އަންނަ އަހަރު ސަބްސިޑީ ދޭ އުސޫލު ބަދަލުކޮށް، އަހަރުގެ މެދު ތެރެއިން ފެށިގެން ބޭނުންޖެހޭ މީހުންނަށް އެކަނި ސަބްސިޑީ ދޭން ފަށަން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 49.5 ބިލިއަން ރުފިޔާ ބަޖެޓުގައި ބުނެފައިވާ ގޮތުން އިންޑައިރެކްޓް ސަބްސިޑީގެ ހަރަދަކީ އަންނަ އަހަރާއި މެދު ރާސްތާގައި އެންމެ ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވޭ ހަރަދެވެ.

އެގޮތުން ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން އިންޑައިރެކްޓް ސަބްސިޑީ ރިފޯމުކުރުމުން ކަރަންޓު ސަބްސިޑީ، ފިއުލް ސަބްސިޑީ، ކާޑުގެ ސަބްސިޑީ އަދި ނަރުދަމާގެ ސަބްސިޑީގެ ހަރަދު އަންނަ އަހަރު ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ބަޖެޓުގައި ބުނެފައިވާ ގޮތުން 2025 ވަނަ އަހަރުން ފެށިގެން ފިއުލް ސަބްސިޑީގެ ގޮތުގައި ދޭނީ މިހާރު މަސްވެރިންނަށް ދެމުންދާ ފިއުލް ސަބްސިޑީ އެކަންޏެވެ. އަދި އެ އަހަރުން ފެށިގެން ސަރުކާރުގެ ބަޖެޓުން ދޭން ރާވާފައިވާ އިންޑައިރެކްޓް ސަބްސިޑީތަކަކީ ޓްރާންސްޕޯޓް ސަބްސިޑީ، މަސްވެރިންނަށްދޭ ސަބްސިޑީ، ކުނި މެނޭޖްކުރުމަށްދޭ ސަބްސިޑީއެވެ.

ބަޖެޓުގައި ސަބްސިޑީ ސިޔާސަތަށް ބަދަލު ގެންނަން 2.2 ބިލިއަން ރުފިޔާ ބަޖެޓެއް ކަނޑައަޅާފައިވާ އިރު، އެ ފިޔަވަޅުތައް ނާޅައިފި ނަމަ، ސަބްސިޑީއަށް 3.4 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

ބަޖެޓުގައި ބުނެފައިވާ ގޮތުން ދައުލަތުގެ ސަބްސިޑީތައް ޓާގެޓް ކުރަން ފެށުމުން އަންނަ އަހަރުގެ އިންފްލެޝަން ނުވަތަ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އެވްރެޖްކޮށް 3.9 ޕަސެންޓުން އުފުލޭނެއެވެ.