ރޭގަނޑުގެ ވަގުތެވެ. ހަވީރު ލިބުނު ޚަބަރެއްގެ ސަބަބުން ރުހައިމްގެ ތަބީއަތަށް އައިސްފައިވި ބަދަލުތައް ހަމައަކަށް އެޅޭ ގޮތެއް ނުވިއެވެ. ވިސްނަމުން ދިޔަ ވަރަކަށް މީހާގެ ހާސްކަން އިތުރުވާން ފެށިއެވެ. ޔަޝްފީއަށް އޭނަ މެސެޖް ކުރުމުން ވެސް ޖަވާބު ލިބޭ ގޮތެއް ނުވިއެވެ. ގުޅުމުން ފޯނެއް ވެސް ނުނެގިއެވެ. އެކަމުން ވެސް ރުހައިމްގެ ހާސްކަން އިތުރު ވާ ގޮތް ވިއެވެ. ހިތުގައި އުތުރިއަރަމުން ދިޔަ ސުވާލުތަކުގެ ޖަވާބު ހޯދާނެ ގޮތެއް ވެސް އޭނައަކަށް ނޭނގުނެވެ. ސިކުނޑި ސުމަކަށް ދާވަރު ވިއެވެ. ޔަޝްފީގެ ބަލިހާލަތާ ގުޅިފައިވާ ސަބަބު އެނގެން އޭނަ ހުރީ ނުހަނު ބޭނުން ވެފައެވެ. އެކަމާ ވިސްނާވިސްނާ ވެސް ބޮލުގައި ރިއްސަން ފެށިއެވެ. ކަރުނަ ވަޅުގައި ބޮނޑުވާއިނގިލި ޖައްސާ ބާރުކޮށްލަމުން ރުހައިމްއަށް ދެލޯ މަރައިލެވުނެވެ. އަދި ހަށިފުރާނޭވާއެއް ދޫކޮށްލެވުނެވެ.
ސާފު ވައިފޮދެއް ހޯދަން ބެލްކަނީގެ ދޮރު ހުޅުވާލާފައި ރުހައިމް ބެލްކަނިއަށް ނިކުތެވެ. ޖެހެމުން ދިޔަ ފިނި ރޯޅިތައް އައިސް ހަށިގަނޑުގައި ބީހިލުމުން ވެސް ސިކުނޑީގެ ހާސްކަމަށް ލުޔެއް ނުލިބުނެވެ. ބެލްކަނީގައި ހުރި ސަރަންފީ ގޮނޑީގައި ރުހައިމްއަށް އިށީނދެވުނެވެ. އަނެއްކާ ވެސް ފޯނު ނަގައި ޔަޝްފީއަށް ގުޅޭތޯ އޭނަ މަސައްކަތްކުރިއެވެ. މިފަހަރު ވެސް މާޔޫސްކަން ލިބުން ނޫންކަމެއް ނުވިއެވެ.
''ކީއްވެތަ ފޯނަށް ޖަވާބު ނުދެނީ؟...'' ޖަޒުބާތުތައް މަސްހުނިވެ ރުހައިމްގެ ގާތަށް ރުޅި ވެސް އަތުވެއްޖެއެވެ.
ރުހައިމްއަށް އޭނަގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ފިކުރުތަކުގެ ތެރެއަށް ގެއްލިފައި އިންދާ ސިއްސައިގެން ދިޔައީ އޭނަގެ ކޮނޑުގައި މީހަކު އަތްތިލަ ބާއްވާލިކަމުގެ އިހުސާސާއެކުގައެވެ. ސިހިގެން ދިޔަ ރުހައިމްއަށް އިސްއުފުލައިލެވުނެވެ. ނާލާއާއި އޭނަގެ ނަޒަރު ބައްދަލުވުމުން، މޫނުގެ ކުލަވަރުތައް ބަދަލުކޮށްލިއެވެ. ތުންފަތުގައި ހިނިތުންވުމެއް ކުރަހާލިއެވެ.
''ރުހައިމް!، އަހަރެން ގޮވާ އަޑެއް ނިވޭތަ؟...'' ސިހިގެން ދިޔަ ރުހައިމްއަށް ނާލާ ބަލަން ހުރީ ހައިރާންކަމާއެކުގައެވެ. ކަންބޮޑުވުމުގެ އަސަރުތައް ވެސް ނާލާގެ ލޮލުގައި ވިއެވެ. އޭނަ ރުހައިމްއާ ގާތަށް ޖެހިލިއެވެ. އަދި ރުހައިމްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.
''އާރ ޔޫ އޯކޭ؟...'' ނާލާއަށް އަހައިލެވުނެވެ. ރުހައިމް ކޮންމެވެސް ކަމަކާ ފިކުރުބޮޑުވެފައި ހުރިކަން ނާލާއަށް ޔަޤީންކުރެވުނެވެ. އެސުވާލުކުރުން މިހާރަކަށް އައިސް އާދައަކަށް ވެއްޖެޔޭ ވެސް ނާލާގެ ހިތަށް އެރިއެވެ.
''ކާން ގޮވަން ދޯ ތިއައީ...'' ރުހައިމް މަސައްކަތްކުރީ ނާލާގެ ސުވާލުތަކުން ރެކިގަންނާށެވެ. ނާލާއަށް އެކަން ފާހަގަ ކުރެވުނެވެ. އޭނަ ކުރާ ކޮންމެ ސުވާލަކަށް ރުހައިމް ދެނީ އެއް ޖަވާބެއްކަމާ މެދު ނާލާއަށް ވިސްނާލެވުނީ ދެނެވެ. އޭނަގެ ހިތްހަމަޖައްސާލަދޭން އުޅޭހެން ވެސް ނާލާއަށް ހީވިއެވެ. ފިކުރުބޮޑުވާން ފެށީ ދެނެވެ.
''ރުހައިމް...'' ސަރަންފީން ތެދުވުނު ރުހައިމްގެ އަތުގައި ނާލާއަށް ހިފަހައްޓާލެވުނެވެ. '' އަހަންނާ ހިއްސާނުކުރެވޭ ފަދަ ކަމެއް ދިމާވީތަ؟... އަހަންނަށް އަބަދު ފެންނަނީ ރުހައިމް ފިކުރުބޮޑުވެފައި ހުންނަތަން، ސުވާލު ކުރީމަ ކޮންމެ ފަހަރަކު ބުނަނީ އެއްވެސްކަމެއް ނުވެޔޭ، އެކަމަކު ކީއްވެތަ އަހަންނަށް ހީވަނީ ކަމެއް ވެއްޖެހެން، ޕްލީޒް ރުހައިމް، ޓެލް މީ ދަ ޓްރުތް، ހަވީރު ގަޑީގަ ވެސް ހުރީ ހަމަ ތިހެން......''
ނާލާގެ އަޑުގައި އެކުލެވިގެން ވަނީ ކަންބޮޑުވުމާއި އާދޭހެވެ. މަޑުމަޑުން ރުހައިމްގެ އަތަށް ވެސް ނާލާއަށް ފިތާލެވުނެވެ. ކަންބޮޑުވުމުގެ އިހުސާސްތަކެއްގެ ފަހަތުގައި ރުހައިމްއަށް ޓަކައި އެހިތުގައިވާ ލޯބި ހާމަކޮށްދެމުން ދިޔަ އެވެ.
ނާލާގެ ސުވާލުތަކުން ރުހައިމްގެ ހާސްކަން އިތުރުވާން ފެށިއެވެ. ހިތުގެ ތެޅުން ވެސް އަވަސްވެލިއެވެ. އަވަސްއަވަހަށް ފުން ނެވަތަކެއް ދޫކޮށްލީ، އޭނައަށް އަންނަމުން ދިޔަ ބަދަލުތައް ނާލާއަށް ސިއްރުކުރުމުގެ ނިޔަތުގައެވެ. ނާލާގެ ކޮނޑުގައި ދެއަތުން ހިފާލަމުން، ނާލާގެ މޫނަށް ރުހައިމް ބަލައިލިއެވެ. އަދި ވާހަކަދައްކަން ފެށިއެވެ. އޭނަގެ ބަހުގެ ޔަޤީންކަން ނާލާއަށް ދިނުމުގެ ނިޔަތުގައެވެ.
''އެއްވެސް ކަމެއް ނުވެޔޭ، މިދުވަސްކޮޅުގެ ގޮތުން އޮފީހުގައި ބުރަކޮށް އުޅޭތީއާއި ޗުއްޓީ ނަގަންވާއިރަށް ނިންމަޖެހޭ ކަންތައްތައް ގިނަވީމަ އެކަމާ މިއުޅެނީ، އެހެންވެ ނާލާއަށް ހީވަނީ އަހަރެން ފިކުރުބޮޑުވެފައި ހުންނަހެން، ހަވީރު ވެސް އަހަރެން ބުނިހެން އެއްވެއް ކަމެއް ނުވެޔޭ...... އެހެން ނޫނަސް ކީއްވެތަ ނާލާ ގާތު އަހަރެން ދޮގު ހަދަންވީ؟......'' ނާލާގެ މޫނަށް ބަލައިލަމުން ރުހައިމް ވާހަކަދެއްކިއެވެ. އުނދަގޫ ކަމަކަށް ވިޔަސް ނާލާއާއި ހަތަރުކަޅި ހަމަކުރަން ރުހައިމް މަސައްކަތްކުރިއެވެ. ނާލާއަށް އޮޅުވާލެވެމުން ދިޔަ ދަރަޖައާ މެދު ރުހައިމްގެ ހިތުގައި ރިހުމެއް އުފެދުނެވެ. ލޯބިވާ ފަރާތަށް ހެދެމުން ދިޔަ ދޮގުތައް ތަކުލީފަކަށް ވެއްޖެއެވެ.
''ރުހައިމް ދޮގު ހަދާ ވާހަކައެއް އަހަރެން ނުދައްކަމެއްނު...'' އޭނަގެ ވާހަތަކުގެ މާނާ ރުހައިމް ގޯސްކޮށް ނަގާފާނެތީ ނާލާ ބުންޏެވެ. ރުހައިމްގެ ހުރިހާ ވާހަކައަކަށް އިތުބާރު ކުރަން ނާލާގެ ހިތް ގޮވަމުން ދިޔަ އެވެ. އެދެމެދުގައި ނުތަނަވަސްކަމެއް އުފެދެގިގެން ދިއުމުގެ ފުރުސަތު ދޭން ބޭނުން ނުވާތީއެވެ. މައްސަލައެއް ޖެހެން ވެސް ބޭނުން ނުވާތީއެވެ.
ނާލާގެ ޖުމްލައިން ރުހައިން ހުއްޓުން އެރިއެވެ. ދެވަނަ ސިކުންތުގައި ނާލާއާ ހިނިތުންވުމެއް ބަދަލުކޮށްލަމުން ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން އޭނަ މަސައްކަތްކުރިއެވެ.
''ކޯޗެއްތަ ކާން ހުރީ؟، ވަރަށް ބަނޑުހައި ވެފަ މިހިރީ، މިރޭ ބޮލުގަ ވެސް ރިއްސާ ގޮތް ވެފަ މިހިރީ...'' ރުހައިމް ބުންޏެވެ. އެއަށްފަހު އޭނަ ވަނީ ކޮޓަރިއަށެވެ. އަލަމާރި ހުޅުވާލުމަށްފަހު ޓީޝާޓެއް ނަގައި ބޮލަށް މަހާލިއެވެ. އަދި ބެލްކަނީގައި ހުރި ނާލާއަށް ގޮވާލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
ރުހައިމްގެ ފަހަތުން ނާލާ ހިނގައިގަތެވެ. އޭރު އޭނަ ހުރީ ޚިޔާލަކަށް ގެއްލިފައެވެ. ރުހައިމްއަށް ފާއިތުވެ ދިޔަ ދުވަސްތަކުގައި އައިސްފައިވި ބަދަލުތަކާ މެދު އޭނައަށް ފުންކޮށް ވިސްނާލެވުނެވެ. މާލެ އައި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނައަށް ފެންނަނީ ރުހައިމް ވިސްނުމަކަށް ގެއްލިފައި ހުންނަ ތަނެވެ. ރުހައިމްގެ ތަބީއަތަށް އައިސްފައިވާ ބަދަލުތަކާ މެދުގައި ވެސް ނާލާއަށް ފިކުރު ކުރެވުނެވެ. ކުރީގެ ސަކަ މިޒާޖު ވެސް މިހާރު ވަނީ ސީރިޔަސްކަމަށް ބަދަލުވެފައެވެ. އޮފީހުގައި ހޭދަކުރާ ވަގުތުތައް ވެސް ކުރިއާއި އަޅާބަލާއިރު އިތުރުވެއްޖެއެވެ. އެކަމުގެ ފަހަތުގައިވާ މާނަ ހޯދައިގަންނަން ނާލާއަށް އުނދަގޫކަމަކަށް ވިއެވެ. މީގެ ކުރިން އެފަދަ ކަމެއް ތަޖުރިބާ ކުރެވިފައި ނެތީމައެވެ. ރުހައިމްއާ މެދު ފިކުރުބޮޑުވާން ފެށީ ވެސް އެހެންވެއެވެ.
''ރުހައިމްގެ ވަހަކަތަކަށް އިތުބާރުކުރަން އަހަރެން ބޭނުން، އެކަމަކު ކީއްވެތަ އަހަންނަށް ހީވަނީ ރުހައިމް އަހަންނަށް ކަމެއް ސިއްރުކުރަން އުޅޭހެން؟... އަބަދު ފިކުރުބޮޑުވެފައި ހުންނަހެން އަހަންނަށް ހީވަނީ ކީއްވެތަ؟ ސުވާލުކުރާ ކޮންމެ ފަހަރަކު ރުހައިމް ބުނަނީ ކަމެއް ނުވެޔޭ، އެއީ އަހަރެންގެ ހިތްހަމަޖައްސައިދޭން ބުނާ އެއްޗެއްތަ؟ އެކަމަކު ކީއްވެތަ؟ ދެން އިތުރަށް ސުވާލުކުރަން ހަދައިފިއްޔާ މައްސަލައެއް ވެސް ޖެހިދާނެ... ރުހައިމް ވާހަކަތަކަށް އަހަރެން އިތުބާރުކުރާނަން، އިރާދަކުރެއްވިއްޔާ ޗުއްޓީއަށް ދިއުމުން ހުރިހާ ކަމެއް ރަނގަޅު ވެދާނެ، ރުހައިމް ވޯކްހޯލިކްއަކަށް ވީމަ ވެސް އަހަންނަށް ކުރެވޭ އިހުސާސަކަށް ވެދާނެ، އެވްރީތިންގް އިން ގޮއިންގް ޓު ބީ އޯކޭ، އަހަރެން ކަންތަކާ މެދު މާ ބޮޑަށް ވިސްނާތީ ހީވާ ގޮތްތަކެއް މިއީ.........'' ނާލާ އޭނަގެ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ހިތުގެ ވަހުމުތަކާ އޭނަ ދުރުވާން އަޒުމު ކަނޑައެޅިއެވެ. ރުހައިމްގެ ބަހަށް އޭނަ އިތުބާރުކުރާނެކަން ނަފުސަށް ވިސްނައިދެމުންނެވެ. ވަހުމުތަކުގެ ތެރޭގައި ނަފުސު ގައިދުވުމުގެ ފުރުސަތު ދީފިނަމަ ބޮޑު މައްސަލަގަނޑެއް ހިލިގެން ހިނަގއިދާނެތީ ވެސް ނާލާ ޖެހިލުން ވިއެވެ.
*****
ރޭގަނޑުގެ ކެއުމަށްފަހު ރުހައިމް ކޮޓަރިއަށް ދިޔަތާ އިރުކޮޅެއް ފަހުން ނާލާ ވެސް ކޮޓަރިއަށް އަތުވެއްޖެއެވެ. އޭނަ ގެންގުޅޭ ބޭސްތަކުގެ ތެރޭން ބޮލުގެ ރިހުމަށް އެންމެ ރަނގަޅު ބޭސްކާޑުން ގުޅައެއް ވަކިކޮށްލުމަށްފަހު، އެނދުގެ އަރިމަތީ މޭޒުމަތީ ހުރި ފެންޖަގުން ތަށްޓަކަށް ފެން އަޅާލިއެވެ. އަދި ނިދަން ތައްޔާރުވެގެން އައިސް އެނދުގައި ޖައްސާލި ރުހައިމްއަށް ފެންތަށްޓާއި ބޭސްގުޅަ ދިއްކޮށްލިއެވެ.
''ބޭސް ކެއީމަ އަވަހަށް ރިހުން ކެނޑޭނީ...'' ހިނިތުންވުމަކާއެކު ނާލާ ބުނެލިއެވެ. ނާލާ އޭނައަށް ބަހައްޓާ އަޅާލުމާއި ލޯބިން ރުހައިމްގެ ހިތަށް ރާހަތެއް ލިބުމުގެ ބަދަލުގައި އިހުސާސްކުރެވުނީ ވޭނެވެ. އޭނަގެ އަމިއްލަ އެދުމަށްޓަކައި ނާލާއަށް އޮޅުވާލެވޭ މިންވަރާ މެދު ފިކުރު ހިންގާލެވުނެވެ. އެކަމުން ނިކުމެދާނެ ނަތީޖާއާ މެދު އެހިތުގައި ބިރުވެރިކަން އުފެދިފައި ވިއެވެ. ހަމައެއާއެކު ޔަޝްފީގެ ހާލަތާ މެދު ހިތުގައި އުފެދިފައިވި ނުތަނަވަސްކަމުން މުޅި މީހާ ވަނީ ސިހުމެއްގެ ތެރޭގައެވެ. އިންޒާރުގެ ރަނގަބީލެއް އިވޭހެން ވެސް ރުހައިމްއަށް ހީވިއެވެ.
''އަހަރެން ބޯމޮޑެދޭނަން އިނގޭ، އޭރަށް އިތުރަށް ފަސޭހަވާނީ...'' ބޭސްގުޅަ އަނގަޔަށް ލަމުން އެއް ނޭވާއިން ރުހައިމް ފެންތަށި ހުސްކޮށްލި މަންޒަރު ބަލަން ހުރެފައި ނާލާ ވާހަކަދެއްކިއެވެ. އަދި އެނދުމައްޗަށް އަރާ އޭނަގެ އުނގު ދައްކާލީ އުނގުގައި ބޯއަޅާށޭ ބުނުމުގެ އިޝާރާތެއްގެ ގޮތުންނެވެ.
ނާލާއަށް ބަލަމުން، ނާލާގެ އުނގުގައި ރުހައިމް ބޯއަޅާލިއެވެ. ނާލާގެ އޯގާތެރިކަމަށް ރުހައިމް ހުރީ ނުހަނު ބޭނުންވެފައެވެ. އެލޯބިން ހިތުގެ އުދާސްކަމަށް ލުޔެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެކަން ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އޭނަގެ ޚިޔާލުތައް ގޮސް ޔަޝްފީއާ ގުޅޭ ހިސާބުން ނަފުސުގެ ހަމަޖެހުން ގެއްލިގެން ދެއެވެ. ހިތަށް ބިރުވެރިކަން ފޭދިގެން ދެއެވެ.
*****
ޖެހިގެން އައި ދުވަހު ވެސް ޔަޝްފީ އޮފީހަށް ސަލާން ބުނުމުން ރުހައިމް ޔަޝްފީއަށް ގުޅަން މަސައްކަތްކުރިއެވެ. ޖަވާބެއް ނުލިބުމުން ފިޒާޔާގެ ގާތަށް ދާން ވެސް އޭނަ ވިސްނިއެވެ. ފިޒާޔާއަކީ ޔަޝްފީގެ ގާތް އެކުވެރިޔަކަށްވުމުން، ޔަޝްފީ ބަލިވެ އުޅޭނަމަ އެކަމުގެ މައުލޫމާތު ފިޒާޔާއަށް ލިބިފައި އޮވެދާނެޔޭ ރުހައިމްގެ ހިތަށް އެރިއެވެ. ނަމަވެސް ފިޒާޔާގެ ގާތަށް ޔަޝްފީގެ މައުލޫމާތު ހޯދަން ދިއުމަކީ ރަނގަޅު ޚިޔާލެއް ކަމާމެދު އެއްބަސްވުމަކަށް އާދެވޭ ގޮތެއް ނުވިއެވެ. ކުއްލިޔަކަށް ޔަޝްފީގެ މައުލޫމާތު ސާފުކުރަން އުޅުމުން، ފިޒާޔަގެ ހިތުގައި ސުވާލު އުފެދިދާނެތީ ވެސް އެކަމާ މެދު ވިސްނަން ޖެހުނެވެ.
އޮފީހުގެ ރަސްމީ ގަޑި ނިމެންދެން ރުހައިމް ހުރީ ވިސްނުމަކަށް ގެއްލިފައެވެ. އޮފީހުގެ މަސައްކަތަށް ވެސް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. އޮފީސް ނިމި ހުރިހާ މުވައްޒަފުން ގެއަށް ދިޔަ އިރުގައި ވެސް ރުހައިމް ހުރީ އޭނަ ކެބިންގައެވެ.
ހުޅުވާލެވިފައިވި ކޮމްޕިއުޓަރުގެ ސްކްރީނަށް ބަލަން އިނދެފައި، ރުހައިމްއަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. އޭނަ އިނީ ދެފިކުރެއްގެ މަތީގައެވެ. ކޮމްޕިއުޓަރުން އޭނަ ހުޅުވާފައިވަނީ މުވައްޒަފުންގެ މަޢުލޫމާތު އެކުލެވިގެންވާ ފައިލެކެވެ. އޭގައި ލިޔެފައި އޮތް ޔަޝްފީގެ އެޑްރެސްއަށް ބަލަން ރުހައިމްއަށް އިނދެވުނެވެ. އޭގައި ފިޒާޔާގެ މަޢުލޫމާތު އަޕްޑޭޓްކޮށްފައި ނުވުމުން ދެއެކުވެރިން ވެސް އުޅެނީ އެއް ތަނެއްގައިކަން ރުހައިމްއަކަށް ނޭނގުނެވެ. އެނގުނުނަމަ ޔަޝްފީއާ ބައްދަލުކުރަން ދިއުމުގެ ވިސްނުމެއް އޭނަ ނުގެންގުޅުނީހެވެ. ޔަޝްފީގެ ޚަބަރެއް ވަންދެން މަޑުކުރީހެވެ. އެއީ ކިތަންމެ އުނދަގޫ ކަމަކަށް ވިކަމުގައި ވިޔަސް މެއެވެ.
ރުހައިމްގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރުތަކުން އެއްބަސްވުމަކަށް ނާދެވިގެން އުޅޭކަން ހާމަކޮށްދެއެވެ. އެންމެފަހުން ރުހައިމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި ބޮޑު ލެދާރގޮޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލެވުނެވެ. ސީލިންގްއަށް ނަޒަރު ހުއްޓާލައިގެން އިނދެ ރުހައިމް ވިސްނިއެވެ. ޔަޝްފީގެ ޚަބަރެއް ވެގެން މެނުވީ ދެން އޭނައަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތަކުހެ ޖަވާބު ހޯދަން އޭނަ ހުރީ ބޭނުންވެފައެވެ.
ވިސްނާލުމަށްފަހު ރުހައިމް ގޮނޑިން ތެދުވިއެވެ. ކޮމްޕިއުޓަރު ނިއްވާލަމުން އޭނަ ހިނގައިގަތީ ކެބިންއިން ނިކުތުމަށެވެ. ޔަޝްފީގެ ގާތަށް ގޮސްގެން ވިޔަސް މަޢުލޫމާތު ސާފުކުރަން ރުހައިމް ހުރީ ބޭނުން ވެފައެވެ. އަޑުއިވިދާނެ ޚަބަރަކާ މެދު އޭރު ވެސް އެހިތް ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަފުސު ތައްޔާރެއް ވެސް ނުކުރެވުނެވެ.
*****
''ކޮބާ ލެބް ރިޒްލްޓް ލިބިއްޖެތަ؟...'' އެޕާރޓެމެންޓަށް ވަދެގެން އައި ފިޒާޔާއަށް ބޮޑުކޮޓަރީގެ ސޯފާގައި އޮތް ޔަޝްފީއަށް ބަލައިލެވުނެވެ.
ޔަޝްފީ އޮތީ ޓީވީން ދައްކަމުން ދިޔަ ފިލްމެއް ބަލާށެވެ. ފިޒާޔާގެ އަޑަށް އޭނަގެ ސަމާލުކަން ފިޒާޔާއަށް ދިނެވެ.
''ހޫމްމްމް...'' ޔަޝްފީ ޖަވާބު ދިނެވެ. އެމޫނުމަތިން ވަރުބަލިކަމުގެ ކުލަވަރުތައް ފެންނަމުން ދިޔަ އެވެ. އެހެންޏާ މޫނު މަތިން ފެންނަ ވިދުން ވެސް ފަނޑުވެފައިވާ ކަހަލައެވެ.
''ކިހިނެއް ވަނީ؟...'' ޝައުޤުވެރިކަން ފާޅުކުރަމުން އައިސް ޔަޝްފީގެ ގާތުގައި، ސޯފާގައި ފިޒާޔާ އިށީނެވެ. އެސުވާލުގެ ޖަވާބު އެނގޭއިރުގައި ވެސް ޔަޤީންކޮށްލަން ބޭނުންވާތީއެވެ. ''ކިޓްގެ ނަތީޖާ ދޯ؟...''
''އާނ، ސޭމް ރިޒަލްޓް، އެހެން ނޫނަސް މިވާ އުނދަގުލުން ވެސް ޕްރެގްކަން އެބަ އިނގޭ، މޭނުބައިކުރާ ވަރުން ވެސް ހާދަ އުނދަގުލެއް އެބަ ވެޔޭ، މިއަދު ހަތަރުދަމު ހޮޑުލަމުން ގޮސް ދުވަސްދާވަރު ވެއްޖެ، މެންދުރަށް އޯޑަރު ކުރި ކާއެއްޗެހި ވެސް ކެވޭ ގޮތެއް ނުވި...'' ކުދިކިޔަމުން ޔަޝްފީ މޫނަށް ވައްތަރުތަކެއް ޖައްސާލިއެވެ. ހިތުގެ މުރާދު ހާސިލުވިޔަސް ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކާ މެދު އޭނަ ހުރީ ހިތްހަމަނުޖެހިފައެވެ. އެކަން އޭނަގެ އަޑުން ހާމަކޮށްދެއެވެ.
''ހެހެހެ، ދެން އެކަހަލަ ކަންތައް ވެސް ވާނެއެއްނު...'' ފިޒާޔަގެ ގާތަށް ހިނިއައެވެ.
''ހޫނނނ، ދެން އެވާހަކައެއް ނޫނޭ، ރުހައިމް އަހަންނާ ބެހޭ ގޮތުން ސުވާލު ނުކުރޭތަ؟، އޭނަ ގުޅާވަރުން ވެސް އެހާ އުނދަގޫވޭ، އެތައް މެސެޖެއް ވެސް ފޮނުވައިފި...'' ފޯނު ދައްކާލަމުން ޔަޝްފީ ބުނެލިއެވެ.
''އެއްވެސް ސުވާލެއް ނުކުރޭ، އެކަމަކު ޔަޝް ސަލާން ބުނީމަ އެކަމާ ސުވާލު އުފެދިފަ ހުރިކަން އެނގުނު ބަލާލީމަ ވެސް... ކީއްވެތަ ފޯނަށް ޖަވާބު ނުދެނީ؟...'' ރުހައިމްކޮށްފައި ހުރި މެސެޖުތަކާއި މިސްކޯލްތައް ފެނުމުން ފިޒާޔާ ސުވާލުކޮށްލިއެވެ.
''ހެހެހެ، އަދި ފަން ޕާޓް އޮތީއެއްނު، އަހަރެން ބޭނުމީ ރުހައިމް ތަޅުވާލަން، އަހަރެންގެ ޚަބަރެއް ނުވެގެން ހުންނާނީ ނިކަން ހާސްވެފަ، އަހަރުމެން ދެމެދުގަ ހިނގި ކަންތަކަށް ފަހު ކުއްލިޔަކަށް އަހަރެން ސަލާން ބުނުމުން ނުތަނަވަސްކަން ލިބޭނެތާ، އަހަންނަށް ޔަޤީން މޮޔަގަނޑު އަހަންނާ ހޮސްޕިޓަލުން ބައްދަލުވި ވާހަކަ ވެސް ބުނާނެކަން... ޕުއާރ ރުހައިމް، ހީ ވިލްބީ ގޮއިންގް ތްރޫ އެ ލޮޓް، ބަޓް ދެޓްސް ދި ފަން ޕާރޓް... އޭރަށް އަހަންނަށް ރުހައިމްގެ މައްޗަށް ބާރުފޯރުވޭނީ، ރުހައިމް އަމިއްލައަށް އަންނާނެ އަހަރެންގެ ގާތަށް...''' ހިނިތުންވުމަކާއެކު ޔަޝްފީ ބުންޏެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ