މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން، އެ ހިޔާނާތުގެ ފައިސާ ލޯންޑާކުރި މައި އެކައުންޓް ނިސްބަތްވާ އެސްއޯއެފުން ދައުލަތަށް ދައްކަން އެންގި ފައިސާ ދައްކާފައިނުވާތީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުން ދައުލަތަށް ލިބެންޖެހޭ 10.7 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް އެސްއޯއެފްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ 17 ސެޕްޓެމްބަރު 2017ގައެވެ.

އެ ހުކުމާ އެއްގޮތަށް އެސްއޯއެފުން ފައިސާ ދައްކަމުން ނުގެންދާތީ، ސިވިލް ކޯޓުން ވަނީ އެ ކޯޓުގެ އަމިއްލަ އިސްނެގުމަށް އެ މައްސަލަ ބަލަން ފަށައިފައެވެ. ނަމަވެސް އެކަމުގެ އަޑުއެހުންތަކަށް އެމްއެމްޕީއާރުސީން ހާޒިރުނުވާތީ މިދިޔަ މަހުގެ މެދުތެރޭގައި އެ މައްސަލަ ވަނީ އެ ކޯޓުން ބޭރުކޮށްލައިފައެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ފަރާތުން ވަނީ އެސްއޯއެފްއާ ދެކޮޅަށް މިދިޔަ މަހުގެ 19 ސިވިލް ކޯޓަށް އަލުން އެ މައްސަލަ ހުށަހަޅައިފައެވެ.

ސިވިލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލަން ފޮނުވާނެ ސެކްޝަނެއް އަދި ނިންމާފައިނުވާ ކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކައުންޓްތައް ފްރީޒް ކުރުމަށް 2020 ވަނަ އަހަރު ސިވިލް ކޯޓުން އަމުރުކުރި ނަމަވެސް އެ އެކައުންޓުތައް 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ވަނީ ދޫކޮށްލައިފައެވެ.

އެމްއެމްޕީއާރްސީ އޮޑިޓްކޮށް، އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަގު 79 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާއަށް އަރައެވެ.