ޔަމަނަކީ އަރަބިކަރައިގެ އެންމެ ހުޅަނގުދެކުނު ކަނުގައި އޮންނަ އަރަބި ގައުމެކެވެ. ޔަމަނުގެ ދެކުނުގައި އިންޑިޔާ ކަނޑެވެ. ހުޅަނގުބިތުގައި ރަތްކަނޑެވެ. ގާޒާގައި އިޒްރޭލް ސިފައިން މިހާރު ހިންގަމުންގެންދާ ޖަރީމާތަކާ ގުޅިގެން ޔަމަނުގެ ސަރުކާރުން އަންގާރަދުވަހު ރަސްމީކޮށް އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، އިޒްރޭލުގެ އީލަތާއި އަދި އެނޫންވެސް ތަންތަނަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ކްރޫޒް މިސައިލް ހަމަލާތަކެއް ފޮނުވައިލި ވާހަކަޔާއި ހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައި ވަދެއްޖެ ވާހަކަ ބައިނަލްއަގުވާމީ މީޑިއާގެ ސުރުޚީތަކަށް ވަނީ އަރައިފައެވެ. މިހިސާބުން އުފެދެނީ ސުވާލެކެވެ. އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރީ ޔަމަނުގެ ކޮން ސަރުކާރަކުން ބާވައެވެ. ޔަމަނުގައި ދެ ސަރުކާރެއް އެބައޮތެވެ. އެއް ސަރުކާރަކީ ވެރިރަށް ސަންއާ އާއި ޔަމަނުގެ އުތުރާއި ހުޅަނގުގެ ބޮޑުބައެއް ކޮންޓްރޯލް ކުރަމުންދާ ހޫސީ ހަނގުރާމަވެރިންގެ ސަރުކާރެވެ.
ހޫސީންގެ މި ސަރުކާރު ގަބޫލުކުރާ ހަމައެކަނި ގައުމަކީ އީރާނެވެ. ހޫސީންނަށް ސިޔާސީގޮތުންނާއި އަސްކަރީގޮތުން މަދަދުކުރާ ހަމައެކަނި ގައުމަކީވެސް އީރާނެވެ. ރަސްމީގޮތުން އަންސާރު ﷲ ގެ ނަން ދެވިފައިވާ މި ސަރުކާރު ހިންގަނީ ސްޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ޗެއަރމަންގެ ހައިސިއްޔަތުން މަހުދީ އަލްމަޝާތެވެ. ޔަމަނުގެ އަނެއް ސަރުކާރަކީ ސުންނީ މުސްލިމުންގެ ސަރުކާރެކެވެ. ސައޫދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި އަރަބި އެނޫންވެސް ހުރިހާ ގައުމަކުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރަނީ މި ސަރުކާރެވެ. އދ. ގައި ޔަމަން ތަމްސީލުކުރަނީވެސް މި ސަރުކާރެވެ. މި ސަރުކާރު ގާއިމްވެގެންވަނީ ޔަމަނުގެ ދެކުނުގައިވާ އަދަނުގައެވެ. މި ސަރުކާރުގެ ވެރިޔަކީ ޕްރެޒިޑެންޝަލް ލީޑަރޝިޕް ކައުންސިލްގެ ރައީސްގެ ގޮތުގައި ރަޝާދު އަލްއަލީމީއެވެ. މި ސަރުކާރަށް ސިޔާސީގޮތުންނާއި އަސްކަރީގޮތުން އަދި މާލީގޮތުން ވާގިވެރިވަނީ ސައޫދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިންނެވެ. ދެން މިސްރާއި ކުވޭތުންނެވެ.
ހޫސީން ވެރިރަށް ސަންއާ ހިފީ ސުންނީންގެ މި ސަރުކާރު ފައްސާލައިފައެވެ. އެހިސާބުން ފެށިގެން ސައޫދީންނާއި އެމިރޭޓްސް ގުޅިގެން މަސައްކަތް ކުރަމުންދަނީ ސަންއާ އަލުން ހިފައި ސުންނީންގެ ސަރުކާރު އެތަނަށް އަލުން ރުޖޫއަކުރުމަށެވެ. ނަތީޖާއަކަށްވީ ދިގުވެގެންވާ ދާޚިލީ ހަނގުރާމައެއް ފެށުމެވެ. މި ހަނގުރާމަ 2014 ވަނަ އަހަރުން ފެށިގެން އަދިވެސް ކުރިއަށްދަނީއެވެ. ފާއިތުވި ނުވަ އަހަރުގެ ތެރޭގައި ޔަމަން މުޅިން ސުންނާފަތި ވެއްޖެއެވެ. ރައްޔިތުން ބަނޑަށް ޖެހިއްޖެއެވެ. ހަނގުރާމައިގައި އެއްވެސް ބަޔަކަށް ނަސްރެއް ނުހޯދުނެވެ. އެއްފަރާތުގައި އީރާނެވެ. އަނެއްފަރާތުގައި ސައޫދީންނާއި އެމިރޭޓްސްއެވެ. މި ހަނގުރާމައިގެ އަސަރު ދޭތެރެ ދޭތެރެއިން ސައޫދީ އަރަބިޔާގެ އެކި ސަހަރުތަކާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެކި ސަހަރުތަކަށްވެސް ފޯރައެވެ. ޖިއްދާއާއި ދައްމާމް އަދި އަބޫދާބީ އާއި ދުބާއީއަށް އަމާޒުކޮށް ހޫސީން ބައެއްފަހަރު މިސައިލުންނާއި ޑްރޯނުންވެސް ހަމަލަތަކެއް ފޮނުވައިލައެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސައޫދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ވަނީ ދާދި އަވަހަށް ހޫސީން ބަލިކޮށް ސުންނީންގެ ސަަރުކާރު ސަންއާއަށް ރުޖޫއަކުރެވި އީރާނުގެ ނުފޫޒު ކަނޑުވައިލެވިދާނެކަމުގެ އުންމީދުގައެވެ. އެހެނެއް އެކަމެއް ނުވިއެވެ. ހޫސީން ބައްޔެއް ނުކުރެވުނެވެ. އީރާނުގެ ބާރުގަދައީއެވެ. އީރާނުން ޓެކްނޮލޮޖީ ފޯރުކޮށްދިނީމާ ޔަމަނުގައި ތިބެގެން ހޫސީން ޑްރޯންވެސް އުފައްދަނީއެވެ. އެކިވަރުވަރުގެ މިސައިލްވެސް އުފައްދަނީއެވެ. މިތަކެތި އުފައްދާކަމަށް ތުހުމަތުކުރެވޭ ފެކްޓަރީތަކަށް ސައޫދީ ޖެޓްތަކުން ބޮންއެޅިޔަސް ވާކަމެއް ނެތެވެ. އެއްދުވަހުން އަނެއް ދުވަހަށް މި ހަތިޔާރުތަކުގެ ރޭންޖް އިތުރު ކުރަމުންގޮސް ދެހާސް ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކުރާ މިސައިލްވެސް އުފައްދައިފިއެވެ. ސައޫދީއަރަބިޔާގެ ވެރިރަށް ރިޔާޒާއި ޖިއްދާއަށްވެސް ހަމަލާދިނުމުގެ ކުޅަދާނަކަން ހޯދައިފިއެވެ. މިހިސާބަށް ދިޔައީމާ ސުލްހަ ގާއިމްކުރުމުގެ ވިސްނުމެއް އިޚުތިޔާރުކުރަން ސައޫދީ އަރަބިޔާ އާއި އެމިރޭޓްސްއަށް ވަނީ މަޖްބޫރުވެފައެވެ.
މިހަނގުރާމަ ދިގުލައިގެން ދިޔުމާއި ހަނގުރާމަ ދެމެހެއްޓުމަކީ ސައޫދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ ތަސައްވުރު 2030 އާ ފުށުއަރާ ކަމަކަށްވާތީ މިކަމުން ނެއްޓެވޭނެ ގޮތަކާމެދު ވިސްނާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ޗައިނާ މިދޭތެރެޔަކަށް ވަދެގެން ސައޫދީންނާއި އީރާން އެއްތަންކޮށް މަޝްވަރާއަށް މަގުފަހިކޮށްދިނީމާ އެކަންވެސް ކުރިއަށް އެބަދެއެވެ. ފާއިތުވި ރޯދަމަހު ހަމަލާތައް މެދުކަނޑައިލިފަހުން ޖުމްލަގޮތެއްގައި މައިދާންއޮތީ ހިމޭންވެފައެވެ. އިޒްރޭލާ ދެކޮޅަށް މިސައިލް ހަމަލާތަކެއް ފޮނުވައިލުމާއެކު ހަނގުރާމަ އެ އިއުލާންކުރީ އަންސާރު ﷲ އިންނެވެ. މާނަޔަކީ ހޫސީންގެ ސަރުކާރުންނެވެ. މިއީ ފަލަސްތީނުގެ ހަމާސް އާއި ލުބުނާނުގެ ހިޒްބު ﷲ އާއި އިރާގުގެ އަހުލީ އަލްހައްގު ފަދަ އީރާނަށް ވަފާތެރި ޖަމާއަތެކެވެ. އެކަމަކު ހަނގުރާމައިގެ ތަޖުރިބާ އެންމެނަށްވުރެ ބޮޑަށް ލިބިފައިވާ ޖަމާއަތެކެެވެ. އިޒްރޭލުގެ ދެކުނަށް ފޯރާވަރުގެ ދިގު ރާސްތާއެއް ލިބިގެންވާ މިސައިލްތައް ހޫސީންގެ އަތުގައި މިހާރު އެބަހުރިކަމަށް ބެލެވެއެވެ. އެހިސާބަށް ފޯރާވަރުގެ ޑްރޯން ހުރިކަން އަދި މުޅިއަކުން ކަށަވަރެއް ނޫނެވެ.
ގާޒާގައި ތިބެފައި ހަމާސްއިން އިޒްެރޭލަށް ރޮކެޓް ހަމަލަތައް ފޮނުވާ ބީދައިން އަދި ލުބުނާނުގައި ތިބެފައި ހިޒްބު ﷲ އިން އިޒްރޭލަށް ރޮކެޓް ފޮނުވާ ބީދައިން ޔަމަނުގެ އަންސާރު ﷲ އަށް އެކަން ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އޭގެ ސިއްރަކީ ޔަމަނާއި އިޒްރޭލުގެ ދުރުކަމެވެ. އެ ދޭތެރޭގައި ދެހާސް ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެއް އެބައޮތެވެ. އަމާޒަށް ވާސިލްވުމުގެ ކުރިން އެފަދަ މިސައިލްތައް ވައްޓައިލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެކަންކުރާނީ ހަމައެކަނި އިޒްރޭލަކުން ނޫނެވެ. ސައޫދީ އަރަބިޔާއިންވެސް ކުރާނެއެވެ. މިސްރުންވެސް ކުރާނެއެވެ. އެމެރިކާއިންވެސް ކުރާނެއެވެ. ހޫސީންގެ މިސައިލްތައް އުދުހޭނީ ސައޫދީ އަރަބިޔާގެ އައްސޭރިފަށުންނެވެ. ނުވަތަ ރަތްކަނޑުގެ މަތިންނެވެ. އިޒްރޭލުގެ އީލަތަށް އަމާޒުކޮށް ހޫސީން މިގޮތަށް ފޮނުވައިިލި ބައެއް މިސައިލްތައް ސައޫދީ ވައިގެ ބާރުތަކުން ވައްޓައިލިކަމުގެ ރިޕޯޓްތައްވެސް ދަނީ ލިބެމުންނެވެ. އެމެރިކާގެ މަނަވަރުތައް ރަތްކަނޑުގައި މިހާރުވެސް އެދަނީ ހަރަކާތްތެރި ވަމުންނެވެ. އެހެންވީމާ މި ހަނގުރާމައިގައި ހޫސީންނަށް މާކަބޮޑު ދައުރެއް އަދާކުރެވިދާނެ ކަމަށް ތަޖުރިބާކާރުންވެސް ގަބޫލެއް ނުކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ