ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށަހެށި މީހުންގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓު ލިބޭ މީހުންގެ ލިސްޓާއި ތިން ކޮޓަރީގެ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން އާންމުކުރީ ސަރުކާރުގެ ގެޒެޓުގައެވެ.

ލިންކް (http://www.gazette.gov.mv/iulaan/262691)

ހައުސިން މިނިސްޓްރީން ބުނީ 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތް ކުރަމުންދާ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމެންޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 ޕޮއިންޓުން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ، ފްލެޓު ލިބޭ މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅާނީ ގުރުއަތުން ކަމަށާއި ގުރުއަތުލާން ހާޒިރުވާންޖެހޭ ގަޑިއާއި ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށެވެ.

އަދި 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ނުހިމެނޭ، ނަމަވެސް ޝަރުތު ހަމަވާ ކަމަށް ދާއިމީ ލިސްޓުގައި ކަނޑައަޅާފައިވާ މީހުންނަށް ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފްލެޓު ދިނުމަށް ހަމަޖައްސާފައިވާ ކަމުގެ ލިޔުން ދޭނެ ކަމަށާއި އެ ލިޔުން ދޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމުގެ ފުރަތަަމަ ފިޔަވަހީގެ ދަށުން ފުލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލި 14،489 މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލި 6،208 މީހުންނެވެ. ފްލެޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވީ 13،000 މީހުންނެވެ.