ދިވެހި ސާފް ލީގުގެ ޗެމްޕިއަންކަން ހުސައިން އަރީފް (އިބޫ) ހޯދި އިރު، އެންމެފަހު އިވެންޓް ކަމަށްވާ ރަންނަމާރި ޗެލެންޖްގެ ފިރިހެން އޯޕަން ޗެމްޕިއަންކަން އަހުމަދު އާގިލް (އަންމަޑޭ) ހޯދައިފިއެވެ.
ގައުމީ ސާފް ލީގުގެ އެންމެފަހު އިވެންޓް ކަމަށްވާ ރަންނަމާރި ޗެލެންޖް އިއްޔެ މާލޭ ރާޅުގަނޑުގައި ނިންމާލާފައިވާ އިރު، ފިރިހެން އޯޕަން ޗެމްޕިއަންކަން އަންމަޑޭ ހޯދީ ފައިނަލް ހީޓްގައި ހޫދު އަހުމަދު ބަލިކޮށްގެންނެވެ. އަންމަޑޭ 9.75 ގެ ސްކޯއެއް ހޯދި އިރު، ހޫދަށް ލިބުނީ 8.50 ގެ ސްކޯއެކެވެ.
އަންހެން ޝޯޓްބޯޑު ޗެމްޕިއަންކަން ހޯދީ އާޔާ ނަސީމެވެ. އާޔާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނަހާ ނަސްރުﷲ ބަލިކޮށްފައެވެ. ފައިނަލް ހީޓްގައި 8.37 ގެ ސްކޯއެއް އާޔާ ހޯދި އިރު، ނަހާއަށް ހޯދުނީ 7.47 ގެ ސްކޯއެކެވެ.
އިއްޔެ މާސްޓާސް އިވެންޓްވެސް ނިންމާލާފައިވާ އިރު، އެ އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ހުސައިން ފަޔާޒެވެ.
މިއަހަރު ސާފިން އެސޯސިއޭޝަނުން ވަނީ މުޅިން އަލަށް ޖޫނިއާ 18 އަހަރުން ދަށުގެ ލީގު ތައާރަފް ކޮށްފައެވެ. ލީގުގެ ޗެމްޕިއަންކަން ހޯދީ ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އެވެ. އިއްޔެގެ ޖޫނިއާ ޝޯޓްބޯޑު އިވެންޓްގެ ޗެމްޕިއަންކަން ކައިޕުޓީ ހޯދީ ފައިނަލުގައި މުހައްމަދު އިނާން އަބްދުލް ހައްނާން ބަލިކޮށްފައެވެ. ކަޔާން ވަނީ ފައިނަލް ހީޓްގައި 12.25 ގެ ތަފާތު ބޮޑު ސްކޯއެއް ހޯދައިފައެވެ. އިނާން އަށް ހޯދުނީ 7.75 ގެ ސްކޯއެކެވެ.
މިފަހަރުގެ ސާފް ލީގު ކައިޕުޓީ ހޯދި އިރު، ދެވަނައިގައި ނިންމާލީ ޔާސިން އަހުމަދު ނާޝިދެވެ. ތިންވަނައިގައި އޮތީ ޔޫސުފް ކަޔާން ހަމްދާން ޒަކީއެވެ.
ރަންނަމާރި ޗެލެންޖްގެ ޓީމް އިވެންޓްގައި މިފަހަރުވެސް މަރުހަބާ ކަޕް ކުރިއަށް ގެންގޮސްފައިވާ އިރު، ޗެމްޕިއަންކަން ހޯދީ ގދ. ގައްދުއެވެ. އއއީ ފައިނަލުގައި މާލެއާއި ރ. ރަސްމާދޫގެ ޓީމުތައް ބަލިކޮށްފައެވެ. ގައްދޫ ޓީމުގައި ހިމެނެނީ ޖައިލަމް ނިޒާރާއި ހޫދު މުހައްމަދު އަދި ނަޖާހު މުހައްމަދާއި އިސްމާއީލް ރަޝީދެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން