ދިއްލީގެ ވައި ނުސާފުވެ ސުކޫލުތައް ބަންދު ކުރަން ފަށައިފިއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގެ ސަރުކާރުގެ މިނިސްޓަރު ވަނީ އެސިޓީގެ ހުރިހާ ޕްރައިމަރީ ސްކޫލުތައް އަންނަ ހުކުރު އަންނަންދެން ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

ދިއްލީގެ އެޑިއުކޭޝަން މިނިސްޓަރު އާތިޝީ މާލޭނާ ވަނީ ސްކޫލުތައް ބަންދުކޮށްފައިވަނީ ވައި ނުސާފުވެ ނުރައްކާބޮޑުވެ އެކަމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކުން ސަލާމަތް ކުރުމަށް ކަމަށް ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ވަނީ ގްރޭޑް 6 އިން 12 އާ ދެމެދުގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައި ދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

ދިއްލީ ވެފައިވަނީ ދުނިޔޭގެ އެންމެ ވައިނުސާފު ސިޓީއަށެވެ.

ދިއްލީގެ ވައިނުސާފު ވުމުގެ ސަބަބުން އާންމުންގެ ރައްކަލަށް އެސިޓީވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ.