯ ދޭކަކީ މެދުރާސްތާގެ ހަތިޔާރެކެވެ. އަރަބި އެންމެހައި ގައުމުތަކަށް އަމާޒުކުރެވޭ އެއްޗަކީ މިއެވެ. ޖެރިކޯ ތިނެއް، މިއި ދުރުރާސްތާގެ ހަތިޔާރެކެވެ. ބުނެވޭގޮތުން ޖެރިކޯ ތިނެއް ޚާއްސަކުރެވިފައިވަނީ އިސްލާމީ ގައުމުތަކުގެ ތެރެއިން ޕާކިސްތާނަށް ހަމަލާދިނުމަށެވެ. އިޒްރޭލުގެ ނިއުކުލިއަރ މިސައިލްތައް ގާއިމްކުރެވިފައިވަނީ ބުނެވޭގޮތުން އިރުމަތީ ގުދުސްއާ ގާތުގައިވާ ބިމުއަޑީގެ ބިންގަރާސްތަކުގައެވެ. އިޒްރޭލުގެ ކަނޑުގެ ސިފައިން ގެންގުޅޭ ޑޮލްފިން ކްލާސް ޑީސަލް ސަބްމެރީންތަކަކީ ވެސް ނިއުކުލިއަރ ވޯރހެޑް ހަރުކުރެވިފައިވާ މެދުރާސްތާގެ މިސައިލް ލޯންޗުކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ސަބްމެރީންތަކެކެވެ. މިއީ ޖަރުމަންވިލާތުގެ އުފެއްދުމެކެވެ. ބުނެވޭގޮތުގައި އިޒްރޭލުގެ ނިއުކުލިއަރ ވޯރހެޑުތަކުގެ ތެރެއިން ސާޅީހަކަށް ވޯރހެޑް ޚާއްސަކުރެވިފައިވަނީ މިދެންނެވި ސަބްމެރީންތަކަށެވެ.
ބޮޑުވަޒީރު ނަތަންޔާހޫ ވަނީ 2016 ވަނަ އަހަރުގެ ތެރޭގައިވެސް މިކަމުގެ ނުސީދާ އިޝާރާތެއް ދީފައެވެ. ބުންޏެވެ. އަހަރެމެން ނައްތައިލުމުގެ ވިސްނުން ގެންގުޅޭ ދުޝްމަނުންގެ ކަންތައް ނިންމައިލާނީ އަހަރެމެންގެ ސަބްމެރީން ފްލީޓުންނެވެ. އިޒްރޭލުގެ ނިއުކުލިއަރ ޕްރޮގްރާމަކީ މިހާރު އެމެރިކާއަށްވެސް އެނގިގެން އެއްބާރުލުން ދީގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އިޒްރޭލުގެ ނިއުކުލިއަރ ޕްރޮގްރާމް 1950 ގެ އަހަރުތަކުގެ ތެރޭގައި ފަށާފައިވަނީ އެމެރިކާއަށްވެސް ސިއްރުންނެވެ. އެމެރިކާގެ ނިއުކުލިއަރ ލެބޯޓަރީތަކުން ވައްކަންކޮށްގެންނެވެ. މިއީ ދެގައުމުގެ މެދުގައި ވަރަށް ސީރިއަސް ދެބަސްވުންތަކެއް ހިނގައިދިޔަ ކަމެކެވެ. އެކަން ހައްލުވީ އެމެރިކާގެ ރައީސް ނިކްސަނާއި އިޒްރޭލުގެ ބޮޑުވަޒީރު ގޯލްޑާމެޔާރގެ ޚާއްސަ މަޝްވަރާތަކަށްފަހު 1969 ގައެވެ. މި އެއްބަސްވުމުގެ ޚުލާސާއަކީ އިޒްރޭލުގެ ނިއުކުލިއަރ ޕްރޮގްރާމާމެދު އެމެރިކާ ސުވާލު ނުކުރުމާއި އިޒްރޭލުވެސް އެ ޕްރޮގްރާމަށް އިއުތިރާފް ނުވުމެވެ.
އޭގައި އަދިވެސްވެއެވެ. ނިއުކުލިއަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް ބުނެ އެއްވެސް ބަޔަކަށް އިންޒާރުދީގެން ނުވާނެވެ. މީހުންނަށް އެނގޭ ގޮތަށް ނިއުކުލިއަރ ޓެސްޓެއް ކޮށްގެން ނުވާނެއެވެ. ބަދަލުގައި އެމެރިކާއިން ކޮށްދޭނެ ކަމަކީ ނިއުކުލިއަރ ހަތިޔާރު މަނާކުރާ ބައިނަލްއަގުވާމީ މުއާހަދާގައި ސޮއިކުރަން އިޒްރޭލަށް މަޖުބޫރު ނުކުރުމެވެ. މި ޕްރޮގްރާމާމެދު އެމެރިކާގެ ކަންބޮޑުވުން އޮތްކަން މޭރުންވަނީ އެމެރިކާގެ ޚާރިޖީވަޒީރު ހެންރީ ކިސިންޖަރ 1969 ގައި ރައީސް ނިކްސަނަށް ލިޔުއްވި ނޯޓަކުންނެވެ. ލިޔުއްވާފައިވެއެވެ. އިޒްރޭލުން އެމެރިކާގެ ޓެކްނޮލޮޖީ ވަގަށްނެގީއެވެ. އެންމެ އަވަހަށް އެންމެ ފަސޭހައިން ނިއުކުލިއަރ ހަތިޔާރު ބޭނުންކުރުމުގެ ބިރުއޮތްބަޔަކީ އިޒްރޭލެވެ. ކޮންމެއަކަސް ކިސިންޖަރ އެވިދާޅުވާ މަގުން ސިއްރިޔާތުގައި ނިއުކުލިއަރ ޕްރޮގްރާމެއް ފަށައިގެން ދިހަބާރަ އަހަރު ފަހުން އެންމެ ފުރަތަމަ ނިއުކުލިއަރ ބޮމެއް އުފެއްދީ 1969 ހިސާބުގައި ކަމަށް ގަބޫލު ކުރެވިފައިވެއެވެ. ނިކްސަނާއި ގޯލްޑާމެޔާރގެ އެއްބަސްވުން އައީ އެހިސާބުންނެވެ.
މީސްތަކުންނަށް އެނގިގެން ނިއުކުލިއަރ ޓެސްޓް ނުކުރުމަކީ އެމެރިކާގެ ޝަރުތަކަށްވިޔަސް އެއަކަށްވެސް އިޒްރޭލުން ނުބަލައެވެ. މިކަމުގެ މިސާލަކީ ދެކުނު އެފްރިކާ އާއި އެންޓާޓިކާއާ ދެމެދުން ކަނޑުއަޑީގައި 1979 ވަނަ އަހަރު އިޒްރޭލުން ކުރި ނިއުކުލިއަރ ޓެސްޓެވެ. ދުނިޔޭގެ ކުރިއަރާފައިވާ އެންމެހައި ގައުމުތަކަށް މިކަން އެނގުނެވެ. ދެނެތިއްބެވެ. އެކަމަކު އެމެރިކާގެ ރައީސްކަމުގައި އޭރު ހުންނެވި ޖިމީ ކާޓަރުގެ ސަރުކާރުން އެކަމާ އަޅައެއްނުލިއެވެ. ރައީސް ނިކްސަންގެ ދައުރުގައި ވެވުނު އެއްބަސްވުމަށް އެމެރިކާގައި އޭގެފަހަށް ވެރިކަން ކުރެއްވި އެންމެހައި ރައީސުންވެސް ތަބާވެވަޑައިގެންނެވިއެވެ. މިކަން އައު ހިސާބަކަށް ގެންދެވީ ބިލް ކްލިންޓަނުގެ ދައުރުގައި އޭނާއެވެ. އޭގެފަހުން ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކުވެސް ގެންދަވަނީ އަދާހަމަކުރެވިފައިވާ އެއްބަސްވުމެއް ގާއިމުކުރައްވަމުންނެވެ. މިހާރު އެހުންނެވި ރައީސް ޖޯ ބައިޑެންވެސް ހިމެނޭގޮތުންނެވެ.
އިޒްރޭލުގެ ނިއުކުލިއަރ ހަތިޔާރުގެ ބޮޑު ސިއްރު އާއްމުކޮށް މުޅިދުނިޔެއަށް 1986 ވަނަ އަހަރު ފަޅާއަރުވައިލީ އިޒްރޭލުގެ އެންމެ ބޮޑު ނިއުކުލިއަރ ރިއެކްޓަރު ކަމަށްވާ ޑިމޯނާ ރިއެކްޓަރުގައި ކުރިން މަސައްކަތްކޮށްފައިވާ ސައިންޓިސްޓެކެވެ. އޭނާގެ ނަމަކީ މޮޑެޗާއީ ވަނޫނޫއެވެ. އެއީ އަރަބި ގައުމެއްކަމަށްވާ މޮރޮކޯއަށް އުފަން ޔަހޫދީއެކެވެ. އޭނާ އިޒްރޭލު ދޫކޮށް އޮސްޓްރޭލިއާއަށް ހިޖުރަކޮށް އެތަނުގައި ޔަހޫދީ ދީންވެސް ދޫކޮށް ނަސާރާއަކަށްވުމަށްފަހު އިނގިރޭސި ނޫހަކަށް އިޒްރޭލުގެ ބޮޑު ސިއްރު ވިއްކައިލީއެވެ. އިޒްރޭލުގެ ޖާސޫސީ އިދާރާގެ އަންހެން އެޖެންޓަކު މެދުވެރިކޮށް ލޯބީގެ ކުޅިވަރު ދައްކައިގެން ވަނޫނޫ އިޓަލީގެ ރޯމަށް ގެންގޮސް އެތަނުގައި ހޭނައްތައިގެން ދެން ގެންދިޔައީ އިޒްރޭލަށެވެ. އެތާގައި ސަރިޔަތް ހިންގައި ގައުމަށް ހަރާންކޯރުވީކަމުގެ ކުށުގައި 18 އަހަރަށް ޖަލަށްލިއެވެ. މިހާރު މިނިވަންވެފައި ވިޔަސް އިޒްރޭލުގެ ނިއުކުލިއަރ ސިއްރުތަކާބެހޭގޮތުން އެއްވެސް ވާހަކައެއް ދެއްކުން މަނަލެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ