ދިވެހީންގެ ފަރާތުން ފަލަސްތީނުގެ 120 އާއިލާއަކަށް 200 ޑޮލަރު ދީފިއެވެ.

އެ ފައިސާ ބަހާފައި ވަނީ "ޚިދުމަތް" ޖަމިއްޔާއިންނެވެ. އެ ޖަމިއްޔާއަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގައުމުތަކުގައި އެހީއަށް ބޭނުންޖެހިފައި ތިބި މީހުންނަށް އެހީފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ އެންޖީއޯއެކެވެ.

ހިދުމަތް ޖަމިއްޔާ އިން އިއްޔެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބިނީ ދިވެހި ރައްޔިތުންގެ އެހީގައި ގާޒާގައި މިވަގުތު ވަރަށް ހާލުގައި ދިރިއުޅެމުންދާ 120 އާއިލާއަކަަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ކޮންމެ އާއިލާއަކަށް 200 ޑޮލަރު ހަވާލުކޮށްދެވިފައިވާ ކަމަށްވެސް ބުންޏެވެ. އެއީ ޖުމުލަ 24،000 ޑޮލަރު ނުވަތަ 370،000 ދިވެހި ރުފިޔާއެވެ.

ހިދުމަތުން އެ އެހީ ފޯރުކޮށްދީފައި ވަނީ ގާޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް އެ ޖަމިއްޔާއިން ހުޅުވާފައިވާ ފަންޑަށް ލިބުނު ފައިސާއިންނެވެ.

މީގެ ކުރިން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިންވެސް ގާޒާގެ ރައްޔިތުންނަށް ފައިސާ ބަހާފައިވެއެވެ. އެގޮތުން، 500 ޑޮލަރުގެ ރޭޓުން ގާޒާގެ 200 އާއިލާއަކަށް ފައިސާ ބަހާފައިވެއެވެ.

އިޒްރޭލުން ގަޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 9،488 މީހުން ވަނީ މަރުވެފައެވެ. އަދި 23،000 އަށްވިރެ ގިނަ މީހުން ޒަހަމްވެފައި ވާއިރު، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ސުންނާފަތިވެ މަގުމަތިވެފައެވެ.