އިސްރާއީލުގެ ފްލައިޓެއް ރަޝިޔާއަށް ޖެއްސުމުން އާންމުން އެއާޕޯޓަށް ވަދެ މުޒާހަރާކޮށްފިއެވެ.

އިސްރާއީލުގެ ތެލްއަވީވް އިން ރަޝިޔާގެ މަކާޗްކަލާގައި ހުންނަ އެއާޕޯޓަކަށް ފްލައިޓު ޖެއްސުމާއެކު ގިނަ ބަޔަކު ވަނީ އެއެއާޕޯޓުތެރެއަށް ވަދެ ފްލައިޓު ޕާކު ކޮށްފައިވާ ހިސާބަށް ގޮސް އަޑުގަދަކޮށް މުޒާހަރާކޮށްފައެވެ.

ރަޝިޔާގެ ކަމާބެހޭ އިދާރާއިން ވަނީ އެއެއާޕޯޓު ބަންދުކޮށް ފުލުހުންގެ އެހީގައި އެއާޕޯޓު ހުސްކޮށްފައެވެ.

އޮފިޝަލުން ވަނީ އެއްވި މީހަކު ހައްޔަރު ނުކުރާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ބުނެފައެވެ.

މުޒާހަރާ ކުރި ފަރާތްތަކުން ތިބީ ފަލަސްތީނު ދިދަ ހިފައިގެންނެވެ. އަދި އިސްރާއީލުން ހިންގަމުންގެންދާ ގަތުލްއާންމު ކުށްވެރިކޮށް އަޑު އުފުލައިފައެވެ.

ހާދިސާ ހިނގުމާއެކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ ރަޝިޔާގެ ކަމާބެހޭ އިދާރާތަކުން އެ ހާދިސާ ތަހުގީގުކޮށް އިސްރާއީލުގެ މީހުން ރައްކާތެރިކުރުމަށް ގޮވާލާފައެވެ.