އިންޑިއާގައި ދެ ރޭލު މުޑި އަރައި 13 މީހަކު މަރުވެއްޖެއެވެ.

އިރުދެކުނު އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ އަވަށަކުން އޮޑިޝާއަށް ދަތުރުކުރި އެ ރޭލުން 13 މީހުން މަރުވެފައިވާއިރު 50 މީހަކަށް އެކިވަރު އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މަރުވި މީހުންގެ ތެރެއިން މިހާތަނަށް 8 މީހަކު ދެނެގަނެވިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ ހާދިސާ ހިނގަން މެދުވެރިވީ ހިއުމަން އެރާއެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އެގޮތުން އެއީ ރޭލު ކޮންޓްރޯލް އިން ސިގްނަލް ދިނުމުގައި ދިމާވި މައްސަލައެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ރޭލުން 90 އަށްވުރެން ގިނަމީހުން ދަތުރުކުރިކަމަށް ބުނެފައެވެ. އަދި ރޭލު އެކްސިޑެންޓްވެ ހުއްޓުނީ ރޭލުގެ މަތިން އަޅާފައިވާ ކޭބަލްތަކުގައި އަޅައިގަނެގެން ކަމަށް ފުލުހުން ބުނެއެވެ.

އޮޑިއްޝާގައި ނުރައްކާތެރި ރޭލު އެކްސިޑެންޓު ހިނގާފައި މިވަނީ މީގެކުރިން އެސަރަހައްދުގައި ދެ ރޭލު ޖެހި 275 މީހުން މަރުވި ހާދިސާ ހިނގިތާ ހަތަރު މަސް ފަހުންނެވެ.