ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ވަކިވަކިން ތަދައްހުލްވުމަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން އެ ހުށަހެޅުން ބަލައިނުގަތް ކަމަށް ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން، މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފު "ވަން" އަށް މިއަދު ވިދާޅުވީ ޑިމޮކްރެޓްސްގެ މެމްބަރުން، އެ މައްސަލައަށް ވަކިވަކިން ހުށަހަޅައިގެން ތަދައްހުލްވުމުގެ ފުރުސަތު ނުލިބޭނެކަން ސުޕްރީމް ކޯޓުން އެންގުމުން، މިހާރު މަސައްކަތް ކުރަމުންދަނީ ޕާޓީގެ ފަރާތުން ތަދައްހުލްވުމަށް ހުށަހެޅުމަށް ކަމަށެވެ.
"އެއީ ދުސްތޫރީ މައްސަލައަކަށްވުމުން ވަކިވަކި މެމްބަރުންނަށް ތަދައްހުލްވުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމީ" ހަސަން ލަތީފު ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމުމުގެ ޖަލްސާ ނުބޭއްވޭނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވަމުން ގެންދަވާތީ، އަމީން އާންމުގެ އެ ނިންމެވުން ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ބުނެ، އެމްޑީޕީން ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
އެ ޕާޓީގެ ގާނޫނީ ޓީމުން އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ޓީމުގެ މެމްބަރު އަހުމަދު އަބްދުالله އަފީފު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި ދެ އަމުރެއް ނެރެދެއްވުމަށް އެދިފައިވާނެ ކަމަށެވެ.
އަޅުގަނޑުމެން އެދިފައިވާނީ ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތިން، ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމެވުމުގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި، ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށް މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވަން،" އަފީފު ވިދާޅުވެފައިވެއެވެ.
އޭގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް މަގާމުން ވަކިކުރުމަށް ގަރާރެއް ހުށަހެޅިފައިވާނަމަ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާމެދު ގަރާރާ މެދު ގޮތެއް ނިންމެވުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާތީ، ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުވައި ދެއްވުމަށް އެދިފައިވާނެ،"
އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިގަނެ ވަނީ މާދަމަށް އަޑުއެހުން ތާވަލުކޮށްފައެވެ. އަޑުއެހުން އޮންނާނީ ހެނދުނު 10:00 ޖަހާއިރެވެ.
ޚަބަރު
ޚަބަރު
ޚަބަރު