މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާގެ މައްސަލަ އިމްތިޔާޒާއި ސުލޫކް ކޮމިޓީން ބަލައި ފިޔަވަޅު އަޅާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، އިއްޔެ އާއި އޭގެ ކުރީ ދުވަހުވެސް އެ ގަރާރު ކުރިއަށް ނުގެންގޮސް އެ ދެ ފަހަރު ބާއްވަން އޮތް ޖަލްސާވެސް ކެންސަލް ކުރުމުން އެމްޑީޕީ މެންބަރުންގެ ފާޑުކިޔުންތައް އަމީން އާންމަށް ވަނީ އަމާޒުވެފައެވެ.
އަމީން އާންމުގެ އެ ނިންމެވުންތަކަކީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފު ނިންމެވުންތަކެއް ކަމަށް ބުނެ އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއްވެސް ވައްދައިފައެވެ. އެހެންވެ އެމްޑީޕީން ވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ބުނެފައެވެ.
އެމްޑީޕީން އެހެން ބުނެފައި ވަނިކޮށް، ނަޝީދު މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރު ފަހަތަށް ޖައްސާލުމަށްފަހު މި އަހަރަށް ފާސްކުރި ބަޖެޓަށް އިތުރު ކުރަން ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުން މަޖިލީހުގެ އިދާރާއިން މިއަދުގެ ޖަލްސާއަށް އެޖެންޑާކުރިއެވެ. ނަމަވެސް ޖަލްސާ ކުރިއަށް ގެންދިއުމަށް އެމްޑީޕީން ވަނީ ހުރަސްއަޅައިފައެވެ.
މިއަދުގެ ޖަލްސާގައި ހިނގި ކަންކަމުގެ ތަފުސީލު ރާއްޖެޓީވީއާ ހިއްސާ ކުރައްވަމުން ރޮޒައިނާ ވިދާޅުވީ، މަޖިލީހުގެ ރައީސް ރިޔާސަތުގައި ނެތުމުން، ގާނޫނާ ހިލާފަށް މަސައްކަތް ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވަނީ އަމީން އާންމު ނިއުޝާ ކަމަށެވެ. އެކަން މިއަދުގެ މަޖިލިސް ޖަލްސާގެ ތަޅުމުގައި ފެނިގެންދިޔަ ކަމަށް ވިދާޅުވިއެވެ.
"އަފީފު ރިޔާސަތުން ފައިބައިވަޑައިގަންނަވަން ފެށީމަވެސް މަޖިލީހުގެ އަމީން އާންމު އަފީފުގެ ފަހަތުން ވަޑައިގެން ރިޔާސަތަށް ދާން އާދޭސް ކުރަމުންދިޔަ މަންޒަރު ފެނިގެންދިޔަ. އަދި ރިޔާސަތުން ފައިބައިވަޑައިގެން ރިޔާސަތުގެ ބިއްދޮށުގައި ގޮސް ހުއްޓުނީމަ އަލީ އާޒިމް އާއި ނިއުޝާއާ ދެބޭފުޅުން ގޮސް، ތިން ބޭފުޅުން މަޖިލީހުގެ ރިޔާސަތާ ގުޅޭ ކަންކަން ޑިސްކަސް ކުރަންޖެހޭ ކަމެއް އެނގިފައެއް ނެތް. އަޅުގަނޑުމެންނަށް ފެންނަނީ ނިއުޝާ މިކަން ކުރަން ހިފާފަ ހުރި މިންވަރު،" ރޮޒައިނާ ވިދާޅުވިއެވެ.
އޭގެ އިތުރުން މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ލައްވައި، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންތައް ކުރައްވަން އަމީން އާންމު އުޅުއްވި ކަމަށްވެސް ރޮޒައިނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
"އަފީފަށް ކިޔަން އިދާރީ މޭޒުން ދީފައި އޮތް ގަނޑަށް ބަލާލި އިރުގައި އޭގައި މި އޮންނަނީ އަމީރު މިތަނަށް (މަޖިލީހަށް) ބަޖެޓް ހުށަހަޅަން ވަޑައިނުގަތީމަ ބަޖެޓް ކޮމިޓީއަށް މިހާރު މި ފޮނުވުނީއޭ. މިއީ ކިހިނެއް ދެކޮޅު ޖެހޭ ކަމެއްތޯ،" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ، މަޖިލީހުގެ އަމީން އާންމު ނިއުޝާ އާއި ކައުންސެލާ ޖެނެރަލް ފިލްޒާ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްއާ ގުޅިގެން މަޖިލީހުގެ މުޅި އިމްތިޔާޒަށް އަރައިވަޑައިގަންނަވަމުންގެންދަވާ ކަމަށެވެ. އަދި އެ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރިއާލައި ރާވައިގެން ކަމަށްވެސް ވިދާޅުވިއެވެ.
"އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުގެ ފަރާތުން މަޖިލީހުގެ އަމީން އާންމާއި ކައުންސެލާ ޖެނެރަލް މިހާރު މި ކުރައްވާ ކަންތައްތަކާ ގުޅިގެން އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން. މަޖިލީހުގެ މުޅި އިމްތިޔާޒަށް އެ ދެބޭފުޅުން އެ އަރައިވަޑައިގަންނަވަނީ. އެހެންވީމަ އިމްތިޔާޒު ކޮމިޓީ މެދުވެރިކޮށް މަޖިލީހުގެ މަސައްކަތްތައް ފެށުމާ އެކީގައި އެ ބޭފުޅުންނާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން،" އެމްޑީޕީގެ މެޖޯރިޓީ އޮތް ކޮމިޓީއަށް އިޝާރާތް ކުރައްވައި ރޮޒައިނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު