މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި ހިދުމަތްކުރާތާ 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިވެހިވަންތަ ގޮތަކަށް އެ ކުންފުނީގެ ލޯގޯ ބަދަލުކޮށްފި އެވެ.
މި ލޯގޯ ފާސްކުރީ މިދިޔަ ޖޫން މަހު އެ ކުންފުނީގެ ބޯޑުންނެވެ. މިއަދު ރަސްމީކޮށް ތައާރަފު ކުރި މި ލޯގޯ މިއަދުން ފެށިގެން މިފްކޯއިން ވަނީ ބޭނުން ކުރަން ފަށައިފިއެވެ.
މިފްކޯއިން މިއަދު ބުނީ މި ބަދަލު ގެނައީ ކުރީގެ ލޯގޯ އަކީ އެ ލޯގޯ ވުޖޫދަށް އައި ދުވަސްވަރާ އަޅައި ބަލާއިރު ފުރިހަމަ އަދި މިހާތަނަށް ކުންފުނީގެ ހުރިހާ ކަމެއްގައި ބޭނުންކުރި ލޯގޯ އަށް ވިޔަސް މިހާރުގެ ޑިޖިޓަލް މީޑިއާތަކުގައި އެ ލޯގޯ ބޭނުން ކުރަން ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ.
މިފްކޯއިން ބުނީ އަލަށް ތައާރަފު ކުރި ލޯގޯ ފަރުމާކުރީ ފަންނީ ތަޖުރިބާކާރުންނާ އެކު ގިނަ މަސައްކަތްތަކެއް ކުރެވި، ކުރީގެ ލޯގޯގެ ކުލަތައް ބޭނުންކޮށްގެން ކަމަށެވެ. އަދި މިފްކޯގެ އާ ލޯގޯ އަކީ ޒަމާނީ ހުރިހާ މީޑިއަމެއްގައި ފަސޭހައިން ބޭނުންކުރެވޭ ރީތި ދިވެހިވަންތަ ލޯގޯއެއް ކަމަށެވެ.
މީގެ އިތުރުން ތާނައިން "މިފްކޯ" ލިޔެވިފައިވާ މި ލޯގޯއިން ނޫ ކުލައިގެ މަހެއް ސިފަވެގެންދާނެ ކަމަށާއި މި ޑިޒައިނުން މިފްކޯގެ އެންމެ އަގުހުރި އަސާސް ކަމުގައިވާ ދިވެހި މަސްވެރިކަން ރަމްޒުކޮށްދޭ މަހުގެ ސިފަ ފެނިގެން ދާނެ ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ މިއަހަރު ނިޔަލަށް ހުރިހާ ލިޔުމެއްގައާއި އުފެއްދުމެއްގައި ވެސް މި ލޯގޯ ބޭނުން ކުރުން ކަމަށް ބުންޏެވެ.
މިފްކޯއިން ބުނީ އެކުންފުނީގެ ބްރޭންޑް "ފަސްމީރު" ގައި ވެސް ދިވެހިވަންތައް އާދަކާދަތަކާއި ސަގާފަތް ހިމެނޭ ފަދަ މަންޒަރުތައް ކުރިއަށް އޮތްތަނުގައި ހިމަނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު