ވެރިކަން ބަދަލުވުމުގެ އިންތިގާލީ މި މަރުހަލާގައި ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ މުއާމަލާތްތައް އިންތަކުގެ ތެރެއިން ކުރުމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިއްޖެއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އިންތިގާލީ މަރުހަލާގެ ރޫހަކަށްވާންވާނީ ރައްޔިތުން އިންތިހާބުކޮށްފައިވާ އާ ސަރުކާރުގެ މަސައްކަތްތަކަށް މަގުފަހިވާހެން ވެރިކަމުގެ ބާރުތައް ބަދަލުކުރުން ކަމަށާއި އާ ސަރުކާރުން ރައްޔިތުންނަށްޓަކައި ތަންފީޒުކުރުމަށް ރާވާފައިވާ ސިޔާސަތުތަކަށް ފުރުސަތު ލިބޭނެހެން ދައުލަތުގެ ހަރު މުދަލާއި ފައިސާ އާއި މާލީ މުއާމަލާތްތައް ގާނޫނީ ހަމަތަކުގެ މަތީން ރައްކާތެރިކުރުން ކަމަށެވެ،
ނަމަވެސް، ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭ ގޮތުން ވިޔަފާރީގެ މުޅިން އާ މުއާމަލާތްތައް މި މަރުހަލާގައި ފެށުމާއި މި ފަދަ މުއާމަލާތްތަކާއި އެއްބަސްވުންތައް އަވަސް އަަރުވާލައިގެން ނިންމުމަށް މަސައްކަތްކުރުމަކީ އެ ކަންކަމުގައި ކޮރަޕްޝަން އެކުލެވިގެންވާ ކަމަށް ބެލުމުގެ ޖާގަ އޮންނާނެ ކަންތައްތަކެއް ކަމަށް އެ އޮފީހުން ބުންޏެވެ.
އަދި އެފަދަ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ބެލުމަށްފަހު ގާނޫނާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަންކަމާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ބުންޏެވެ.
"ވުމާއެކު މި މަރުހަލާގައި ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާތުގެ ކުންފުނިތަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގަވާ ވިޔަފާރިވެރިންނާއި އެންމެހާ ރައްޔިތުން ގާނޫނީ އިންތަކުގެ ތެރެއިން އެފަދަ މުއާމަލާތްތަކާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަށް ހާއްސަ ސަމާލުކަމެއް ދެއްވައި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުންވެސް ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އެ ފަރާތްތަކަށް ބާރުއަޅުއްވައިދެއްވުން އެދެމެވެ."
އެ އޮފީހުން އިތުރަށް ބުނީ، އެފަދަ މުއާމަލާތްތައް އަވަސް އަރުވާލައިގެން ނިންމުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ރައްޔިތުންގެ ނިންމުމަށާއި އިންތިގާލީ މި މަރުހަލާގެ ރޫހަށް އިހްތިރާމުކޮށް، ކަމޭހިތުން އިސްކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު