ޗައިނާގެ އާބާދީ ދަށްވާ ސަބަބު ހޯދުމަށް އެ ގައުމުގެ ސަރުކާރުން ބޮޑު ސާވާއެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރިއަށް ގެންދާ މި ސާވޭގައި 1.4 މިލިއަން މީހުންނާ ސުވާލުކުރަން ނިންމާފައިވާއިރު، އޭގެ ތެރޭގައި 500،000 އަށްވުރެ ގިނަ ގޭބިސީއެއްގެ މައުލޫމާތުވެސް އެއްކުރާނެއެވެ.

ރަށްފުށު ސަރަހައްދުތަކާއި ދުރުދުރުގައި ދިރިއުޅޭ އާބާދީތަކަށް ބޮޑަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ސާވޭގައި އާބާދީ އިތުރު ނުވަނީ ކީއްވެތޯ ބެލުމަށް ދަރިން ހޯދުން މަޑުޖައްސާލާފައިވާ މީހުންނާއި އެކި ސަބަބުތަކާހުރެ ދަރިން ހޯދަން ބޭނުން ނުވާ މީހުން ހޯދައި އެ މީހުންގެ މައުލޫމާތު އެއްކުރަން ވަނީ ނިންމައިފައެވެ.

ޗައިނާގައި ބޯހިމެނުން ކުރިއަށް ގެންދަނީ ކޮންމެ 10 އަހަރަކުންނެވެ. އެންމެ ފަހުން 2020 ވަނަ ކުރިއަށް ގެންދިޔަ ބޯހިމެނުމުގައި އެ ގައުމުގެ އާބާދީ އިތުރުވުން މަޑުޖެހިފައިވާކަން ވަނީ ހާމަވެފައެވެ.