ޑޮމެސްޓިކް އެއާޕޯޓުތައް ތަރައްގީކުރުމުގެ އާ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި 79.9 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުވާފައިވާ 49 ބިލިއަން ރުފިޔާގެ ބަޖެޓުގައި، އެކި ރަށްރަށުގައި މިހާރު ތަރައްގީކުރަމުން އަންނަ ޑޮމެސްޓިކް އެއާޕޯޓުތައް ނިންމުމަށް 8.3 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި އާ އެއާޕޯޓްތަކަށް ވަނީ 79 މިލިއަން ރުފިޔާ ހިމަނައިފައެވެ. މިއީ، އެންމެ އެއާޕޯޓެއް ހެދުމަށް ހޭދަވާ އަދަދަށްވުރެ ވެސް ދަށް އަދަދެކެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ރާއްޖޭގެ އެކި ރަށްރަށުގައި އެއާޕޯޓް ހަދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން ރ. ފައިނާއި ގދ. ތިނަދޫ އާއި އއ. މަތިވެރި ފިނޮޅާއި ނ. ވިހަފަރާއި ށ. މިލަންދު އާއި ލ އަތޮޅާއި ތ އަތޮޅުގައި އެއާޕޯޓެއް ހަދައިދެއްވާނެ ކަމަށް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

މި ސަރުކާރުގެ ސިޔާސަތަކީ، 30 މިނެޓުން ދެވޭ ރާސްތާގައި އެއާޕޯޓްތައް އެޅުމެވެ. އެގޮތުން މި ސަރުކާރުން ވަނީ ހޯރަފުއްޓާއި ފަރެސްމާތޮޑާއި އެއާޕޯޓް ހަދައިފަ ހުޅުވައިފައެވެ. މީގެ އިތުރުންވެސް ބައެއް އެއާޕޯޓްތައް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.