ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ) އިން ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ މައްސަލަތަކުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު އެ ފަނޑިޔާރުންނަށް ދޭން ޖެހޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ، ވަރިވާން ދިޔަ މީހަކަށް ގުޅައި މެސެޖު ކުރި މައްސަލައެއްގައި އދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައެވެ.

އަލީ އާދަމް ވަކި ކުރުމުގެ މައްސަލަ މިހާރު އޮތީ ޖުޑީޝަރީ ކޮމިޓީގައެވެ. އެ މައްސަލައިގައި މީގެކުރިން ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ، އޭނާ ވަކި ކުރުމުގެ އިޖުރާއަތްތައް ފުރިހަމަވާކަމަށް ޝައްކު އުފެދިފައިވާތީ އެކަން ބަލަން ނިންމައި އެކަން ސާފު ކޮށްދިނުމަށް ޖޭއެސްސީގައި އެދިފައެވެ.

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އެ މައްސަލައިގެ އިޖުރާއަތްތައް ގޮސްފައިވަނީ ރަނގަޅަށް ކަމަށް ޖޭއެސްސީން ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ. އެގޮތުން އެކަމާ ބެހޭ ތަފްސީލީ ސިޓީއެއް ޖޭއެސްސީން ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ފަނޑިޔާރާ ބެހޭ އެއް މައްސަލަ މިހާރު ކޮމިޓީގައި އޮތް ނަމަވެސް ކޮމިޓީއަށް ނައިސް އޭނާއާ ގުޅޭ އެ ބާވަތުގެ ދެ މައްސަލަ އަދި އެބައޮތް ކަމަށެވެ.

އެހެންކަމުން އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ޝަރީފް ކޮމިޓީ މެންބަރުންނަށް ފުރުސަތު ހުޅުވައިލެއްވިއެވެ.

އެ ފުރުސަތުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ، ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުގައި އެ ފަނޑިޔާރަކު ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރެވޭގޮތަށް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެ ކަންތަކުގައި މިހާތަނަށް ކޮމިޓީން އަމަލު ކޮށްފައި ވަނީ، ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ ވިޔަސް އަދި ފަނޑިޔާރަކު އައްޔަން ކުރަން ޖެހޭ މައްސަލައެއް ނަމަވެސް އެކަމުގެ އިޖުރާއަތްތައް ހިނގާފައި އޮތް ގޮތް ބެލުމަށްފަހު، ފަނޑިޔާރު ވަކިކުރަން ކޮމެޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވާ ގޮތަކަށެވެ. ފަނޑިޔާރު މަގާމަށް އައްޔަން ކުރުމަށް ކޮމިޓީން ރުހުން ދިނުމަށް ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވާ ގޮތަށެވެ.

ނަމަވެސް އަލީ ހުސެއިން މިއަދު ވިދާޅުވީ، އެ މައްސަލަތަކުގައި ފަނޑިޔާރުން ކޮމިޓީއަށް ހާޒިރު ކުރެވޭ ހާލަތްތަކުގައި ހާޒިރުކޮށް ސުވާލު ކުރުުގެ ފުރުސަތު ލިބުން މުހިއްމު ކަމެށެވެ. ފަނޑިޔާރުން ވަކިކޮށް އައްޔަންކުރުމުގައި އެކަން ހިމެނިފައި ނެތުން، ބަދަލުކޮށް ކޮމިޓީ މަސައްކަތްތަކުގެ ތެރޭގައި އެކަން ހިމަނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެފަދަ ކަންކަން އިޖުރައީ ގޮތުން ކޮށްފައިވާ ފުރިހަމަކުރުންތަކަށް ބަލައި، މަޖިލިސް ފްލޯއަށް ފޮނުވައިގެން ފަނޑިޔާރުން ވަކިކުރަން ނިންމާނަމަ އެއީ ދެރަކަމެއް ކަމަށެވެ.

"ފަނޑިޔާރަކު ވަކި ކުރުމަކީ އާދައިގެ ކަމެއް ނޫން، އެމީހަކު ވަކި ކުރުމުން މުޅި އުމުރަށްވެސް އެކަން އެމީހެއްގެ ބޮލުގައި އޮންނާނެ، ދެން ދިރިއުޅުމަށް ކުރާ މަސައްކަތަށްވެސް ހުރަސް އެޅިގެންދޭ، ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތެއް ނޯންނާނެ، މުޖުތަމައުގައި އޭނާއާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެގެންދާނެ،"

އެހެންކަމުން، ފަނޑިޔާރަކު ވަކިކުރަން ހުށަހަޅާ ކޮން މެ ހާލަތެއްގައި، އެ ފަނޑިޔާރު ބޭނުންވާ ކޮންމެ ހިނދެއްގައި ކޮމިޓީއަށް ހާޒިރުވެ މައްސަލައަށް ޖަވާބުދާރީވުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ. ހަމަ އެކަމާބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ޖޭއެސްސީއަށް އޮންނަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އިސްމެޖިސްޓްރޭޓް އަލީ އާދަމަށް ބޭނުންވާ ނަމަ ކޮމިޓީއަށް ހާޒިރުވެ އޭނާ ދައްކަންހުރި ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ކޮމިޓީން ފާސްކުރަން އަލީ ހުސެއިން ހުށަހެޅުއްވިއެވެ. ނަމަވެސް ވޯޓަށް އަހަން ބޭނުންވާ ވަރަށް ކޮމިޓީ ބައްދަލުވުމަށް މެންބަރުން ހާޒިރު ނުވާތީ އެ ހުށަހެޅުއްވު،ަށް ވޯޓަށް އެހޭވަރެއްނުވިއެވެ.