ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ޒަޔަނިސްޓުން މިހާރު ހިންގަމުންދާ ގަތުލުއާއްމު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުމާއެކު ބޮލީވިޔާއިން ވަނީ އިޒްރޭލާ ސިޔާސީ ގުޅުން ކަނޑާލައިފައެވެ. ބޮލީވިޔާ ހިމެނުނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މިފަހަރު އިޒްރޭލާ ގުޅުން ކަނޑައިލި ފުރަތަމަ ގައުމު ކަމުގައެވެ. ބޮލީވިޔާއަކީ ދެކުނު އެމެރިކާ ބައްރަށް ނިސްބަތްވާ ގައުމެކެވެ. ކްރިސްޓިއަން ގައުމެއްމެއެވެ. އެހެންނަމަވެސް އެއީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ގައުމެކެވެ. މިފަހަރު މިއީ ފަލަސްތީނުގެ މައްސަލައިގައި ބޮލީވިޔާއިން އިޒްރޭލާ ގުޅުން ކަނޑައިލި ފުރަތަމަ ފަހަރެއް ނޫނެވެ. ދެވަނަ ފަހަރެވެ. މީގެކުރިން 2009 ވަނަ އަހަރު އިޒްރޭލުގެ ޒަޔަނިސްޓުން ގާޒާއާ ދެކޮޅަށް ހިންގި ޖަރީމާއާ ގުޅިގެންވެސް ބޮލީވިޔާއިން އިޒްރޭލާ ގުޅުން ކަނޑައިލިއެވެ. އަލުން އެ ގުޅުން ގާއިމްކުރީ 11 އަހަރު ފަހުން 2020 ވަނަ އަހަރުއެވެ.
ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އިޒްރޭލާ ގުޅުން ކަނޑައިލި ހަމައެކަނި ގައުމަކީ ބޮލީވިޔާ ކަމަށްވިޔަސް އިޒްރޭލް ކުށްވެރި ކުރުމާއެކު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބަސްބުނާ ހަމައެކަނި ގައުމަކީ ބޮލީވިޔާއެއް ނޫނެވެ. ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން ޗިލީ އާއި ކޮލަމްބިއާއިންވެސް ވަނީ އިޒްރޭލުގައި ތިއްބަވާ އެގައުމުތަކުގެ ސަފީރުން އަނބުރާ ގައުމަށް ގެނެސް ޑިޕްލޮމެޓިކް ގުޅުންތަކުގެ ދަރަޖަ ތިރިކޮށްފައެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޒަޔަނިސްޓް ބާރުތަކުން ހިންގާ ގަތުލުއާއްމު ވަގުތުން ހުއްޓައިލުމަށްވެސް ކޮލަމްބިޔާ އާއި ޗިލީގެ އެންމެމަތީ ވެރިން ވަނީ ގޮވާލައްވައިފައެވެ. މީގެތެރެއިން ޗިލީގެ ބަސްމަގު ހަރުކަށިވެފައި ވަރުގަދައެވެ. ޗިލީގެ ކުރީގެ ރައީސާއި މިހާރުގެ ރައީސްވެސް ވަނީ ފަލަސްތީނުގެ ހައްގުގައި ވާހަކަފުޅު ދައްކަވައިފައެވެ. ލެޓިން އެމެރިކާގެ އެންމެ އާބާދީ ބޮޑު ބިޔަ ގައުމުތަކުގެ ތެރެއިން ބްރެޒިލް އާއި މެކްސިކޯއިންވެސް ވަނީ އެއްވެސް ޝަރުތެެއްނެތި އިޒްރޭލުގެ ޖަރީމާތައް ހުއްޓައިލުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރުމާއެކު ޒަޔަނިސްޓް ޔަހޫދީ ބާރުތައް ކުށްވެރި ކުރުމުގައި ދެކުނު އެމެރިކާގެ ބައެއް ގައުމުތައް ނަމޫނާ ދެއްކިކަމުގައި ވިޔަސް އެ ބައްރުގެ ހުރިހާ ގައުމެއް މި މައްސަލައިގައި ގެންގުޅެނީ އެއް ސިޔާސަތެއް ނޫނެވެ. ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން ވާތުފިޔައިގެ ސަރުކާރުތައް ވެރިކަން ހިންގާ ގައުމުތައް ފަލަސްތީނާ އެއްކޮޅަށް އަރާއިރު ކަނާތުފިޔައިގެ ވެރިން ތިއްބަވާ ގައުމުތަކުން ގެންގުޅޭ ކަމަށް ފެންނަނީ އެމެރިކާވެސް ގެންގުޅޭ ސިޔާސަތެވެ. އެއީ އިޒްރޭލަށް ތާއީދުކުރުމުގެ ސިޔާސަތެވެ. މިފަދަ އެއް ގައުމަކީ އާޖެންޓީނާއެވެ. އާޖެންޓީނާއަކީ ނިސްބަތުން ޔަހޫދީ އާބާދީ ބޮޑުވެސް ގައުމެކެވެ. ދެކުނު އެމެރިކާއަކީ މެދުއިރުމައްޗާ ކިތަންމެ ދުރުގައިވާ ބައްރަކަށްވިޔަސް ދެކުނު އެމެރިކާގެ ވަރަށް ގިނަ ގައުމުތަކުގައި ގިނަ އަދަދެއްގެ ފަލަސްތީނު މީހުން ދިރިއުޅެއެވެ. ފަލަސްތީނުގެ އެންމެ ބޮޑު ކޮމިއުނިޓީއެއް އޮންނަ ގައުމަކީ ޗިލީއެވެ.
ޗިލީގައި އެކަނިވެސް ފަލަސްތީނަށް ނިސްބަތްވާ ފަސްލައްކައެއްހައި މީހުން ދިރިއުޅެއެވެ. މީގެތެރޭގައި ގިނައީ މުސްލިމުންނެއް ނޫނެވެ. ކްރިސްޓިއަނުންނެވެ. ޗިލީގެ ވެރިރަށް ސެންޓިއާގޯގެ އެންމެ ވަރުގަދަ ފުޓްބޯޅަ ކުލަބުތަކުގެ ތެރެއިން އެއް ކުލަބަކީ ޑިޕޯޓިވޯ ޕަލެސްޓީނޯއެވެ. ކުރުކޮށް ޕަލެސްޓީނޯއެވެ. މި ކުލަބް ނިސްބަތްވަނީވެސް ފަލަސްތީނު މީހުންނަށެވެ. މެދުއިރުމަތީގެ އަރަބި ގައުމުތައް ފިޔަވައި ދެން ފަލަސްތީނުގެ އެންމެ ބޮޑު ކޮމިއުނިޓީއެއް އޮންނަ ގައުމަކީވެސް ޗިލީއެވެ. މެދުއިރުމަތިން ދެކުނު އެމެރިކާއަށް ފަލަސްތީނުގެ ގިނަބަޔަކު ހިޖުރަކުރީ މީލާދީން އަށާރަސަތޭކައިގެ އަހަރުތަކުގެ މެދުތެރެއިން ފެށިގެން ނަވާރަސަތޭކައިގެ އަހަރުތަކުގެ މެދަކާ ހަމައަށެވެ. ހަމައެކަނި ފަލަސްތީނުގެ އަރަބީންނެއް ނޫނެވެ. ލުބުނާނާއި ސީރިޔާއިންވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެދުވަސްވަރު ދެކުނު އެމެރިކާއަށް ހިޖުރަކުރިއެވެ. އެމީހުންގެ އާބާދީ ޗިލީގެ އިތުރަށް ބްރެޒިލް، ކޮލަމްބިއާ، ބޮލީވިއާ، ޕެރޫ، ވެނެޒުއެލާ އަދި ޕެރަގުއާއީގައިވެސް ފެތުރިފައިވެއެވެ.
ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެގާރަ ގައުމެއްގައި އަރަބި ނަސްލުގެ ބޭފުޅުން ވެރިކަން ކުރައްވައިފިއެވެ. އޭގެތެރޭގައި އާޖެންޓީނާ އާއި އެލް ސަލްވަޑޯރ ހިމެނެއެވެ. އާޖެންޓީނާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކާލޯސް މެނަމްއަކީ ލުބުނާނަށް ނިސްބަތްވާ ބޭފުޅެކެވެ. އެލް ސަލްވަޑޯރުގެ މިހާރުގެ ރައީސަކީ ނަޖީބު ބުކީލާއެވެ. މި ނަޖީބުގެ ބައްޕައަކީ ފަލަސްތީނު މީހެކެވެ. އެކަމަކު އަޖައިބުވާންޖެހޭ ކަމަކީ އާޖެންޓީނާއާއެކު އެލް ސަލްވަޑޯރުވެސް އިޒްރޭލަށް ތާއީދުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނުމެވެ. ގަބޫލުކުރެވޭ ގޮތުން މިއީ އެމެރިިކާގެ ނުފޫޒެވެ. އެމެރިކާއިން އިޒްރޭލަށް ހައްދެއްނެތް މިންވަރަށް ސަޕޯޓްކުރާއިރު އެމެރިކާގެ ރައްޔިތުންގެ ތެރޭގައިވެސް ފަލަސްތީނަށް ނިސްބަތްވާ މީހުން މަދެއް ނޫނެވެ. ފަލަސްތީނު ދަރިކޮޅުގެ ދެލައްކަ ފަންސާސްހާސް މީހުން އެމެރިކާގައި ދިރިއުޅެއެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައިވެސް ފަލަސްތީނު މީހުން އެބަތިއްބެވެ.
ދެކުނު އެމެރިކާގެ އެންމެ ބިޔަ އެންމެ ބާރުގަދަ ގައުމަކީ ބްރެޒިލްއެވެ. ބްރެޒިލްގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިޝެލް ތަމަރ އަކީ ލުބުނާނުގެ އަރަބި ނަސްލުގެ ބޭފުޅެކެވެ. އޭނާ ވެރިކަން ކުރެއްވީ 2016 އިން 2018 އަށެވެ. ބްރެޒިލްއަކީ ދެކުނު އެމެރިކާގައި ޔަހޫދީން އެންމެ ގިނަ ގައުމުކަމަށްވިޔަސް އެއަށްވުރެ މާގިނަ އަދަދެއްގެ އަރަބީން ބްރެޒިލްގައި ދިރިއުޅެއެވެ. އެހެންވީމާ ފާޅުކަންބޮޑު ގޮތެއްގައި އިޒްރޭލަށް ތާއީދުކުރަން ބްރެޒިލް ބޭނުމެއް ނުވެއެވެ. ބްރެޒިލްއިން ގެންގުޅޭކަމަށް ފެންނަނީ ވަކިއަތަކަށް ނުޖެހުމުގެ ސިޔާސަތެކެވެ. ސުލްހަޔާއި ހަމަޖެހުމަށް ވަކާލާތު ކުރުމުގެ ސިޔާސަތެކެވެ. ކުރިންވެސް ދެންނެވި ފަދައިން ގައުމުގެ ރައްޔިތުން ތިބިގޮތް ނުބަލައި ވަކި ބައެއްގެ ނުފޫޒުގައި ޖެހިގެން ދެލޯމަރައިގެން ތިބެ އިޒްރޭލަށް ތާއީދުކުރާ ކަމަށް ފެންނަނީ ލެޓިން އެމެރިކާގެ އެންމެ ދެ ގައުމެވެ. އާޖެންޓީނާ އާއި އެލް ސަލްވަޑޯރެވެ. މީގެތެރެއިން އެލް ސަލްވަޑޯރުގެ ރައީސްކަމުގައި ފަލަސްތީނަށް ނިސްބަތްވާ ބޭފުޅަކު ހުންނެވުމާވެސް އެކުގައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް