ރޭ ކުޅުނު ފޯރިގަދަ ފައިނަލުގައި އާޖެންޓީނާގެ ބޮކަ ޖޫނިއާސް ބަލިކޮށް، ބްރެޒިލްގެ ފްލުމިނެންސުން ދެކުނު އެމެރިކާގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ބްރެޒިލްގެ މަރަކަނާ ސްޓޭޑިއަމްގައި ރޭ ކުޅުނު ކޮޕަ ލިބަޓަޑޮރެސް ފައިނަލުގައި ފްލުމިނެންސުން ބޮކަ ޖޫނިއާސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެ ރަތްކާޑު ފެނިގެން ގޮސްފައިވާ އިރު، ފްލުމިނެންސުން މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގައެވެ. މިއީ ފްލުމިނެންސުންއިން ދެކުނު އެމެރިކާގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފްލުމިނެންސުންއިން ވަނީ ލީޑު ނަގައިފައެވެ. ގޯލު ޖަހައިދިނީ ތަޖުރިބާކާރު ފޯވަޑް ޖާމަން ކާނޯއެވެ. އޭނާ ގޯލު ޖެހީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، އެއްފަހަރުން ގޯލަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފުގައި ބޮކަ ޖޫނިއާސްއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 72 ވަނަ މިނެޓުގައި ލުއިސް އެޑްވިންކޫލާ ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލަށް ވައްދާލައި ބޮކަ ޖޫނިއާސްއިން ނަތީޖާ ހަމަހަމަ ކުރުމުން މެޗުގެ ނަތީޖާ ނެރުމަށް ޖެހުނީ އިތުރު ވަގުތު ކުޅޭށެވެ.

އިތުރު ވަގުތަށް ނުކުމެ، ފްލުމިނެންސުގެ ޖޯން ކެނެޑީ ގޯލު ޖަހައި އުފާފާޅުކުރުމުގެ ތެރޭގައި ދެވަނަ ރީނދޫ ކާޑެއް ހޯދުމުން އޭނާއަށް ރަތް ކާޑު ދައްކައި ފޮނުވާލިއެވެ. ކުރިން ހަފަހަރަށް ޗެމްޕިއަންކަން ހޯދާފައިވާ ބޮކަ ޖޫނިއާސްއިން އިތުރު ކުޅުންތެރިއެއްގެ ފައިދާ ނަގަން މަސައްކަތް ކުރި ނަމަވެސް، އިރުކޮޅެއްގެ ތެރޭގައި ފްރޭންކް ފަބްރާ އަށް ދެއްކި ރަތް ކާޑާއެކު ދެ ޓީމުވެސް 10 ކުޅުންތެރިންނަށް މަދުވިއެވެ.

ރޭގެ ކާމިޔާބީ އެންމެ ހާއްސަވީ ރެއާލް މެޑްރިޑްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މާސެލޯއަށެވެ. ރެއާލްގައި ރެކޯޑު ކާމިޔާބީތަކެއް ހޯދުމަށްފަހު މާސެލޯ އޭނާގެ ކުރީގެ ކްލަބު، ފްލުމިނެންސަށް ބަދަލުވީ ކެރިއަރު އުފާވެރިކަމާއެކު ނިންމާލުމަށެވެ. ފަސް ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު، މާސެލޯ ދެކުނު އެމެރިކާގެ ޗެމްޕިއަންކަން ހޯދައި، ކެރިއަރު އިތުރު ފުރިހަމަކޮށް ރޭ ފެނުނީ އުފަލުން ރޮވިފައި ހުރި މަންޒަރެވެ.