ނޭޕާލަށް އައި ބާރުގަދަ ބިންހެލުމެއްގައި 128 މީހުން މަރުވެއްޖެއެވެ.

ނޭޕާލްގެ ސިއޮމޮލޮޖިކަލް ސެންޓަރާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ރޭ 11:47 ހާއިރު އެ ބިންހެލުން އައީ 6.4 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. ނަމަވެސް ޖަރުމަނުގެ ރިސާޗް ސެންޓަރުން ބުނެފައިވާ ގޮތުން 5.7 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އަދި އެމެރިކާގެ ޖިއޮލޮޖިކަން ސާވޭއިން ބުނާ ގޮތުން އެ ބިންހެލުން އައީ 5.6 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.

ނޭލާޕުގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ. އެއީ ފަރުބަދަ މަތީ ސަރަހައްދުތަކަށް އަދި ގުޅޭ ގޮތް ވެފައިނުވާތީ އެ ހިސާބުގެ ހާލަތު ނޭނގޭތީ ކަމަށްވެސް ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުން މިއީ 2015 ވަނަ އަހަރު ނޭޕާލަށް އައި ބިންހެލުމަށްފަހު އެ ގައުމަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ. އެގޮތުން އެ އަހަރު އެ ގައުމަށް ދެ ބިންހެލުމެއްގައި އައި އިރު، 9،000 އެއްހާ މީހުން މަރުވިއެވެ. އަދި މިލިއަނެއްހާ ގެދޮރު ސުންނާފަތިވިއެވެ.