އިންޑިއާ ސަރުކާރުން ފޯނު ހެކް ކުރާކަމުގެ ތުހުމަތު މައި އިދިކޮޅު ޕާޓީން ކޮށްފިއެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީ "ނެޝަނަލް ކޮންގްރެސް" އިން ވަނީ އެ ޕާޓީގެ އިސް ކޮށް ހަރަކާތްތެރިވާ ގިނަފަރާތްތަކަކަށް އެޕަލް އިން އެލާޓެއް ފޮނުވާފައިވާ ކަމަށް ބުނެފައެވެ.

އެޕަލް އައިފޯން ބޭނުންކުރާ ފަރާތްތަކަށް އައި އެލާޓުގައި ވަނީ އެފަރާތްތަކުގެ ފޯނު ހެކް ކުރަން ބަޔަކު މަސައްކަތް ކުރާ ކަމުގެ ވާހަކަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ މިނިސްޓަރުން ވަނީ އެކަން ދޮގުކުރައްވައިފައެވެ. އެކަން ސަރުކާރުން ތަހުގީގު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިދިކޮޅު ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވެސް ވަނީ ގިނަބަޔަކަށް އެމެސެޖު އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން މަޖިލީހުގެ އިދިކޮޅު މެންބަރުންނަށްވެސް އެ އެލާޓް ލިބުނު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ އިދިކޮޅުން އެ ގައުމުގެ ސަރުކާރަށް ހެކް ކުރަން އުޅޭކަމުގެ އިނގިލި ދިއްކުރާއިރު އެ ގައުމުގެ ބައެއް ނޫސްވެރިންނަށްވެސް އެ މެސެޖު ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.